މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އުތުރުން ކުޅުދުއްފުށީ ސިޓީގެ އެކި ސަރަހައްދުތަކުގައި ރޭ ފެން ބޮޑުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެ ހިސާބުތަކުން ފެން ހިއްކުމަށާއި، އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް އެހީތެރިވުމަށް މޯލްޑިވިއަން ރެޑްކްރެސެންޓް ހދ. ބްރާންޗުން ހަރަކާތްތެވެފައިވާ ކަމަށް އެ ބްރާންޗުން ރޭ ވަނީ ބުނެފައެވެ.

Ad
rt

މިކަމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައި ވަނީ، އެ ސިޓީގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ފަރާތުން ވަގުތީ ހޮޓްލައިނެއް ގާއިމުކޮށްފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.

މިގޮތުން ފެންބޮޑުވެ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ އެ ކައުންސިލްގެ ވަގުތީ ހޮޓްލައިން ނަންބަރު 6527134 އަދި 6527136 އަށް ގުޅުމަށް އެކައުންސިލުން ވަނީ އެދިފައެވެ.

"ނަރުދަމާ ނިޒާމުގެ ތެރެއަށް ގޭގޭގެ ދިޔަދޮވި ހޮޅި ގުޅާފައިވާ ފަރާތްތަކުން މިހާރުން މިހާރަށް އެކަން އިސްލާހްކުރަން އަންގަން" ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.

މިގޮތަށް ދިޔަދޮވި ނަރުދަމާއާއި ގުޅުމުގެ ސަބަބުން ޕަމްޕް ސްޓޭޝަންތަކަށް ބާރުބޮޑުވެ، ފާޚާނާތަކުންނާއި މަގުމަތި ޖަންކްޝަންތަކުން ނަޖިސް ބޭރުވުން އެކަށީގެންވާކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން އިތުރަށް ވިދާޅުވީ، އެ ސިޓީގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޚިދުމަތް ރޭ 22:45 އިން ފެށިގެން މެދުކަނޑާލެވިފައި ވީނަމަވެސް ފެންބޮޑުވެގެން ނަން ނޯޓުކޮށްފައިވާ ގޭތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ވިއްސާރާގައި ކުޅުއްފުށީގައި ފެންބޮޑުވިއިރު، ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ކުރަމުންނެވެ. އެހެންކަމުން މޫސުމަށް ސަމާލެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.