މިއަދު ތައާރަފް ކުރެވުނު "ގަވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތް ވެގެން ދާނީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ހަރުދަނާ ފާލަމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަ ދައްކަވަމުން "ގަވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތާއެކު ލިބޭ އެންމެބޮޑު ފަސޭހައަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް ޢާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުންކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
މި ޚިދުމަތަކީ ރައްޔިތުންނާއި ވީހާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއްކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ މި ނިޒާމުގެ ޙަޤީޤީ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ޢާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަން ނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ޤާއިމުކުރަންޖެހޭކަމުގައެވެ.
މި ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ އާންމު މިންގަނޑުތަކާއި ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް އާންމުކުރެވި އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމެއް އޮފީސްތަކުގައި ޤާއިމުކުރެވޭނެއެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ނުލިބޭ ނަމަ، ހަމަ މިނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާއިރު، ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއް ވަގުތެއްގައި ބެލެން ހުންނާނެއެވެ.
މި ޚިދުމަތުން ލިބިދޭ ލުއިފަސޭހަތަކުގެ ތެރޭގައި، ޢާންމު ރައްޔިތަކު ކަމެއް ހުށަހެޅުމަށްޓަކައި އެ އޮފީހަކަށް ދާން ނުޖެހުމާއި ރަސްމީގަޑި ފެށެންދެން އެކަމެއް ހުށަހަޅަން މަޑުކުރަން ނުޖެހުމާއި އަދި އެ ހުށަހެޅި ކަމަކާ މެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލޭނެގޮތަށް ހަމަޖެހިފައި އޮތުންފަދަ ފައިދާތައް ހިމެނެއެވެ. މި ޚިދުމަތާއެކު އިދާރާތަކަށް ކުރާނެ ފައިދާތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ސިޓީ ބަދަލުކުރުމުގެ ނިޒާމު، ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ތެރެއިން ސީދާ ރައްޔިތުންނަށް ސިޓީ ފޮނުވޭނެ ގޮތްވުމާއި ސިޓީ އާއި ޝަކުވާ ހުށަހަޅަން އޮފީހުގެ ކައުންޓަރަށް އަންނަ މީހުންގެ އަދަދު މަދުކުރެވޭ ގޮތްވުމާއި ރައްޔިތުން ހުށަހަޅާ ސިޓީ/ޝަކުވާ ފަދަ ލިޔުންތައް މެނޭޖްކުރަން ފަސޭހަވުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!