އިބްރޭ ވިދާޅުވީ އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ކަންތައްތައް އިސްލާޙް ކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އަދި މި ސަރުކާރަކީ މިފަދަ ހުރިހާ މައްސަލައެއް ތަހުގީގުކޮށް ބަލައި، އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވި ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ނަމަވެސް، މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވާހަކަ ދެއްކެވިއިރު އެއްވެސް ހެޔޮ ނިޔަތެއް ނުފެނުނުކަމަށް އޭނާ ވިދާޅުވިއެވެ.
"ވޭތުވެދިޔަ ސަރުކާރުގައި އިންސާފު އޮތީ ކިހިނެއްތޯ، ޖަނަވާރުންނަށް ވެސް އިންސާފް ނުލިބޭ، އިންސާނުން ކީއްތޯ؟ އަޅުގަނޑުމެން އަޑުއެހިން ޖުމްހޫރީ މައިދާނަށް ތިރިކުރާ ކޮތަރުތަކަށް ކާންނުދީ މަރަން އަމުރުކުރިކަމަށް" އިބްރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮތަރަކީ ދީނުގައި ވެސް ވަރަށް މަތިވެރިކުރައްވާފައިވާ ދޫންޏެއްކަމަށެވެ. ކޮތަރަށް އިންސާފް ނުލިބުނުއިރު އިންސާނުންނަށް އިންސާފް ލިބޭނީ ކިހިނެތްތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އެ ސަރުކާރުގެ ދުވަސްވަރު މަގުމަތީ 35 މީހެއް މަރާލެވުނު އިރުވެސް، އޭރު ސުޕަރ މެޖޯރިޓީ އޮތް މިހާރުގެ އިދިކޮޅު ފަރާތްތަކަށް އެކަން ކުއްވެރިކޮށް ކަރުދާހެއްހާ ހިސާބުވެސް ހުށަހަޅަން ނުކެރުނު ކަމަށް އިބްރޭ ވިދާޅުވިއެވެ.
"ދުވާލުގެ މެންދުރުވަގުތުގައި ރާއްޖޭގެ އެންމެ ގިނަ މީހުން ހިނގާ މާލޭގެ މަޖީދީމަގުގައި، 2 ކިލޯ މީޓަރުގައި ހުރި ގަސްތައް އެއްކޮޅުން އަނެއްކޮޅަށް ކަނޑަމުން ދިޔައިރުގައި ބަލާލެވޭ މީހަކުވެސް އެތާކުނެތް، ދަންނަ މީހަކުވެސްނެތް، ކެނޑުމީހަކުވެސް ނެތް މިހާރު، މި ހާލަތު ހުރިވަރަކީ ކޮބާތޯ އިންސާފު" އިބްރޭ ވިދާޅުވިއެވެ.
އިބްރޭ ވިދާޅުވީ ކުރީގެ ގޮތްނޭނގޭ މަރުތަކުގެ މައްސަލަ ކޮންމެވެސް ވަރަކަށް އެ ސަރުކާރުން ވެސް ބައްލަވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށާއި، ނަމަވެސް އެއްވެސް ކަމެއް ނުކޮށް ހަމައެކަނި ކުރި ކަމަކީ އެމައްސަލަ ފޮރުވަން ކުރިކަންތައްތައް ކަމަށެވެ. އަދި އެމައްސަތައް ފޮރުވާ ވަކި ދުވަސްވަރަކު ހިންގި ޖަރީމާތައް ނުބެލޭގޮތް ހަދައި، ހެކި ފޮރުވިކަމަަށް އިބްރޭ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލަވެސް ދިޔައީ އެމަގުން ކަމަށާއި، ވައްކަން ކޮށްފައި ހެކި ފޮރުވަން ކަރުދާސްތައް އަންދައި އެކަމުގައި ޝާމިލްވި މީހުންގެ ފުރާނަ އެކި ގައުމުތަކުގައި ދުއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސަރުކާރުގައި އޭރުއޮތް މަޖިލީހަށް ވެސް ކަންކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި، މެންބަރުން ލޮލަށް ފެނުނަނުދޭން ޕެޕަރ ސްޕްރޭ ޖެހިކަމަށް އިބްރޭ ވިދާޅުވިއެވެ.
އިންސާފޭކިޔައިގެން ހެޔޮ ނިޔަތުގައި ކުރާނަމަ އިދިކޮޅު ފަރާތްތަކާއެކު ވެސް މަސައްކަތް ކުރަން ތައްޔާރަށް ތިއްބެވިކަމަށާއި، ނަމަވެސް އިދިކޮޅުގައި ހެޔޮ ނިތްނެތްކަމަށް އިބްރޭ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!