ކަނޑުމަތިން ހޮވައިގެން ގެނެސް، ހއ. ދިއްދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބޯޓެއް ނީލަމުގައި ވިއްކާލުމަށް އެ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލުން މިއަދު ނެރެނު އިއުލާނެއްގައި ބުނެފައިވަނީ އެ ބޯޓު ގަތުމަށް ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެއެވެ.
ކައުންސިލުގެ އިއުލާނުގައި ވާގޮތުން، މި ބޯޓަކީ ފައިބަރ ނުވަތަ ލަކުޑިން ހަދާފައިވާ ދިގުމިނުގައި 64 ފޫޓު، ފުޅާ މިނުގައި 16.7 ފޫޓު އަދި ފުންމިނުގައި 5.2 ފޫޓު ހުންނަ މުށި ކުލައިގެ ބޯޓެކެވެ. އަދި މި ބޯޓުގެ އިންޖީނެއް އަޅާފައިވާނަމަވެސް ހުރީ ހަލާކުވެފަ ކަމަށާއި އެ ބޯޓަކީ ކޮންގައުމެއްގެ ކާކުގެ އެއްޗެއްކަން އެ ކައުންސިލަށް އެނގިފައި ނުވާކަން އެ އިއުލާނުގައި ފާހަގަކުރެއްވި އެވެ. ބޯޓު ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅިވާލާފައިވާކަމަށް ކައުންސިލުން ހާމަކުރެއްވިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބޯޓަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އެރަށު ކަންނެލި ދޯންޏަކުން ހޮވައިގެންގެނައި ބޯޓެއްކަމަށެވެ. އަދި މި ބޯޓު ހޮވާފައިވަނީ ހދ. މަކުނުދޫއާއި ދިމާ ބޭރުން ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
" ފާއިތުވި އަހަރެއްހާ ދުވަހު ކައުންސިލުން މަސައްކަތްކުރީ އެ ބޯޓުގެ ވެރިފަރާތެއް ހޯދުމަށް. އެހެންނަމަވެސް ވެރިފަރާތެއް ނުވުމުން އަޅުގަނޑުމެން ނިންމީ އެ ބޯޓު ނީލަންކިއުމަށް "
ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަދި މި ބޯޓަކީ އީރާން ފަދަ ބޭރު ގައުމުތަކުގައި މަސްވެރިކަން ކުރުމަށް ބޭނުންކުރާ ޒާތުގެ ބޯޓެއްކަންވެސް ރަޝީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ބޯޓަށް މިއަދުން ފެށިގެން ނީލަން ފެށޭނެ ކަމަށާއި އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށް ނީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ދިއްދޫ ކައުންސިލުން ވިދާޅުވިއެވެ.

އަދި ނީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި އެ ކައުންސިލުން ހަމަޖައްސާފައިވަނީ -/50000 ރުފިޔާ ކަމަށާއި ފަހަރަކު އެންމެ ދަށްކޮށް އިތުރުކުރެވޭނީ -/5000 ރުފިޔާ ކަންވެސް އެ ކައުންސިލުން ފާހަގަކުރެއްވި އެވެެ.
ނީލަމަށް އެދި ހުށަހާޅަނަމަ އަމިއްލަ ފަރުދެއް ނަމަ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ގުޅޭނެ ފޯނު ނަންބަރާއެކު، އަގު (ދިވެހި ރުފިޔާއިން) ބަޔާން ކުރާ ސިޓީއަކާއި އައިޑީ ކާޑްގެ ސާފްކޮޕީ ހިމަނަންޖެހޭނެއެވެ. އަދި ކުންފުންޏެއްނަމަ ސީޓީއާއެކު އެ ކައުންސިލާއި މުއާމަލާތްކުރާނެ ފަރާތާއި އެ ފަރާތާއި ގުޅޭނެ ނަންބަރ އަދި އަގު (ދިވެހި ރުފިޔާއިން) ބަޔާން ކޮށްފައިވާ ސިޓީއާއި ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަން ޖެހޭނެކަމަށް ދިއްދޫ ކައުންސިލްގެ އިއުލާނުގައި ވިދާޅުވިއެވެ.

މި ލިޔެކިޔުންތަކާއެކު ، ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އާއި މެންދުރުފަހު 2:00 އާއި ދެމެދު އެ ކައުންސްގެ އިދާރާއަށް ހުށަހެޅޭނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ހޮވައިގެން ގެނެސްފައިވާ ބޯޓް ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެ ކަމަށްވެސް އެ ކައުންސިލުން ފާހަގަކުރެއްވިއެވެ. ސިޓީ ހުޅުވުން އޮންނާނީ ދިއްދޫ ކައުންސިލްގެ އިދާރާގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!