ކޯވިޑް-19 ބަލިމަޑުކަން ފެތުރި ހާލަތު ގޯސްވެފައިވާ ހދ.ނޮޅިވަރަންގައި، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ހިންގާ ވަގުތު އިތުރުކޮށްފިއެވެ.

ކޯވިޑްއާއި ގުޅިގެން ފާއިތުވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

Ad
rt

އެގޮތުން އެ ދުވަހުން ފެށިގެން އިއްޔެއާއި ހިސާބަށް އެ ރަށުގައި 18:00 އިން ހެނދުނު 06:00 އަށް އައިސްފައިވަނީ ކާފިއު ހިންގަމުންނެވެ. ނަމަވެސް ބަލީގެ ހާލަތު އަދިވެސް ގޯސްކޮށް ފެންނަމުންދާތީ ބަލިން ރައްކާތެރި ވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅު ވަރުގަދަ ކުރުމުގެ ތެރެއިން ކާފިއު ވަގުތު ވެސް މިހާރު ވަނީ އިތުރު ކޮށްފައެވެ.

މިގޮތުން 07 ސެޕްޓެމްބަރ 2021 އިން ފެށިގެން ހަވީރު 16:00 އިން ހެނދުނު 06:00 އަށް އެ ރަށުގައި ކާފިއު ހިންގުމަށް ކޯވިޑް ޓާސްކްފޯސްގެ ފަރާތުން ވަނީ ނިންމާފައެވެ.

ނޮޅިވަރަން ސިއްހީ މަރުކަޒުން 05 ސެޕްޓެމްބަރ 2021 ގައި އާންމު ކޮށްފައިވާ އެ ރަށުގެ ކޯވިޑްގެ ތަފާތު ހިސާބު ބުނާގޮތުން އެ ރަށުން އެންމެ ފަހުން ނެގުނު 65 ސާމްޕަލްގެ ތެރެއިން 12 ސާމްޕަލެއް މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

ވުމާއިއެކު މިހާރު އެ ރަށުގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 159 އަށް އަރާފައެވެ. ތިންހާހާއި ގާތްކުރާ އާބާދީއެއް އޮންނަ ނޮޅިވަރަންގައި ކޯވިޑްގެ ސަބަބުން މިހާރު ވެސް 124 ގެއެއް ވަނީ މޮނީޓަރިންއަށް ލާފައެވެ.

ކޯވިޑް ކޭސްތަކެއް ފެނިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިންއަށް ލާފައި ވަނީ ހުސްވި އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.