ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
މި ދަތުރު ފުޅުގައި ރައީސްގެ ދެ ކަނބަލުން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ށ. އަތޮޅުގެ 4 ރަށަކަށާއި، ރ. އަތޮޅުގެ 4 ރަށަކަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މިގޮތުން ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގޫދޫ، ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގެތީމު އަދި ރ. އޮނގޮޅިތީމެވެ.
މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި ރައީސްގެ ދެކަނބަލުން އެރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތްވެސް އިފްތިތާޙްކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރެޔެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!