ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމުގެ ކުރިން ރައްޔިތުންނާ ހިއްސާކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތުން އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްޤީގެ ޕްލޭން ފާސްކުރުމުގެ ކުރިން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން 20 އޯގަސްޓް 2021 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
ކުޅުދުއްފުށި ސިޓީއިން މިހާރު ވެސް ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެންނަމުންދާތީ ކޯވިޑްގެ ހާލަތު ގޯސްވުމުގެ ފުރުޞަތު އޮތުމާވެސް އެކުގައި އެފަދަ ހާލަތުގައި ކަންކުރާނެ ގޮތްވެސް އެ ކައުންސިލުން މިއަދު ވަނީ އާންމު ކޮށްފައެވެ. މިގޮތުން ކޯވިޑްގެ ހާލަތު ގޯސްވެއްޖެނަމަ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެ ކައުންސިލްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފްޞީލް ހިއްސާ ކުރާނެ ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމަށް ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުންނަށް ސިޓީ ކައުންސިލުން ވަނީ ދައުވަތު އަރުވާފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ، އެ ސިޓީގެ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތަކެއް ކްލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!