ހދ. ނޮޅިވަރަން ކަނޑޫފަލުން ކަނޑޫގަސް ނުކެނޑުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން އާންމުކޮށްފައިވާ ނޯޓުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ވަރަށްގިނަ އަދަދެއްގެ ކަނޑޫ ގަސްތައް ކަނޑަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad
rt

މިގޮތަށް ކަނޑޫ ގަސްތައް ކަނޑަމުންދާނަމަ ކަނޑޫފާގެ ކަނޑޫ ގަސްތައް ހުސްވެ ނެތިގޮސް ތިމާވެށީގެ ގޮތުން އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ ކަނޑޫފާތަކުން ކަނޑޫގަސް ނުކެނޑުމަށް ނަސޭހަތްތެރިވާ ކަމުގައި އެ ކައުންސިލުގެ ނޯޓުގައި ވިދާޅުވެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ނޮޅިވަރަން ކައުންސިލް މެމްބަރ އަދި މީޑިއާ ކޯޑިނޭޓަރ މުޙައްމަދު މުޞްތަފާ ވިދާޅުވެފައި ވަނީ ކަނޑޫފާތަކުގައި ހެދޭ ކަނޑުލާއި ބޮޑުވަތްކާއި ރަނޑޫ އަދި ތެލަ ފަދަ ގަސްތަކަކީ ކާބަފައިންގެ ޒަމާނުއްސުރެ ވެސް ކަނޑާއުޅޭ ގަސްތަކެއް ނޫން ކަމަށެވެ.

އެކަމުގައި އެ ޒަމާނުއްސުރެ އެންމެންތަބާވާ ހަރުދަނާ އުސޫލެއް އޮތްކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ކަނޑޫފަލުން ކަނޑޫގަސްތައް ކެނޑުމުގެ މައްސަލަ ބައެއް އުމުރުން ދުވަސްވީ ފަރާތްތަކުން ވެސް ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ކަނޑޫފަލުގައި ހެދޭ މިފަދަ ގަސްތަކަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ގަސްތަކަކަށް ވެސް ވެފައި އެ ގަސްތައް ކަނޑަން ވެއްޖެނަމަ އެތަންތަނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެތީއާއި ވެސް އެކު އެއްވެސް ފަރާތަކުން އެ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް އެ ކައުންސިލުން ނަސޭހަތްތެރިވާ ކަމަށެވެ.

ނޮޅިވަރަން ކަނޑުފާގައި ހެދޭ ބައެއް ބާވަތްތަކުގެ ގަސްތައް މަރުވަމުން ދިޔުމާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަސްތެރޭ އެ ރަށުގެ ޒުވާނުން އިސްނަގައިގެން ބޮޑުވަކި ގަސް އިންދާ އާލާކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްގެ ދަށުން އެ ރަށުގެ ކަނޑޫފަލާއި ޗަކަބިންތައް ހިމެނޭ ޝަރަހައްދުތަކުގައި 200 އަށްވުރެ ގިނަ ބޮޑުވަކި ގަސް ވަނީ އިންދާފައެވެ.

މި ފަހަކަށް އައިސް އުތުރުގެ ތިން އަތޮޅަށް ނިސްބަތްވާ ގިނަ ރަށްތަކެއްގެ ކަނޑޫފާތައް ދަނީ މަރުވަމުންނެވެ. މިގޮތުން ށ. ފޭދޫ، ށ. ފަރުކޮޅު، ހދ. ނޭކުރެންދޫ، ހދ.ނޮޅިވަރަން، ހދ. ވައިކަރަދޫ، ހދ.ކޭލަކުނުގެ އިތުރުން ހއ. ކެލާގެ ކަނޑޫފާގެ ކަނޑޫ ގަސްތައް މަރުވުމުގެ މައްސަލަ ވަނީ ކުރިމަތި ވެފައެވެ. އެ ރަށްރަށުގެ ކައުންސިލްތަކުން މިކަން ވަނީ ސަރުކާރުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.