އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީއާއެކު ސަރުކާރުން ކުރިއަށްގެންދާ “އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް” (ޕޮއިސްޑް) ގެދަށުން ހދ. ނޭކުރެންދޫގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ މި ޕްރޮޖެކްޓަކީ ސޯލާ އާއި ޑީސަލްގެ ހައިބްރިޑް ޕަވާ ޖެނެރޭޝަން ސިސްޓަމެއް ތައާރަފުކޮށް، ޑީސަލް ބޭނުންކޮށްގެންއުފައްދާ ހަކަތައަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމެވެ.
މި ޕްރޮޖެކްޓުގެ ދަށުން ނޭކުރެންދޫގައި 116 ކިލޯވޮޓް ޕީކްގެ ސޯލާ ޕީވީ ސިސްޓަމް ހަރު ކުރާނެއެވެ.
ފެނަކަ އިން ބުނީ އެެ ސިސްޓަމް ގާއިމުކޮށް ނިމުމުން ކަރަންޓު ދިނުމަށް އެ ކުންފުނިން ތެލަށް ކުރާ ހަރަދުން ކޮންމެ އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑުގެ މިންވަރު ހަތަރު ޓަނު މަދުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށްދާ މަރުހަލާގައި ހދ. ގެ ރަށްރަށުގައި އިތުރުވެފައިވާ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް 3.5 މެގަވޮޓުގެ ސޯލާ ސިސްޓަމްހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ ސްޓްރެޓިޖިކް އެކަޝަން ޕްލޭނާ އެއް ގޮތަށް، ފެނަކައިގެ އަމާޒަކީ އުފައްދާ ހަކަތައިގެ 70 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!