ހއ. ދިއްދޫ ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މިއަދު ކުރެވުނު އޮޕަރޭޝަން ކާމިޔާބު ކަމުގައި، ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ރަށު ޖަމްޢިއްޔާއެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފިއެވެ.
އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި ފަޟީލްގެ ހާލުވެސް އަދި ކިޑްނީ ހަދިޔާކުރި އޭނާގެ ބޭބެގެ ހާލުވެސް ރަނގަޅެވެ. ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އިންޑިއާގެ މިއޮޓް ހޮސްޕިޓަލްގައެވެ.
ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން "ތިލަދުން" ނޫހުގައި ވެސް ވަނީ މި އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ފަޟީލްގެ ހާލަތު ބަޔާންކޮށް ރިޕޯޓެއް ވެސް ޖަހާފައެވެ.
މީގެއިތުރުން ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިސްނަގައިގެން އެ ރަށުގެ މުއައްސަސާތަކާއި އަދި ރައްޔިތުންނާއި ގުޅިގެން ވެސް ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ ފައިސާގެ އެހީ ހޯދުމަށް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
https://thiladhun.wonstasite.com/56348
މިގޮތުން ހިންގާފައިވާ ހަރަކާތްތަކަށް ބަލައިލާއިރު "ހެލްޕް ފަޟީލް ފޯ ކިޑްނީ ޓްރާންސްޕްލާންޓް” ގެ ނަމުގައި މި އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދެ ދުވަހު ވަނީ ހަރަކާތެއް ހިންގާފައެވެ. އެ ރަށުގެ ކުދިބޮޑު އެންމެންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި އިވެންޓުން 86،711.75 ރުފިޔާއާއި، 81 ޔޫއެސް ޑޮލަރު ވަނީ ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!