ށ. ފީވަކުން އިތުރު 12 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިމަހުގެ 6 އަދި 7 ވަނަ ދުވަހު ފީވަކުން ނެގުނު ސާމްޕަލްތަކުގެ ނަތީޖާ ހާމަކުރައްވަމުން ފީވަކު ސިއްޙީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ ދެ ދުވަހު 29 ސާމްޕަލެއް އެރަށުން ވަނީ ނަގާފައެވެ.
އޭގެތެރެއިން 12 ސާމްޕަލެއް ޕޮޒިޓިވްވިއިރު، ބާކީ 17 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ.
އެހެންކަމުން އެރަށުގައި މި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ 96 އަށް އަރާފައެވެ.
އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު، އިތުރު ފަރުވާއަށް ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
މިވަގުތު ފީވަކުގެ 30 ގެއެއްގައި ކޯވިޑް ބަލިޖެހިފައި ތިބި މީހުން އެބަތިއްބެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް އޮތީ ވެސް ބަންދުކޮށްފަ އެވެ.
ކޯވިޑްގެ ސަބަބުން އުތުރުން އެ އަތޮޅު ފޯކައިދޫ ވެސް ބަންދު ކޮށްފައި އޮތްއިރު، ހދ. ގެ ވެރިރަށް ކުޅުދުއްފުށީ ސިޓީ ވެސް އޮތީ ބަންދުކޮށްފައެވެ. އަދި ހއ. ވެރިރަށް ދިއްދޫއާއި އެ އަތޮޅު ތަކަންދޫ ވެސް އޮތީ ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!