އިތުރު 2 މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށި ސިޓީގައި ތިބި އެކްޓިވް ކޭސްތަކުގެ އަދަދު 65 އަކަށް އަރައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާމަކުރެއްވި ގޮތުގައި އިއްޔެ ނެގުނު 147 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 2 މީހުންނެވެ.
އަދި ޑައިރެކްޓް ކޮންޓެކްޓުން ގިނަ އަދަދަކަށް ޕޮޒިޓިވް ވަމުންދާތީ، ގައިދުރުކަން ބެހެއްޓެވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އަދި މާސްކު އަޅައި، ގިނަގިނައިން ސައިބޯނިލައިން އަތް ދޮވުމަށް ކޭއާރްއެޗްއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ހުމާއި ރޯގާގެ އަލާމާތްތައް ހުރި މީހުން ލަސް ނުކޮށް ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަން ފާހަގަކުރައްވާ ކޭއާރްއެޗް އިން ވަނީ އެ ހޮސްޕިޓަލުގެ ފުލޫ އޯޕީޑީއަށް ގޮސް، ނުވަތަ އެ ހޮސްޕިޓަލްގެ ހޮޓްލައިން ނަންބަރު 7606688 އަށް ގުޅާ ނޫނީ އެސްއެމްއެސް ކުރައްވައިގެން ސާމްޕަލް ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް އެދިލައްވާފައެވެ.
މިދިޔަމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީ ބަންދުކޮށްފައިވާއިރު، އެ ސިޓީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފައެވެ.
މިގޮތުން އޯގަސްޓް 1 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ކޮންމެ މީހަކު ވެސް މާސްކު އެޅުމަށާއި، އަދި އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ ޓެކްސީ ޑްރައިވަރުންނާއި ފިހަރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ޚިދުމަތް ދެއްވަން ތިއްބަވާއިރު މާސްކް އަޅުއްވައިގެން ތިއްބެވުމަށެވެ.
މީގެއިތުރުން އެ ސިޓީގައި ހެދިފައިވާ ޕާކު ތަކާއި އާންމު އެންމެހާ ތަންތަނާއި މޫދަށް އެރޭ ސަރަހައްދު ވެސް ބަންދު ކުރެވިފައިވާތީ އެފަދަ އެއްވެސް ތަނަކަށް އެއްވެސް ފަރާތަކުން ނުދިއުމަށާއި، ގުރޫޕް ހަދައިގެން ނޫޅުމަށާއި، ކޮންމެހެން ނުކުންނަން ޖެހިގެންނޫނީ ގެއިން ބޭރަށް ނުދިއުމަށާއި، އަދި ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށެވެ.
މިހާރުވެސް ކަރަންޓީންގައި ތިއްބެވި ފަރާތްތަކުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރައްވަމުން ގެންދިޔުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!