ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު 4 މީހަކު ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.
އެ ސިޓީން އަންގާރަ ދުވަހު 4 މީހަކު ޕޮޒިޓިވްވިއިރު، ހޯމަ ދުވަހު ވެސް ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި އިއްޔެ ޕޮޒިޓިވްވި 4 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގުނު 8 ސާމްޕަލަކުން ޕޮޒިޓިވްވި ސާމްޕަލް ތަކެކެވެ.
ހޯމަ ދުވަހު ޕޮޒިޓިވްވި 3 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ.
ހޯމަ އަދި އަންގާރަ ދުވަހު ނަތީޖާ ލިބުނު ހުރިހާ ރެންޑަމް ސާމްޕަލްތައް ވެސް ނެގެޓިވްވެފައިވާ ކަމަށް ކޭއާރުއެޗްއިން ވިދާޅުވިއެވެ. މިގޮތުން ހޯމަ ދުވަހު 16 ރެންޑަމް ސާމްޕަލެއް އަދި އަންގާރަ ދުވަހު 162 ރެންޑަމް ސާމްޕަލެއްގެ ނަތީޖާ ލިބިފަވެއެވެ.
މިދިޔަމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީ ބަންދުކޮށްފައިވާއިރު، އެ ސިޓީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފައެވެ.
މިގޮތުން އޯގަސްޓް 1 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ކޮންމެ މީހަކު ވެސް މާސްކު އެޅުމަށާއި، އަދި އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ ޓެކްސީ ޑްރައިވަރުންނާއި ފިހަރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ޚިދުމަތް ދެއްވަން ތިއްބަވާއިރު މާސްކް އަޅުއްވައިގެން ތިއްބެވުމަށެވެ.
މީގެއިތުރުން އެ ސިޓީގައި ހެދިފައިވާ ޕާކު ތަކާއި އާންމު އެންމެހާ ތަންތަނާއި މޫދަށް އެރޭ ސަރަހައްދު ވެސް ބަންދު ކުރެވިފައިވާތީ އެފަދަ އެއްވެސް ތަނަކަށް އެއްވެސް ފަރާތަކުން ނުދިއުމަށާއި، ގުރޫޕް ހަދައިގެން ނޫޅުމަށާއި، ކޮންމެހެން ނުކުންނަން ޖެހިގެންނޫނީ ގެއިން ބޭރަށް ނުދިއުމަށާއި، އަދި ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށެވެ.
މިހާރުވެސް ކަރަންޓީންގައި ތިއްބެވި ފަރާތްތަކުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރައްވަމުން ގެންދިޔުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!