ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހއ. ދިއްދޫގައި ކަރަންޓީނު ކުރެވިފައިވާ ގޭތަކުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު 500 ރުފިޔާ ހަމަޖައްސައި ދިނުމަށް ސަރުކާރަށް، ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ގޮވާލައިފިއެވެ.
ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތުމަށްފަހު ބަންދުން ވީއްލުނުތާ ހަފުތާއެއްގެ ތެރޭގައި ރަށުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވްވެގެން އަލުން ދިއްދޫ ބަންދުކުރީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ދިއްދޫ ރައީސް ޢަބުދުﷲ ރަޝީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ މޮނިޓަރިންގަ އޮންނަތާ ގިނަދުވަސް ތަކެއް ވަމުން ދާތީ ކަރަންޓީން ކޮއްފަވާ ގެތަކުގެ ރައްޔިތުންނަ އެހީވުމުގެ ގޮތުން ކޮންމެ ދުވަހަކު ކަރަންޓީން ކޮއްފަވާ ގެތަކުގެ ރައްޔިތުންނަ 500ރ ދިނުމަށް ސަރުކާރައް ގޮވާލާކަމަށެވެ.
"ހޮޓާ, ރެސްޓޯރެންޓު އަދި ވިޔަފާރިވެރިންނާއި,އަމިއްލަ މަސައްކަތުން ދިރިއުޅެމުންދާ ފަރާތް ތަކަށް ލިބެމުންދާ ބޮނޑެތި ގެއްލުން ތަކަށް އަވަސް ހައްލެއް ހޯދާދިނުމަކީ ސަރުކާރުން މިހާރުން މިހާރަށް ކޮއްދެންޖެހި ފައިވާ ކަމެއް ކަމުގައި ދެކޭތީ އާއީ އެކަމަކީ އަޅުގަނޑުވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދެކެން" އޭނާ ވިދާޅުވެފަވެއެވެ.
ކޯވިޑްގެ ސަބަބުން ދިއްދޫގެ 40 އަށްވުރެ ގިނަ ގޭ މޮނީޓަރިންގައި ހުރިއިރު، ޖުލައި 26 ކްލަސްޓާއިން ދިއްދޫގައި މިވަގުތު ތިބި ކޯވިޑް ބަލި މީހުންގެ އަދަދަކީ 17 އެވެ.
ދިއްދޫގެ އިތުރުން އެ އަތޮޅު ތަކަންދޫ ވެސް އޮތީ ބަންދު ކޮށްފައެވެ. އަދި ހދ. ގެ ވެރިރަށް ކުޅުދުއްފުށީ ސިޓީ ވެސް އޮތީ ބަންދުކޮށްފައެވެ.
ކޯވިޑްގެ ސަބަބުން ދުނިޔެ ކުރަމުން އަންނަ އުނދަގޫ، ދަތި ތަޖުރިބާ ދިވެހި އެތަކެއް ރައްޔިތުންނެއް ވެސް ކޮށްފައިވާއިރު، ހާލަތުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ވެސް ކުރައްވަމުންނެވެ. އަދި ކޯވިޑްގެ ސަބަބުން އިގްތިޞާދު އިނދަޖެހުމުން އަލުން އިގްތިޞާދު ކޮޅަށް ޖެހުމަށް ގިނަ އެހީތަކެއް ވެސް ސަރުކާރުން އަންނަނީ ފޯރުކޮށް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!