ހއ. ދިއްދޫގައި އަންހެންވެރިންނަށް ޚާއްސަ ކޮށް ބޭސިކް ފަހާ ކޯހެއް ފަށަން ނިންމައިފި އެވެ.
މި ކޯސް އިންތިޒާމް ކޮށްފައިވަނީ ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީންނެވެ.
އެ ކޮމިޓީން އިއްޔެ ވަނީ މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކައް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 00:00 ގެ ކުރިން ނަންނޯޓުކުރަން ޖެހޭނެކަމަށް އެ ކޮމިޓީން ހާމަކުރިއެވެ.
15 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ހަމަޖެހިފާވާ މި ކޯހުގެ ޝަރުތުތަކަކީ އުމުރުން 18 އަހަރުވެފައިވާ އަންހެނަކަށް ވުން އަދި ދިއްދޫ ރައްޔިތެއްކަމުގައިވުން ނުވަތަ ދިއްދޫގައި ދިރިއުޅޭ މީހެއްކަމުގައި ވުމެވެ. މި ކޯހުގެ ފީ އަކީ -/1500 ރުފިޔާއެވެ.
ކޯހުގައި ބައިވެރިވިނަ ހޮވުމުގައި ދިއްދޫގައި ދިރިއުޅޭ ފަރާތަކަށް ވުމާއި، ބޭސިކް ފަހާ ކޯހެއް ހަދާފައިވާ ފަރާތަކަށް ނުވުމުގެ އިތުރުން އަލަށް ފަހަން ދަސްކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިސްކަން ދެވޭނެ އެވެ.
މީގެ އިތުރުން، ކޯހުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ފަރާތައް ވުރެ ގިނައިން ކޯހުގައި ބައިވެރިވާން އެދިފާވާނަމަ، ކޯހުގެ ބައިވެރިވާ ފަރާތެއް ހޮވަން ހަމަޖެހިފާ ވަނީ ގުރުއަތުލައިން ކަމަށް އަންހެނުންގެ ކޮމިޓީން އާންމު ކުރިއެވެ.
ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ބުނިގޮތުގައި މި ކޯހުގެ މައިގަނޑު މަގުސަދަކީ އެ ކޮމިޓީގެ ފަރާތުން ދިއްދޫ އަންހެންވެރިންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހި ކުރުމަށް ބޭއްވޭ ކޯހެއްކަމަށެވެ. މި ކޯހުގައި އެކި ވައްތަރުގެ ހެދުމާއި ހަރުވާޅު، ބެޑްޝީޓް އަދި ކަވަރ ފަދަ ތަކެތި ފަހަން ދަސްކޮށްދޭނެ ކަމަށް އެ ކޮމިޓީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!