ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެ ބައެއް މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް އިތުރު ކުރުމާމެދު އެރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން މެސެޖުތައް ލިބިވަޑައިގެންފައި އޮތީ އެހެން ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް އުތުރަށް ކުރެއްވި ދަތުރުގައި އިއްޔެ ވަނީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު 30 މީހަކާއި ބައްދަލު ކުރަށްވާ މަޝްވަރާ ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒުވެސް ބައިވެރިވެ ވަޑައިގަތެވެ.

Ad
rt

އެ ބައްދަލުވުމުގައި ބިމާބެހޭގޮތުން ހަނިމާދޫ ރައްޔިތުންގެ ފަރާތުން ފާޅުކުރި ޝުއޫރުތައް އަޑު އެއްސެވުމަށްފަހު ދެއްކެވި ވާހަކާގައި، އެ ބިމާބެހޭ ގޮތުން ކުރިން މެސެޖުތައް ލިބިވަޑައިގަނެފައި ހުރީ އެހެން ގޮތަކަށް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ބައިވެރިން ކިޔައިދިނެވެ.

ކުރިން އަޑުއިވިވަޑައިގެންފައި ހުރީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އުޅެނީ އެ ރަށުން އެމްއެންޑީއެފް ބޭރުކުރަން ކަމަށާއި، "ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް އުޅޭ ވާހަކަތައް ކަހަލަ ވާހަކަތަކެއް ކަމަށް" މިނިސްޓަރު ވިދާޅުވިކަމަށް އެމީހުން ކިޔައިދިނެވެ.

ހަނިމާދޫ ރައްޔިތުންގެ އަސްލު ކަންބޮޑުވުން އޮޅުންފިލައިވަޑައިގެންފިކަމަށާއި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރަށްވާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިކަމަށް ވެސް އެބައިވެރިން ކިޔައިދިނެވެ.

https://thiladhun.wonstasite.com/68706

ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރެއިން "ތިލަދުން"އިން ވާހަކަ ދެއްކި ބައިވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. އެމީހުން ބުނީ ރައީސް ޞާލިޙްވެސް އަދި މިނިސްޓަރު ފައްޔާޒުވެސް ރައްޔިތުންގެ ވާހަކަ އަޑުއައްސަވައި، އެކަމަށް ޖާގަ ދެއްވި ކަމަށާއި، އަދި ތިއްބެވީ ރައްޔިތުންގެ ވިންދާއެކު ކުރިއަށް ވަޑައިގަތުމުގެ ވިސްނުމުގައި ކަމަށް ސާފުވިކަމަށެވެ.

"އެ ބޭފުޅުން ބާރުއެޅުއްވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫޢު ހިންގުމަށް ލަސްތަކެއް އައިސްދާނެ ބަދަލެއް ނުގެނެސް ވާނެގޮތަކަށް ވިސްނުން ބެހެއްޓުމަށް، މިސާލަކަށް ކުރެހުމުގައި އޮތް ގޮތަށް ބަދަލެއް ގެންނަ ނަމަ ލަސްތަކެއްއައިސްދާނެތީ އެނޫން ހައްލެއް ގެނައުމަށް، ދެން ބައްލަވާފައި ގެނެވެންހުރި ބަދަލު ގެނެސް ދެއްވާނެ ކަމަށް ވިދާޅުވި" އެމީހުން ކިޔައިދިނެވެ.

އެމީހުން ބުނީ އެ އެއާޕޯޓް މަޝްރޫޢު ލަސްވުމަށް އެ މީހުން ވެސް ނޭދޭ ކަމަށާއި، ހަމައެކަނި އެދުނު ކަމަކީ އެއާޕޯޓު ތަރައްގީވެގެން އަންނައިރު ރަށާއި، ރައްޔިތުންނަށް ވެސް އެންމެ މަންފާކުރުވަނިވި ފަދައަކުން އެކަން ކޮށްދެއްވުމަށް ކަމަށެވެ. އަދި ރައީސް ޞާލިޙް މިހާރު ހޯއްދަވައި ދެއްވި ހައްލުން ސަލާމަތް ކުރެވިގެން އެދިޔައީ މިވަގުތު ރަށުގައި ބާކީ އޮތް އެންމެ ރަނގަޅު ބިންކަން އެމީހުން ފާހަގަ ކުރިއެވެ.