ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އުތުރުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގެތެރެއިން ހދ. ކުމުންދޫއަށް ވަޑައިގެން އެ ރަށު ކަނޑޫފަލުގައި ތަރައްޤީ ކޮށްފައިވާ "ވެހިސަރާ ނޭޗާ ޕާކް" އަށް ޒިޔާރަތް ކުރައްވައި އެތަނުގެ ފެންގަނޑު މެދުގައި ހެދިފައިވާ ބްރިޖުމަތީ ނަގާފައިވާ ހިތްގައިމު ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 17 ޖުލައި 2021 ވީ ހޮނިހިރު ދުވަހު ކުމުންދޫއަށް ވަޑައިގެން އެ ރަށު ކަނޑޫފަލަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވާލާފައެވެ.

Ad
rt

އެ ދެކަނބަލުން ކަނޑޫފާ ބައްލަވައިލަން ވަޑައިގެންނެވިއިރު އެ ސަރަހައްދުގައި ކުމުންދޫގެ ކަނބަލުން ވަނީ ކުރީގައި ދިވެހުން ކޮށްއުޅުނު ބައެއް މަސައްކަތްތައް ދައްކުވައި ދިނުމުގެ ގޮތުން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ރޯނުވެށުމާއި، ކަށިކެޔޮ ލިޔުމާއި، ފަންގެ ވިނުމުގެ އިތުރުން ކަނޑޫ ކެހުންފަދަ މަސައްކަތް ކުމުންދޫ ކަނބަލުން ވަނީ ދައްކުވައިދީފައެވެ.

https://thiladhun.wonstasite.com/41741

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުމުންދޫ ހެލްތު ސެންޓަރަށާއި، ކުމުންދޫ ކައުންސިލުގެ އިތުރުން ކުމުންދޫ ސްކޫލަށް ވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ. މީގެއިތުރުން ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވައި އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި، ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ދަތި އުނދަގޫ މައްސަލަތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި 16 ޖުލައި 2021 ވަނަ ދުވަހު ފުރަތަމަ ވަޑައިގެންފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. 17 ޖުލައި 2021 ގައި ކުމުންދޫއަށް ވަޑައިގެންނެވިއިރު، އެ ދުވަހު އިރުއޮއްސުންއިރު ވަނީ ހަނިމާދޫއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގެ ފަހު މަންޒިލަކީ ހަނިމާދޫއެވެ.

https://thiladhun.wonstasite.com/42113

"ވެހިސަރާ ނޭޗާ ޕާކް" އަކީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކަނޑޫފަލުގައި ތަރައްޤީ ކޮށްފައިވާ ޕާކެކެވެ. މި ޕާކުގެ ފެންގަނޑު މެދުގައި ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލުމަށް ހަޓަކާއި އަދި ހަޓަށް ދިޔުމަށް 60 ފޫޓު ދިގުމިނުގެ ފާލަމަކާއި، ކަނޑޫފަލުގެ ފެންގަނޑު ހުރަސް ކުރުމަށް 12 ވަރަކަށް ފޫޓްގެ ބުރިޖެއް އަޅާފައިވެއެވެ. އަދި އުނދޯއްޔާއި ލަކުޑި ބެންޗްތައް ވެސް އެތަނުގެ ބެހެއްޓިފައި ހުރެއެވެ. އަދި އެތަން ތަރައްޤީ ކޮށްފައިވަނީ ކުޅީގެ ހިތްގައިމުކަން ބަލައިލުމަށް ކެނޯވެސް ދުއްވާލެވޭ ގޮތަށެވެ.

މި ޕާކް 05 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ފަހު ވަނީ ކުމުންދޫ ކައުންސިލާއި ހަވާލުކޮށްފައެވެ. މިއީ މިހާރު ކުމުންދޫގެ އެންމެ މަޤުބޫލު އެއް މަންޒިލެވެ.