1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން ތަރައްޤީކުރުމަށް ނިންމާފައިވާ، "ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް" ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިން ސަރުކާރުން މިއަދު އާންމުކޮށްފި އެވެ.
މިގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން މިއަދު އާންމު ކުރެއްވި ޓައިމްލައިންގައިވާ ގޮތުން މި މަޝްރޫޢުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން 29ގެ ނިޔަލަށް ނިންމާލާނެއެވެ.
މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓާއި ޕްރީކޮލިފިކޭޝަން މަސައްކަތް މިހާރު ނިންމާފައިވާއިރު، މި މަޝްރޫއުގެ ޓޭންޑާ މަސައްކަތް ފެށުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށް އެ ޓައިމްލައިން ބުނެއެވެ. އަދި އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަޝްރޫއު ބަޔަކާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ.
މި މަޝްރޫޢުގެ ދަށުން ކުރާނެ މައިގަނޑު މަސައްކަތްތައް ގޮތުގައި އެއާޕޯޓްގެ އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުމާއި އަދި އެއާޕޯޓުގެ ރަންވޭ 2460 މީޓަރަށް ބޮޑުކުރަން ނިންމާފައިވާއިރު، ފޭސް 2 ގައި ރަންވޭ 3000 މީޓަރަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އަދި ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭއެއް ހެދުމާއި، ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ފަރުމާކުރުމާއެކު، ކޯޑް އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ވެސް ގާއިމުކުރުން ހިމެނެއެވެ. ފަސިންޖަރުންނަށް ޚާއްޞަ ޖެޓީއެއް ވެސް މި މަޝްރޫޢުގެ ތެރެއިން ހަދަން ނިންމާފައިވާއިރު، ދެވަނަ ފޭސްގައި ސީ ޕްލޭން އޮޕަރޭޝަންއަށް ޓާމިނަލެއް ވެސް ހަދާނެއެވެ.
https://thiladhun.wonstasite.com/58266
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުންނެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރާނީ އިންޑިއާގެ ކުންފުނިތަކުންނެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް 853،937 އަކަފޫޓުގެ ބިމެއް އިތުރު ކޮށްދެއްވުމަށް އެދި ޕްލޭނިން މިނިސްޓްރީން ހަނިމާދޫ ކައުންސިލުގައި އެދިލައްވާފައި ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މި ބިމުގެ މައްސަލާގައި ހަނިމާދޫގެ ރައްޔިތުންނާއި ކުލަބް ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ސަރުކާރުން ވަނީ ބޭނުންވާ ބިމުގެ ސައިޒު ކުޑަކޮށްފައެވެ. އެގޮތުން ސަރުކާރުން ވަނީ ފަހުން 420،316 އަކަފޫޓުގެ ބިމެއް އިތުރު ކޮށްދެއްވުމަށް ކައުންސިލުގައި އެދިލައްވާފައެވެ. ނަމަވެސް ބާކީ ބިންވެސް ރިޒާވްކޮށްފައި ބޭއްވުމަށް އެދިފައިވާ ކަމަށް ވެއެވެ. އަދި މިހާތަނަށް ކައުންސިލުން މިކަމަށް ވަކިގޮތެއް ނިންމާފައިވާކަމެއް އެނގިފައެއްނުވެއެވެ.
https://thiladhun.wonstasite.com/67600
ހަނިމާދޫގެ ތިން ޖަމިއްޔާ އިސްވެ، އެކަމާއި ކަންބޮޑުވުންފާޅުކޮށް އެކަން ހައްލުކޮށް ދިނުމަށް އެދި ދަނީ އަޑު އުފުލާފައިވާއިރު، އެކަމާއިމެދު ހުރި ކަންބޮޑުވުން ފާޅުކޮށް ހަނިމާދޫ ރައްޔިތުންގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
https://thiladhun.wonstasite.com/65060
އުތުރުގެ 3 ރަށަކަށް ރައީސް ޞާލިޙް މިހާރު ކުރަށްވަމުންދާ ޒިޔާރަތުގައި މިއަދު ހަނިމާދޫއަށް ވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މި ބިމާބެހޭގޮތުން ވެސް މަޝްވަރާކުރަށްވާނެކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. އަދި އެއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!