އުތުރުގެ ތިން ރަށްކަމަށްވާ ކުޅުދުއްފުށި ސިޓީއާއި، ކުމުންދޫ އަދި ހަނިމާދޫއަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލުގެ އިސް ވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައެވެ.

Ad
rt

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި އެ ތިން ސްކޫލުގެ ވެރިންވަނީ އެތައް ޒަމާނެއް ވަންދެން އެ ސްކޫލުތަކުގައި ޙައްލު ނުލިބި ހުރި އެތައްކަމެއް މި ސަރުކާރުން ހައްލު ކޮށްދެއްވައިފި ކަމުގައި ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ސްކޫލްތަކުގެ ވެރިންވަނީ އެ ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި، ޕްލޭންކުރެވިފައިވާ ޢުމްރާނީ މަޝްރޫޢުތައް ބާރަށް ކުރިޔަށްދާތީ އެކަން ވެސް ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއި، ބޭނުންވާ އިތުރު ކަންކަމާއި އިންސާނީ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމާއި އަދި ކުދިންގެ ތަޢުލީމް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މަޝްވަރާ ސްކޫލްތަކުގެ އިސް ވެރިންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަފީފުއްދީން ސްކޫލަކީ ރާއްޖޭގައި އަލަށް ވަށާޖެހޭ ތަޢުލީމު ފުރިހަމަވާގޮތަށް ފަރުމާކުރާ 5 ސްކޫލުގެ ތެރެއިން މިއަހަރު ތަރައްޤީ ކުރާ 2 ސްކޫލުގެ ތެރޭގައި ހިމެނޭ އެއް ސްކޫލުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ މުސާރަތައް ހާމޮނައިޒްކުރުމުގެ ގޮތުން ސަރުކާރުން ފައްޓަވައިފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށްކަން ހާމަކުރައްވާފައެވެ. އަދި، ތަޢުލީމީ ދާއިރާއިން މިދުވަސްވަރު ކުރިޔަށްގެންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ސްކޫލް ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.