ހއ. އިހަވަންދޫގައި ޑެންގޫ ހުން ފެތުރެމުން ދާތީ އެކަމަށް ސަމާލުވާން އެރަށު ކައުންސިލުން އަންގައިފިއެވެ.
އިހަވަންދޫ ކައުންސިލުން މިއަދު އާންމުކުރި ގޮތުގައި ޑެންގޫ ހުން ފެތުރެމުންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ވަނީ ދަންނަވާފައެވެ.
މީގެއިތުރުން، މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި މަދިރި އާލާވާގޮތަށް ރަށުގައި ހުރި ތަންތަން ބަލައި އެތަންތަން ރަނގަޅުކުރުމުގެ މަސައްކަތް އާމިނާދިޔޯ ސިއްހީމަރުކަޒާއި އެ ކައުންސިލާއި ގުޅިގެން ފަށާފައިވާ ވާހަކަވެސް ދެންނެވިއެވެ.
މިގޮތުން، އާމިނާދިޔޯ ސިއްހީމަރުކަޒާއި ކައުންސިލް ގުޅިގެން މިއަދުން ފެށިގެން އެ ރަށުގެ ގެތަކަށް ޒިޔާރަތްކުރަމުން ދާނެކަމަށް ކައުންސިލުން ހާމަކުރިއެވެ.
ޑެންގޫހުން ހުއްޓުވުމަށް ފެށިފައިވާ ޕްރޮގްރާމްގައި އުޅުއްވާ ޓީމަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށާއި، މިބަލިން ރައްކާތެރިވުމަށް ފަރުދީގޮތުންވެސް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް އިހަވަންދޫ ކައުންސިލުންވަނީ ރަށުގެ ރައްޔިތުންނަށް ނަޞޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!