ޖޫން 24 ފެނުނު ދިއްދޫ ކްލަސްޓާއާއި ގުޅިގެން ހއ. ދިއްދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ.

ދިއްދޫގެ ކޯވިޑްގެ އަޕްޑޭޓް އެރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ހާމަކުރެއްވީ މިއަދު 14:50 ގައެވެ. އެވަގުތާއި ހަމައަށް އެރަށުން 106 މީހަކު ޕޮޒިޓިވްވެފައިވާއިރު އަލަށް ޕޮޒިޓިވްވީ 4 މީހެކެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ޕޮޒިޓިވްވި 3 މީހެކެވެ.

Ad
rt

ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި އިތުރު މީހެއް ޕޮޒިޓިވްވިއިރު، ދިއްދޫ ފްލޫ ކްލިނިކުން މިދިޔަ ޖޫން މަހުގެ 24 އިން މިހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން 35 ސާމްޕަލްއެއް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ޖޫން 24 ދިއްދޫ ކްލަސްޓާއާއި ގުޅިގެން މިވަގުތު އެރަށުގައި ކޯވިޑް ބަލީގެ 105 މީހަކު އެބަތިއްބެވެ. އެކަކު ނިޔާވެފައިވާއިރު އެއީ ބިދޭސީއެކެވެ. އެ ކްލަސްޓާއި ގުޅިގެން 992 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާއިރު 82 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ދިއްދޫގެ ކޯވިޑްގެ ހާލަތު ގޯސްވުމުން އެރަށު ކައުންސިލުން ވަނީ އެރަށުގައި ހިންގާފައިވާ ކާފިއުގެ ވަގުތުވެސް އިތުރުކޮށްފައެވެ. މިގޮތުން މިއަދުންފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހަވީރު 4:00 އިން ފަތިހު 4:00އަށް ކާފިއު ވަގުތުވަނީ އިތުރުކޮށްފައެވެ. މީގެކުރީން އެރަށުގެ ކާފިއުގެ ވަގުތަކީ ހަވީރު 4 އިން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 9 އިން ފަތިހު 4 އަށެވެ.

ދިއްދޫގައި ކާފިއުގެ ވަގުތު އިތުރުކުރުމުގެ އިތުރުން ވަނީ ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އަދި ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެރަށުގެ 249 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.

ޖޫން 24 ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެދުވަހުން ފެށިގެން އެރަށް މޮނިޓަރިންގައި އޮތްއިރު، މިއަހަރުގެ މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން އެފަހަރު އެރަށް 1 މަހާއި 4 ދުވަހު މޮނިޓަރިންގައި އޮތެވެ. އަދި މެއި 15 ވަނަ ދުވަހު އެ ކްލާސްޓާގައި ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގައި ހުރި އުމުރުން 83 އަހަރު އަންހެނަކު ވަނީ ނިޔާވެފައެވެ. މޮނިޓަރިން ނެގުމާއި ހަމައަށް އެފަހަރު އެރަށުން 142 މީހަކަށް ބަލި ޖެހުނެވެ.