ހދ. ހަނިމާދޫއިން އިތުރު 5 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު އަނެއްކާވެސް މައްޗަށް އަރައިފިއެވެ.

އެރަށުން އިތުރު 5 މީހަކު ޕޮޒިޓިވްވުމުން މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 29 އެވެ.

Ad
rt

ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، 17 ޖޫން 2021 ވަނަ ދުވަހު ނެގުނު 50 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ.

އެއީ އަލާމާތް ހުރެގެން ޓެސްޓުކުރި 3 ފަރާތަކާއި ކަރަންޓީން ކޮށްފައިހުރި ގެއަކުން ނެގުނު ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލަކާއި އަދި ކަރަންޓީން ކޮށްފައިހުރި އެހެން ގެއަކުން ނެގުނު އިތުރު ސާމްޕަލެއް ކަމަށް ވެސް ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވިއެވެ.

މިއުލޫމާތު ލިބިފައިވާ ގޮތުގައި މި 5 މީހުންނަކީ ވެސް ހަނިމާދޫ އަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި ހަނިމާދޫ ސްކޫލް ދަރިވަރެއް ވެސް ހިމެނެއެވެ.

މިއަދު އެރަށުން ފުރަތަމަ ޕޮޒިޓިވްވިކަން އިނގުނީ 11 މީހެކެވެ. މީގެތެރޭގައި ހިމެނެނީ މީގެކުރިން ހަނިމާދޫއިން މި ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިގެން ސާމްޕަލް ނެގުފައިވާ ބިދޭސީންގެ ތެރެއިން 7 ބިދޭސީއަކާއި، އަދި ރެންޑަމްކޮށް ސާމްޕަލް ނެގުނު ބިދޭސީންގެ ތެރެއިން ތިން ބިދޭސީއެއްގެ އިތުރުން، މި ބަލީގެ އަލާމާތް ހުރެގެން ސާމްޕަލް ނެގުނު ހަނިމާދޫ ސްކޫލު ދަރިވަރެކެވެ.

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވީކަން އިނގުނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން އެކަކީ ހަނިމާދޫ ސްކޫލްގެ ދަރިވަރެކެވެ. އެދުވަހުން ފަށައިގެން އެ ރަށް މޮނިޓަރިން ހާލަތުގައި އޮތްއިރު މިހާތަނަށް 325 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ.