ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ބެލްޖިއަމްއާއި ޑެންމާކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ބެލްޖިއަމް ޖާގަ ހޯދައިފިއެވެ. މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ޑެންމާކުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
ޑެންމާކްގެ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ދެވަނަ މިނެޓުގައި ބްލްޖިއަމްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޑެންމާކުން ވަނީ ލަނޑުޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޔޫސުފް ޕޮއުލްސަންއެވެ. މި ލަނޑަށް ފަހު ވެސް ފުރަތަމަ ހާފުގައި ޑެންމާކުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގައި ޑެންމާކާއި ފިންލޭންޑް ބައްދަލުކުރި މެޗުގެ ދިހަވަނަ މިނެޓުގައި ޑެންމާކްގެ ކްރިސްޓިއަން އެރިކްޝަން ހޭނެތިގެން ދަނޑުމައްޗަށް ވެއްޓި ހާލު ސީރިއަސް ވުމާއި ގުޅިގެން އެރިކްޝަންއަށް ހިތްވަރު ދިނުމުގެ ގޮތުން މިރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ކުޅުން ހުއްޓުވާލައި މިނެޓެއް ވަންދެން އަތްތިލަ ބަޑި ޖަހާފައި ވެއެވެ.
މެޗުގެ ފުރަތަމަ ހާފު ޑެންމާކް ކުރީގައި އޮވެގެން ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމްގެ އިތުބާރު މިޑްފީލްޑަރ ޑިބްރޭނާ ކުޅެން ނުކުމެ މެޗު ވަނީ ބެލްޖިއަމްގެ ކޮޅަށް އަނބުރާލާފައެވެ. މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްފައިވަނީ ތޯގަން ހަޒާޑެވެ. މެޗުގައި އެ ޓީމް މޮޅުވެފައި ވަނީ 70 ވަނަ މިނެޓުގައި ހަޒާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑިބްރޭނާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ބައިކޮޅަށް ވަތްލަނޑާއި އެކު ޑެންމާކުން ވަނީ އަނެއްކާވެސް މެޗުގެ ކޮންޓްރޯލް އަތުލައި ބެލްޖިއަމްއަށް ބާރު ބޮޑުކޮށްފައެވެ. މެޗުގެ ފަހު ދިހަ މިނެޓްތެރޭ އެ ޓީމުން ގިނަ ހަމަލާތަކެއް ވެސް ވަނީ އުފައްދާފައެވެ. މިގޮތުން ޑެންމާކްގެ ފޯވާޑް ބްރެތުވެއިޓް ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ބެލްޖިއަމްގެ ގޯލިގެ ދަނޑިއަށް ވެސް އަމާޒުވެފައެވެ.
މުބާރާތުގައި ބެލްޖިއަމް ކުޅުނު ދެ މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވާއިރު މިވަގުތު ތާވަލުގެ އެއްވަނާގައި ހަ ޕޮއިންޓާއި އެކު އޮތީވެސް އެ ޓީމެވެ. ދެވަނާގައި ރަޝިއާ ތިން ޕޮއިންޓާއިއެކު އޮތްއިރު ތިންވަނާގައި އޮތް ފިންލޭންޑަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ބަލިވި ޑެންމާކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!