ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ނޯތު މެސެޑޯނިއާއާއި ޔުކްރެއިން ބައްދަލުކުރި މެޗު ޔުކްރެއިނުން ކާމިޔާބުކޮށް ދެވަނަ ބުރަށް ދިއުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

ރޮމޭނިއާގެ ނެޝަނަލް އެރީނާ ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗު ޔުކްރެއިން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ޔުކްރެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން މެސެޑޯނިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ވަނީ ފޮނުވާލާފައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި އެ ޓީމްގެ މަލިނޯސްކީ ފޮނުވާލި ހަމަލާ މެސެޑޯނިއާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މި މެޗުގައި ޔުކްރެއިން އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު އެ ޓީމަށް ލިބުނު ކޯނަރަކުން ތަނަވަސް ވީ ފުރުޞަތެއްގައި 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޔަމޮލެންކޯއެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި ޔަމޮލެންކޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮމަން ޔަރެމްޗަކްއެވެ.

މި މެޗުގައި މެސެޑޯނިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް ޕަންޑޭވް އަށް ޔުކްރެއިން އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މެސެޑޯނިއާގެ މިޑްފީލްޑަރ އަލިއޯސްކީ ފޮނުވާލު ޕެނަލްޓީ ޔުކްރެއިންގެ ކީޕަރު ދިފާއުކުރި ނަމަވެސް ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެސެޑޯނިއާއިން ވަނީ މެޗުގައި ލަނޑު ކާމިޔާބު ކޮށްފައެވެ.

މި މޮޅާއިއެކު ޔުކްރެއިން ދެވަނަ ބުރުގެ އުންމީދު ދެމެހެއްޓިއިރު، ނޯތު މެސެޑޯނިއާއިން މުބާރާތުގައި ކުޅުނު ދެމެޗުން ބަލިވުމާއި އެކު އެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.