ހއ. ކެލާ ރައްޔިތުން ވެސް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދީ، އެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން 26،900 ރުފިޔާ ހަދިޔާކޮށްފިއެވެ.

މިފައިސާއަކީ، ކެލާ ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކެލާ ކައުންސިލުން އިސްނަގައިގެން ހިންގި ފައިސާއެއްކުރުމުގެ ހަރަކާތުން ލިބުނު ފައިސާއެވެ.

Ad
rt

މިގޮތުން ކެލާ ކައުންސިލުން ވަނީ އެ ކައުންސިލް އިދާރާގައި ބެހެއްޓި ފަންޑު ފޮށްޓަށް ލިބުނު 26900 ރުފިޔާ އިންޓަނޭޝަނަކް އެއިންޕޭންގެ އެކައުންޓަށް އިއްޔެ ޖަމާކޮށްފައެވެ.

މީގެއިތުރުން ކެލާ ކައުންސިލުން ވަނީ، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނު ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ފަލަސްތީނާއެކު ކެލާ ރައްޔިތުން ތިބިކަން އަންގައިދިނުމަށް ކެލާގައި ވަނީ ޝުއޫރު ފާޅުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތް އޮތީ ހުސްވި މެއި މަހުގެ 21 ވަނަ ދުވަހު ކެލާ ފުޓުބޯޅަ ދަނޑުގައެވެ. މިހަރަކާތުގައި ކެލާ ކައުންސިލާ ރަށުގެ އެހެން މުއަށްސަސާތަކާއި އަދި އާންމު ރައްޔިތުން ބައިވެރިވިއެވެ. މިއީ އެ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ކެލާ ކައުންސިލުން މައުލޫމާތު ދެއްވައެެވެ.

މި މައުލޫމާތު ހިއްސާ ކުރަށްވަމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް "ތިލަދުން"އަށް ވިދާޅުވީ، މިކަމުގައި ކެލާ ރައްޔިތުން ކައުންސިލަށް ދިން އެެއްބާރު ލުމަށް ވަރަށް ބޮޑަށް ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށެވެ.

"މި ފުރުސްތު ކެލާ ރައްޔިތުންނަށް ފަހިކޮށްދިން ކަމަށްޓަކައި އިންޓަނޭޝަނަލް އެއިޑް ކެންޕޭން ހިންގާ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރަން" އިންފާޒް ވިދާޅުވިއެވެ.

ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން އަތްގަދަކޮށްގެން ތިބި އިޒްރާއީލުން އެ މާތް ބިންތަކުގައި މުސްލިމް ފަލަސްތީނު އަޚުންނާއި އުޚުތުންގެ ލޭ އޮހޮރުވައި، ޝަހީދުކޮށް، ގެދޮރު ސުންނާފަތި ކުރަމުންދާއިރު މުޅި ދިވެހިރާއްޖެ ވެސް ވަނީ ފަލަސްތީނާއެކު އޮތްކަން ދައްކުވައި ދީފައެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކަކުންނާއި، އެކި ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ފަލަސްތީނަށް އެހީތެރިވުމަށް ފައިސާ ހަދިޔާ ކުރަމުންނެވެ.