ކުޅުދުއްފުށީ ސިޓީގެ ކުނިކޮށި ސާފު ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ބުނީ ކުނިކޮށި ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކުނިކޮށްޓަށް ގެންދާ ކުނި ޒިންމާދާރު ކަމާއެކު އުކާލުން މުހިންމު ކަމަށެވެ. އެހެންކަމުން ކުނި ގެންދާއިރު ކައުންސިލުން ބުނެފައިވާ ގޮތްތަކަށް އަމަލު ކުރަން އެ ކައުންސިލުން ވަނީ އެދިފައެވެ.
ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި ކުނިވާޒާތުގެ ކުނި އުކާލަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށެވެ. އަދި ޕިކަޕުތަކުން ގެންނަ ކުންޏާއި ގާކުނޑި އަދި ދަނގަނޑާއި ބިއްލޫރިވެސް އެކަމަށް ހާއްސަ ސަރަހައްދަށް އުކާލަން ވަނީ އަންގައިފައެވެ. މި ސަރަހައްދުތައް އެނގޭނެހެން ޗާޓެއް އެ ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.

ކުނި ކޮށީގެ މަގުމައްޗަށްވާގޮތަށް ކުނި އުކާލުމަކީ މަނާކަމަކެވެ. އެހެންކަމުން އެގޮތަށް އަމަލު ނުކުރުމަށް ކައުންސިލުން އެދެއެވެ.
ކުޅުދުއްފުށި ސިޓީގެ ކުނިކޮށި ސާފު ކުރަނީ އެ ކޮށީގައި ގިނަ ދުވަސްވަންދެން ގިނަ އަދަދެއްގެ ކުނި ޖަމާވެފައި ހުރުމުންނެވެ. މި މަސައްކަތް ވެމްކޯއިން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!