ކޯވިޑް ބަލީގެ ސަބަބުން އަދިވެސް މޮނިޓަރިން ހާލަތުގައި އޮތް ހއ. އަތޮޅުގެ ވެރިރަށް ދިއްދޫއިން އިއްޔެ 155 ރެންޑަމް ސާމްޕަލެއް ނަގައިފިއެވެ.
އެރަށް މޮނިޓަރިން ހާލަތުގައި އޮންނަތާ މިއަދަށް އެއް މަސް ދުވަސް ހަމަވާނެއެވެ.
ދިއްދޫއިން ޕޮޒިޓިވްވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސް މިވަގުތު އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 16 އެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް "ތިލަދުން"އަށް ވިދާޅުވީ، މިހާލަތުން އަރައި ގަތުމަށް މުޅި ދިއްދޫ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ބަލީގެ ހާލަތު ވަޒަން ކުރުމަށް އިއްޔެ އެރަށުން 155 ރެންޑަމް ސާމްޕަލެއް ނަގާފައި ވާކަމަށެވެ.
އަޝްތަފް ވަނީ އެމަސައްކަތުގައި ރެޕިޑް ރެސްޕޯންޑް ޓީމާއި، ހއ. ހޮސްޕިޓަލްގެ މުވައްޒަފުންނާއި، އެކަމުގައި ޝާމިލްވާ އެންމެން ކޮށްދެއްވާ އަގުހުރި މަސައްކަތް ފާހަގަކުރަށްވައި، އެފަރާތްތަކަށް ޝުކުރު އަދާކުރަށްވާފަ އެވެ.
ދިއްދޫއަށް ކޯވިޑް ބަލީގެ ހާސްކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ނެވެ. އެ ކޭހާއި ގުޅިގެން ޕޮޒިޓިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އަދި ރެންޑަމް ސާމްޕަލް ގޮތުގައި އެރަށުން ވަނީ ވަރަށް ގިނަ އަދަދެއްގެ ސާމްޕަލް ވެސް ނަގާފައެވެ.
މިގޮތުން މިހާތަނަށް 1748 ސާމްޕަލެއް ނަގާފައި ވެއެވެ. އަދި އެރަށުން ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން މިހާތަނަށް 121 މީހަކު ވަނީ ބަލިން އެއްކޮށް ފަސޭހަވެފައެވެ. މިވަގުތު އެރަށުގައި ތިބި 16 ކޯވިޑް ބަލި މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ޕޮޒިޓިވްވި 9 މީހަކާއި، ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 6 މީހަކާއި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި އެކަކާއި، އަދި ހައިޑަވޭ ބީޗް ރިސޯޓުން އެރަށަށް ބަދަލުކުރެވިފައިވާ ޕޮޒިޓިވް މީހެކެވެ.
ދިއްދޫއިން މިބަލީގައި ވަނީ އެކަކު ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!