މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ހަވާލުކުރުމަށްފަހު، އެ މަސައްކަތްތަކާއި ހަވާލު ފަރާތްތަކުން ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، ކޮންޓްރެކްޓް އެއްބަސްވުންތަކަކީ އުރައްޕެއް ނެތް އެއްޗެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
މެންބަރު ރާޢީ މިގޮތަށް ވިދާޅުވީ، އޭނާގެ ދާއިރާގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާޢީ ވިދާޅުވީ، ކުމުންދޫ އަދި ނޭކުރަންދޫގައި ޔޫތު މިނިސްޓްރީން އެޅުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމުވެގެން ދިއުމަކީ ދިގުލައިގެން ދިޔަ އުއްމީދެއް ކަމަށެވެ.
"ނޭކުރަންދޫގައި ބޮޑު ޓާފް ދަނޑުގެ ދެވަނަ ފޭސްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރަތަމަ ސަބްބޭސްގެ މަސައްކަތް ނިމިގެން ދިއުން ނުހަނު މުހިއްމެވެ. ނޭކުރަންދޫ ސްކޫލްގެ ވަށާފާރު މިއަހަރު ތެރޭ ނިމިގެންދާނެ ކަމުގެ އުއްމީދުގައި ހުރީމެވެ."
އޭނާ ވިދާޅުވީ، އޭނާގެ އެއްމެ ބޮޑު އިލްތިމާސަކީ އަލަށް އިންތިހާބުވި މަކުނުދޫ ދާއިރާގެ ތިން ރަށުގެ ކައުންސިލުން މިކަން ކަމުގައި އެމަސައްކަތަކާއި ގުޅޭ މިނިސްޓްރީ އާއި އަދި މަސައްކަތާއި ހަވާލުވެފައިވާ ފަރާތްތަކާއި ވާހަކަ ދައްކަވައިގެން ވީހާވެސް އަވަހަކަށް މި މަސައްކަތް ތައް ނިންމައި އެރަށްރަށުގެ ރައްޔިތުންނަށް އެކަންކަމުގެ ފޮނިމީރުކަން ލިބުން ކަމަށެވެ.
މެންބަރު ރާޢީގެ ކަންބޮޑުވުމަކީ އޭނާގެ ދާއިރާގެ އެކިރަށްރަށުގައި ހަވާލުކުރެވިފައިވާ މިފަދަ މަޝްރޫޢުތައް އެދެވޭ ބާރު މިނެއްގައި ކުރިއަށް ނުގޮސް، މަސައްކަތްތައް ނުނިމި ދިގުލައިގެން ދިޔުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!