ށ. މިލަންދޫ މާބަނޑު މީހެއް ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަނިކޮށް، ގަނޑު ގަދަވެ އޭނާ ދަތުރުކުރި ލޯންޗަށް ދަތުރު ނުކުރެވިގެން ށ. ފުނަދޫއަށް ގެންގޮސްފިއެވެ.

އެ އަންހެން މީހާ ދަތުރުކުރި ލޯންޗް ފުނަދޫއަށް ބަނދަރު ކުރީ 14:35 ގައެވެ.

Ad
rt

މިލަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު އެ އަންހެން މީހާއަކީ ވެސް ހޯމް ކަރަންޓީގައި ހުރި މީހެކެވެ. އެމީހާ ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމީ ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު ކަރަންޓީނުގައި ހުރުމުންކަމަށް ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.

ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ޒުމްރަތު "ތިލަދުން"އަށް ވިދާޅުވީ، އެ ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު ޗުއްޓީ ނިންމާފައި ހުރީ ހޯމް ކަރަންޓީނުގައި ނަމަވެސް މި ކޭސް މެނޭޖްކުރަން ނިންމާ އެމަގުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިއީ އެ ޑޮކްޓަރު ކަރަންޓީނުގައި ހުންނަވާތާ 6 ވަނަ ދުވަހެެވެ.

"އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކާއި، މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކޭސް މެނޭޖްކުރާނަން، އެމަސައްކަތް ކުރިއަށް އެބަދޭ"

ޒުމްރަތު ވިދާޅުވިއެވެ.

އެމީހާ ދަތުރުކުރި ލޯންޗް ފުނަދޫ ބަނދަރުގައި

ށ. އަތޮޅު ޅައިމަގު ހޯމް ކަރަންޓީނުގަ ހުރުމަށްފަހު ވިހަން ފުނަދޫއަށް ދިޔަ މީހެއް ވެސް މިމަހުގެ 15 ވަނަ ރޭ އެ ހޮސްޕިޓަލްގައި ވަނީ ސިޒޭރިއަން ހަދާފައެވެ. އެމީހާ ސިޒޭރިއަން ހެދުމަށް ޓެސްޓް ކުރިއިރު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެސް ވެފައެވެ.

ހއ. ހދ. އަދި ށ. އަތޮޅަށް ޚާއްޞަ ޒޯން 1 ކޮވިޑް ސެންޓަރ ހުންނަނީ ށ. އަތޮޅު ހޮސްޕިޓަލްގައެވެ. އެ ސެންޓަރުގައި ކޯވިޑް ޕޭޝަންޓުން ކަރަންޓީނުކޮށް، އައިސޮލޭޓްކޮށްގެން ފަރުވާދެވޭނެ އިންތިޒާމުގެ އިތުރުން ޕޮޒިޓިވް މާބަނޑު މީހުންނަށް ޚާއްޞަ ޖާގަ ހަމަޖައްސާފަ ހުރެއެވެ. ބޭބީ ވާމަރ، އިންކިއުބޭޓަރ، ފޮޓޯތެރަޕީ އަދި ބޭބީ ވެންޓިލޭޓަރ ފަދަ ވަސީލަތްތައް ވެސް ހުރެއެވެ.

މި ސެންޓަރުގައި މީގެކުރީން ވަނީ ހޯމް ކަރަންޓީނު 3 ކޭހެއް ވެސް މެނޭޖުކޮށްފައެވެ. އެއީ ޅ. ނައިފަރު ހޯމް ކަރަންޓީނުގައި ހުރުމަށްފަހު ވިހަން އެ ހޮސްޕިޓަލަށް ދިޔަ މާބަނޑު މީހަކާއި، ކުޅުދުއްފުށީ ސިޓީގައި ހޯމް ކަރަންޓީނުގައި ހުރުމަށްފަހު ވިހަން އެ ހޮސްޕިޓަލަށް ދިޔަ މާބަނޑު މީހެއްގެ އިތުރުން ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރުމަށްފަހު ވިހަން އެ ހޮސްޕިޓަލަށް ދިޔަ މާބަނޑު މީހެކެވެ. އެ ތިން ކޭސްވެސް އެ ހޮސްޕިޓަލުން ވަނީ ކާމިޔާބު ކަމާއެކު މެނޭޖްކޮށްފަ އެވެ.

ށ. މިލަންދޫ މާބަނޑު މީހެއް ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަނިކޮށް، ގަނޑު ގަދަވެ އޭނާ ދަތުރުކުރި ލޯންޗަށް ދަތުރު ނުކުރެވިގެން ށ. ފުނަދޫއަށް ގެންދިޔައިރު ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައެވެ.