ހދ ހަނިމާދޫގައި، އެކިސިފަސިފާގައި ތަޢުލީމް ފޯރުކޮށްދެމުން އަންނަތާ މިހިގާ 2021 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހަށް 52 އަހަރު ފުރުނީއެވެ. ހަނިމާދޫގައި ފުރަތަމަ ތަޢުލީމް ފޯރުކޮށް ދިނުމަށްޓަކައި ޢިމާރާތެއް ކުރެވިފައިވަނީ، އައްޑިހައިގެ އަހަރު ތަކުގެ ފަހުކޮޅުއެވެ. "ފީރޯޒްވިލާ" ކިޔާ ބިމުގައެވެ. "ހަނިމާދޫ މަކްތަބް"ގެ ނަމުން ނަންދެވުނު އެ މަދަރުސާގައި 1993 ވަނަ އަހަރާ ހިސާބަށް ތަޢުލީމް ފޯރުކޮށްދީފައި ވެއެވެ.
ހަނިމާދޫ ރައްޔިތުން، ހަނިމާދޫ ހަނދުވަރީމަގާ ދިމާ އަތިރިމަތީގައި މަދަރުސާއެއް ބިނާކޮށް، އެތަނުގައި ތަޢުލީމް ފޯރުކޮށްދޭން ފަށާފައިވަނީ، 1993 ވަނަ އަހަރުއެވެ. ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. އެތަނަށް ދީފައިވާ ނަމަކީ ހަނިމާދޫ ސްކޫލެވެ. 22 އަހަރު ދުވަހު، އެ ޢިމާރާތުގައި ތަޢުލީމް ފޯރުކޮށް ދިނުމަށްފަހު، މިހާރު ތަޢުލީމް ފޯރުކޮށްދެމުން އަންނަ ޢިމާރާތަށް، އާދެ ހަނިމާދޫ ސްކޫލު، އައު ޢިމާރާތުގައި ކިޔަވައިދޭން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ.
ވަރަށް ކުރުކޮށް ބަޔާންކުރެވި އެ ދިޔައީ، ފާއިތުވި 33 އަހަރެއްހާ ދުވަހު، ހަނިމާދޫގައި ތަޢުލީމް ފޯރުކޮށްދިނުމަށް ކުރެވުނު ޢިމާރާތްތަކުގެ ވަރަށް ކުރު ތަޢާރަފެކެވެ. މި ލިޔުމުގެ މަޤުޞަދަކީ އެއްގޮތަކަށްވެސް ހަނިމާދޫ ސްކޫލުގެ ތާރީޚުގެ ވާހަކަ ދެއްކުމެއް ނޫނެވެ. ނަމަވެސް މަޢުލޫމާތަށްޓަކައި އެ މިންވަރު ހިއްސާކޮށްލުން އެއީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
މިހިނގާ 2021 ވަނަ ތަޢުލީމީ އަހަރު، ހަނިމާދޫ ސްކޫލުގައި 503 ދަރިވަރުން އަންނަނީ ތަޢުލީމް ޙާޞިލް ކުރަމުންނެވެ. ހަނިމާދޫ ސްކޫލަކީ އަތޮޅުގެ ނިސްބަތުންވެސް އެންމެގިނަ ދަރިވަރުން ތަޢުލީމް ޙާޞިލް ކުރަމުން އަންނަ އެއް ސުކޫލެވެ. ނަމަވެސް 2016 ވަނަ އަހަރު، ބޭނުން ކުރަންފެށި، ހަނިމާދޫގެ އައު ސްކޫލަކީ އެ ސްކޫލުގައި ތަޢުލީމް ފޯރުކޮށްދޭން ފެށިދުވަހުން ފެށިގެންވެސް ގިނަ ކަންތައްތަކެއް ފުރިހަމަ ނުވެ ހުރިތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.
ގޯތިތެރޭ ފެންހެދޭ މައްސަލަ
އައު ސްކޫލް ޢިމާރާތް ކޮށްފައިވަނީ ޗަކަ ބިމެއްގައި ކަމަށްވުމުން، މި ޢިމާރާތް ބޭނުންކުރަން ފެށި ދުވަހުން ފެށިގެން، ސްކޫލު ގޯތިތެރޭގައި ފެންހެދޭ މައްސަލަ އައީ ކުރިމަތި ވަމުންނެވެ. އައު ސްކޫލް ބޭނުން ކުރަންފެށިތާ ފަސްވަރަކަށް އަހަރު ވެފައި ވާއިރު، އަދިވެސް އެކަމަށްއޮތީ އެންމެ ފުރިހަމަ ހައްލެއް ނުލިބިއެވެ.
މި މައްސަލަ ޙައްލުކުރުމަށް، ހަނިމާދޫ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކޮށްފައިވާ މަސައްކަތުން، މިހާރު ސްކޫލު ގޯތިތެރޭގައި ވަނީ، ފެންހިންދާ ނިޒާމެއް ޤާއިމްކޮށްފައެވެ. ނަމަވެސް، އެ ނިޒާމް ފަރުމާ ކޮށްފައިވަނީ، ގޯތިތެރެއަށް ވެލި އެޅުމުން އެ ނިޒާމް މަސައްކަތް ކުރާގޮތެށެވެ. ދަރިވަރުން ކިޔެވުމަށް ބޭނުންކުރަމުން އަންނަ ޢިމާރާތްތައް ހިމެނޭ ޞަރަޙައްދުގެ ފަންސާސް އިންސައްތައަށް މިހާރު ވެލިއަޅާފައި ވީނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކަން އެއްކޮށް ފުރިހަމަ ނުވެއޮތީ އެކަމަށް ބޭނުންވާ ވެލި ހަނިމާދޫން ލިބެން ނެތުމުގެ ސަބަބުންނެވެ.
ފޮޓޯ: ތޮއްލެފޮޓޯގުރަފީ
އެމްޓީސީސީން ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި، ހަނިމާދޫ މަގުހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެ ޕްރޮޖެކްޓްތަކުގެ ތެރެއިން މަގުތަކުން އަދި ފަޅުންނެގޭވެލި، ހަނިމާދޫ ސްކޫލުގެ ގޯތިތެރެއަށް އަޅައި، މިހާރު ވެލިއަޅަން ފަށާފައިވާ ބަޔަށް އެއްކޮށް ވެލިއަޅައި ނިންމާލާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ސްކޫލްތަކަކީ ކްލާސްރޫމްގެ އިތުރުން ސްކޫލުގެ ގޯތިތެރޭގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދާ އަދި ގެންދަންޖެހޭ ތަނަކަށްވެފައި ވިއްސާރަވާ ކޮންމެ ފަހަރަކު ސްކޫލުގެ ގޯތިތެރެ މި ޙާލަތަށް ވެއްޓިގެން ދިއުމުގެ ސަބަބުން މުހިންމު އެތައް ޕްރޮގްރާމް ތަކަކަށް މި ފާއިތުވި ފަސްއަހަރު ދުވަހުވެސް އައިސްފައިވަނީ ބުރޫއަރަމުންނެވެ. ވުމާއެކު މި މައްސަލައަކީ ދަރިވަރުންގެ އުނގެނުމަށް ހުރަސްއެޅޭ މައްސަލައަކަށް މިވަނީ ވެފައެވެ.
ބެލެނިވެރިން އަވީގައި
ހަނިމާދޫ ސްކޫލަށް ވަދެނުކުމެވާން ތިންގޭޓް ހުންނައިރު، އެ ގޭޓްތަކުގެ ކުރިމަތީގައިވާ މަގުތަކަކީ އަވިން ހިޔާވެލާނެ އެއްވެސް ވަޞީލަތެއް އަދި މިހާތަނަށް ޤާއިމް ކުރެވިފައިވާ މަގުތަކެއް ނޫނެވެ.
ހަނިމާދޫ ކައުންސިލާއި ސްކޫލުގެ ބެލެނިވެރިންނާއި ގުޅިގެން ސްކޫލުގެ ދެކުނު ފަރާތުމަގު (ނިކަގަސްމަގު) ގެ މައިގޭޓް ކުރިމަތީގައި 2018 ވަނަ އަހަރު މި ބަޔާން ކުރިފަދަ ހިޔާއެއް ހެދުމުގެ ޢަމަލީ މަސައްކަތްތަކެއް ކުރެވިގެން ދިޔަތަން ފެނުނެވެ.
ދަގަނޑު ހޮޅިން ފުރޭމްހަދައި މަގުގައި އަވިދާ ދަމައި ނުވަތަ ޓިނުޖަހައި ހިޔާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރެވުނުތަން ފެނިގެން ދިޔައެވެ. ފްރޭމް ނިންމައި އެތަން ފިނިޝިންގ ހެދުމަށް ބޭނުންވާ ތަކެތި ހޯދުމަށް 11 އޭޕްރިލް 2018 ގައި ހަނިމާދޫ ކައުންސިލުން އިޢުލާންކޮށް، އެކަމަށް ބޭނުންވާ ތަކެތިވެސް ގެނައެވެ. ނަމަވެސް އެތަން ނުނިމި ހުއްޓައި، އެތަން ނަގަންޖެހުނީ ހަނިމާދޫ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށިގެން ދިއުމާ ގުޅިގެން އެ މަގުގައި ތާރު އަޅަން ހަމަޖެހުމާއެކު އެ މަސައްކަތަށް ބުރޫއަރާތީއެވެ.

އެ މަގުގައި ތާރުއަޅަން ނިންމުމާ ގުޅިގެން ކައުންސިލުން ކުރިން އެކަން ކުރުމަށް ވިސްނާފައިއޮތް ޑިޒައިން، ޒަމާނީ ޑިޒައިނަކަށް ބަދަލުކޮށް، އަލުން ހަނިމާދޫ ސްކޫލުގެ ކުރިމަތީ މަގުގައި ބެލެނިވެރިން ހިޔާވެ ތިބުމަށް ވެއިޓިން އޭރިއާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އަހަރު ވެސް ޖުމްލަ ދެފަހަރެއްގެ މަތިންވަނީ އިޢުލާން ކޮށްފައެވެ. އެއީ 28 ފެބްރުއަރީ 2021 އަދި 10 މާޗް 2021 ގައެވެ. އެއީ ނިމިދިޔަ ކައުންސިލުގައެވެ. ނަމަވެސް އަދި މިހާތަނަށް އެކަންވެސް އޮތީ ޙާޞިލް ނުވެއެވެ.
ސްކޫލް ފެށޭގަޑިތަކުގައި ދަރިވަރުން ގޮވައިގެން ބެލެނިވެރިންނަށް އަވީގައި ނުވަތަ ވާރޭގައި ތިބެންޖެހުމާއި، އަދި ސެޝަން ނިންމާވަގުތު ދަރިފުޅުބަލައި ސްކޫލްދޮށަށްދާ ބެލެނިވެރިން ގިނަވަގުތު ތަކެއްގައި އަވީގައި މަޑުކުރަން ޖެހުމުން ދިމާވާ ދަތިތަކަށް ޙައްލެއް ލިބުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު އުންމީދެކެވެ.
މަލްޓިޕާޕަސް ހޯލް
މިއީ ބޮޑު ވާހަކައެކެވެ. ހަނިމާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް ފަސްމަސްދުވަސްތެރޭ، މަސައްކަތް ނިންމައި ޙަވާލުކުރުމަށް 4.2 މިލިއަން ރުފިޔާއަށް ބަޔަކާ ޙަވާލު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެ ޢިމާރާތުގެ މަސައްކަތް ފެށިތާވެސް ފަސްވަރަކަށް އަހަރުވެގެން ދިޔައީއެވެ. މިހާތަނަށް އެ އިމާރާތް ނިންމައި ހަނިމާދޫ ސްކޫލާ ޙަވާލުކުރެވިފައި ނުވާއިރު، އެތަނުގެ ގިނަ މަސައްކަތްތަކެއް އަދިވެސް ހުރީ ނިންމާ ނުލެވިއެވެ. އަދި ނިންމާ ލެވިފައިވާ ބައެއް މަސައްކަތްތަކުގެ ފެންވަރު ދަށްވުމަކީވެސް ހަނިމާދޫ ސްކޫލާއި ބެލެނިވެރިންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ.
އެ ޢިމާރާތުގައި މިހާތަނަށް ނުނިމިހުރި ބައެއް މަސައްކަތްތަކަށް ބަލައިލާއިރު ވަށައިގެން ގިނަޢަދަދެއްގެ ކުޑަދޮރާއި ބޮޑުދޮރު ހިމެނޭ އެ ޢިމާރާތުގައި އަދި މިހާތަނަށް ދޮރެއް ދޮރުފަތެއް ހަރުކޮށްފައި ނެތެވެ. ފާހާނާތައް ނުނިމި ހުރިއިރު ފެނުގެ ނިޒާމް ވެސް އަދިވަނީ ނިންމާ ނުލެވިއެވެ. ޢިމާރާތުގެ ކަރަންޓްގެ ގިނަ ސާމާނުތައް ހުރީ ހަރުނުކޮށެވެ. ޢިމާރާތުގެ ސްޓޭޖްވެސް އަދިހުރީ ނުނިމިއެވެ. ސީލިންގެ މަސައްކަތް ކޮށްނިންމާފައި ވީނަމަވެސް، ސީލިންގެ ބައެއް ދިމާތަކުގެ ބޯޑްތައްނެއްޓި، ތިރިއަށް ފާބާފައިވެސް އެބަހުއްޓެވެ. މިއީ މިންވަރެކެވެ. މީގެއިތުރުން ވެސް ގިނަ މަސައްކަތްތައް އެ ޢިމާރާތުގައި ފުރިހަމަނުވެ އެބަހުއްޓެވެ. މި ޢިމާރާތަކީ ހަނިމާދޫ ސްކޫލުގެ ކުރިއެރުމާއި ސީދާ ގުޅި ލާމެހިފައިވާ ޢިމާރާތެކެވެ.
ސްކޫލްތަކަކީ ކިޔެވުމާ ގުޅުންހުރި، އިތުރު ޙަރަކާތްތަކެއް ކުރިއަށް ގެންދާ ތަނަކަށްވީ ހިނދު، ހަނިމާދޫ ސްކޫލުގައި ހޯލެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ އަންނަނީ ކުރިމަތި ވަމުންނެވެ. ވިއްސާރަވެ ބޭރުގައި ހަރަކާތް ކުރިއަށް ނުގެންދެވޭ ހާލަތަށް ގޮސްފިނަމަ އިވެންޓް ކެންސަލް ކުރަންޖެހެނީ ވެސް މަދެއްކޮށެއް ނޫނެވެ. ސްކޫލުގެ ބެލެނިވެރިންގެ ބައްދަލުވުންފަދަ ބޮޑެތި ބައްދަލުވުމަށް ބޭރުގައި ގޮނޑިޖަހައި މޫސުން ތަންނުދިނުމުގެ ސަބަބުން، ބައްދަލުވުން ކެންސަލްކޮށް ގޮނޑިތައް ނަގަންޖެހިފައި ހުރީވެސް މަދެއްކޮށް ނޫނެވެ. މިފަދަ އެތައް ދަތިތަކެއްގެ ޙައްލު ކަމުގައިވާ މި ޢިމާރާތް ނިންމަން ފަސްއަހަރު ދުވަސް ހޭދަވުމަކީ ސްކޫލްގެ ގިނަ ޙަރަކާތްތަކަކަށް ލިބިފައިވާ ވަރަށްބޮޑު ނިކަމެތި ކަމެކެވެ.
ސްކޫލުގެ ކުޅިވަރުބިން
އައު ސްކޫލު ބިނާކުރެވިފައިވަނީ ތަނަވަސް ބިމެއްގައެވެ. އެ ބިމުގެ ދިގުމިނުގައި 540 ފޫޓް ހުންނައިރު ފުޅާމިނުގައި 420 ފޫޓް ހުރެއެވެ. ކިޔެވުމަށް ބޭނުންކުރެވޭ ކުލާސްރޫމާއި އަދިވެސް އެހެނިހެން ޢިމާރާތްތައް ކުރުމަށްފަހު ސްކޫލުގެ ކުޅިވަރުބިންވެސް އެތަނުގައި ހިމެނެއެވެ.

ސްކޫލުގެބިން ތަނަވަސްކޮށް ބޮޑުކުރުމުގެ އެންމެ ބޮޑު މަޤުޞަދަކީ، ދަރިވަރުންނާއި ގުޅުންހުރި ކުޅިވަރު ޙަރަކާތްތަކާއި އަދި މި ނޫންވެސް ޙަރަކާތްތައް ސްކޫލުގެ ގޯތިތެރޭގައި ކުރިއަށް ގެންދިއުމެވެ. ނަމަވެސް ކުރިން އިޝާރާތްކުރެވުނު ފަދައިން އެ ބިމަކީ ޗަކަބިމަކަށް ވުމުގެ ސަބަބުން، ސްކޫލުގެ ކުޅިވަރު ބިމުގެ ބޭނުން އަދި މިހާތަނަށް، ކުރެވިފައި ނުވެއެވެ. އެތަނަށް އެޅުމަށް ބޭނުންވާ ވެލި ހަމަޖެހިފައި ނުވުމުގެ ސަބަބުންނެވެ.
ސައިންސްލެބް
ހަނިމާދޫ ސްކޫލަކީ ސައިންސް ސްޓްރީމްވެސް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. ނަމަވެސް ސްކޫލުގައި ސައިންސް ލެބެއް، ޤާއިމްކުރެވިފައި ނުވާއިރު، އެކަމަށް ބޭނުންވާ ކެމިކަލް އަދި ބައެއް އެހެނިހެން ސާމާނު ސްކޫލުގައި އެބަހުއްޓެވެ. ރައްކާތެރި ކަމާއެކު އެތަކެތި ބޭނުން ކުރެވޭނޭ ސައިންސްލެބެއް ސްކޫލުގައި އަދި މިހާތަނަށް ޤާއިމްކުރެވިފައި ނުވުމަކީ އެހާމެބޮޑު ކަންބޮޑުވުމެކެވެ. މިކަމަކީ ދަރިވަރުންގެ އުނގެނުމާ ސީދާ ގުޅުންހުރި ކަންކަމަށް ވީހިނދު، ސައިންސް ލެބެއްގެ ކަންތައް ވީއެންމެ އަވަހަކަށް ހަމަޖެހި އޭގެ ފައިދާ ލިބުމަކީ ދަރިވަރުންގެ އުންމީދެވެ.
ކުލާސްރޫމްތަކުގައި ޖަހާފައިވާ މުށިތައް ނެއްޓުމާއި، ފަންކާތަކުގެ މައްސަލަޖެހި ކްލާސްތަކުގެ ހޫނު ގަދަވުމާއި، ޢިމާރާތްތަކުގައި ޖަހާފައިވާ ޓިނުގެ ކޮލެޓީ ދަށްވުމުގެ ސަބަބުން ކްލާސްތަކަށް ވާރޭވެހުމާއި، މި ކަންކަމަކީވެސް އެތަނުގައިހުރި މައްސަލަތަކެވެ. ނަމަވެސް ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންކުރި މަސައްކަތުން، އެމައްސަލަތައް މިއަދުވަނީ ޙައްލު ކޮށްފައެވެ. އަދި ސްކޫލް ވޯކްވޭގެ މަސައްކަތާއި ސްކޫލުގެ ވަށާފާރު ގެ މަސައްކަތާއި ގޭޓްތަކާއި ނޯޓިސްބޯޑުތައް ހަދައި ނިންމާފައި ވެއެވެ. މި ނޫނަސް ސްކޫލްގެ ބޯފެނުގެ ނިޒާމް ޤާއިމް ކުރުމާއި، މުވައްޒަފުންނަށާއި ދަރިވަރުންނަށް ރައްކާތެރި ބޯފެން (އައިސްފެން) ފޯރުކޮށް ދިނުންފަދަ ގިނަ ކަންތައްތަކެއް ސްކޫލް ހުޅުވައި ޚިދުމަތް ދެމުން ފުރިހަމަ ކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
މި ލިޔުމުގެ މަޤުޞަދަކީ ޙާޞިލްނުވެހުރި ކަންކަމުގެ ވާހަކަ ދެއްކުމެއް ނޫނެވެ. ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނުއިރު، ސްކޫލުގެ މުދައްރިސުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ކުރަމުންދާ އިޙްސާސްތައް ހަނދާނާއި ތާރީޚަށް ޓަކައި ކިޔުންތެރިންނާއި ހަމައަށް ތިލަކޮށްލަ ދިނުމެވެ. ނިމިފައިވާ ކަންތައްތަކަށް، ކުރު ގޮތަކަށްނަމަވެސް ބަލާލުމެވެ.
އަޅުގަނޑުގެ އެދުމަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ، ދަރިވަރުންނަށް ރައްކާތެރި އަދި ރަނގަޅު ފެންވަރުގެ ތަޢުލީމެއް ލިބޭތަނަކަށް ހަނިމާދޫ ސްކޫލްވެގެން ދިއުމެވެ. އަދި މިފަދަ ކަންކަމާ ވިސްނައި، ތަނަށް ހެޔޮބަދަލު ގެނައުމަށް، ސްކޫލް ޙިއްސާވާ އެންމެހައި ފަރާތްތަކަށް ހިއްވަރު ދިނުންވެސް މެއެވެ. ސިޔާސީ މަޤުޞަދެއް ޙާޞިލް ކުރުމަށް އެއްވެސް ފަރާތަކުން، މި ލިޔުން ބޭނުން ނުކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!