މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި އުދައެރުމުންނާއި ވައިގަދަވުމުގެ ސަބަބުން ހދ. ވައިކަރަދޫގެ އުތުރު ފަރާތު އަތިރިމަތި ހަޑިވެފައިވާތީ އެރަށު ރައްޔިތުން ނިކުމެ ސާފުކޮށްފި އެވެ.

ވައިކަރަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މިއަހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެންކަމަށް އެކައުންސިލުން ހާމަކުރެއެވެ. މިއަދުގެ މި ޙަރަކާތުގައި 200 އާ ގާތްކުރާ ޢަދަދަކަށް މީހުން ބައިވެރިވެފައިވެ އެވެ.

Ad
rt

އެކައުންސިލުންވަނީ އަތިރިމަތި ސާފުކުރުމުގެ ޙަރަކާތުގައި ބައިވެރިވި ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ސާބަހާއި އައްސަރިބަސް ދަންނަވާފަ އެވެ. އަދި މިއަދުގެ ޙަރަކާތުގެ ބައިވެރިންނަށް ފިނިހިއްޕެވުން ހަދިޔާ ކުރެއްވި ޢާންމު ރައްޔިތުންނަށާއި ދާއިރާގެ މެންބަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވާކަމަށް އެކައުންސިލްގެ ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވެއެވެ.

މިދިޔަ ހަފްތާގާއި ރާއްޖެއަށް ކުރި ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކަށްވަނީ އުދައަރާ އެކުވަރުގެ ގެއްލުންތައް ވެފައެވެ. ވައިކަރަދޫއަށްވެސް ވަނީ އާދަޔާ ޚިލާފަށް ގަލާއި ކުނި އަތިރިމައްޗަށް ޖަމާވެފައެވެ.

ވިއްސާރައިގައި މޫސުން ގޯސްވެ ވައިގަދަވެ ހދ. ވައިކަރަދޫގެ ގިނަ ދަނޑުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފައިވެއެވެ. މި ކޮޅިގަނޑުގައި ގާތްގަނޑަކަށް 1000 އަށް ވުރެ ގިނަ ފަތްކެޔޮ ގަސްވަނީ ވެއްޓިފައެވެ.