ގެރީގެ ބޮޑުކަމުދާ ތަކެތިން ކަޅު ފަންގަސް (މިއުކޯމައިކޯސިސް) ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
އިންޑިއާގެ ޑޮކްޓަރުންތަކެއް ކުރި މި ދިރާސާއާއެކު އެ ގައުމުގެ ޑޮކްޓަރުން އަންނަނީ ގެރީގެ ބޮޑު ކަމުދާ ތަކެތިން “ފެން ނުވެރުމަށް” އިލްތިމާސް ކުރަމުންނެވެ. ޑޮކްޓަރުންގެ މި އިންޒާރު ދިނީ، އިންޑިއާގައި ކޮވިޑުން ސަލާމަތް ވުމަށް ގެރީގެ ބޮޑު ކަމުދާ ތަކެތި ބޭނުން ކުރަމުން އަންނަ މިންވަރު އިތުރު ވެފައިވާތީއެވެ.
އިންޑިއާގެ ޑޮކްޓަރުން ވަނީ، ގެރީގެ ބޮޑު ކަމުދާ ތަކެތި، އެއްވެސް ބައްޔަކުން ސަލާމަތް ވުމަށް އެހީތެރިވާ ކަމުގެ ސައިންޓިފިކް ހެއްކެއް ހޯދިފައި ނުވާކަން ތަކުރާރުކޮށްފާހަގަ ކޮށްފައެވެ. އަދި މިތަކެތީގެ ޒަރިއްޔާއިން ކޮވިޑު19 ގެ ބަލި މީހުންނަށާއި، ހަކުރު ބަލި ހުންނަ މީހުންނަށް ކަޅު ފަންގަސް ޖެހުމުގެ ފުރުސަތު އިތުރުވާކަަމަށް ތަހުލީލުތަކުން ދައްކާ ކަމަށްވެސް އިންޑިއާގެ ޑޮކްޓަރުން ވަނީ ބުނެފައެވެ.
ބްލެކް ފަންގަސް އިންފެކްޝަނަކީ، މިޔޫކޯމައިސިޓިސް ނަމަކަށް ކިޔާ ގުރޫޕެއްގެ މޯލްޑްއަކުން ޖެހޭ ބައްޔެކެވެ. މި ބާވަތުގެ ފަންގަސް ވަށައިގެން ވާ މާހައުލުގައި ވަރަށްގިނަކަން ފާހަގަ ކޮށްލެވެއެވެ. އެ ގޮތުން، ވެލީގައާއި ގެރީގެ ބޮޑުކަމުދާ ތަކެތީގައިވެސް މި ފަންގަސް ހުރެއެވެ.
މި ފަންގަހުން އެންމެ ބޮޑަށް އަސަރު ކުރަނީ، ހަކުރު ބަލި ހުންނަ މީހުންނަށާއި، ބޭނުން ކުރަމުންދާ ބޭހެއްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ވެފައިވާމީހުންނަށެވެ. އަދި ކޮރޯނާ ވައިރަސްގެ ސަބަބުންވެސް މި ފަންގަސް ޖެހެން މެދުވެރި ވެއެވެ.
މި ފަންގަސްގެ ސަބަބުން ލޮލަށާއި ސިކުނޑިއަށް ގެއްލުންވުން އެކަށީގެން ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!