ހދ. ކުމުންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފަވާކަމަށާއި، އެކަން ސިއްރު ނުކުރާ ކަމަށް ކުމުންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން މިހެން ވިދާޅުވީ، އެރަށުގައި މީހަކު ޕޮޒިޓިވްވިކަން ކައުންސިލުން ސިއްރުކޮށްގެން އުޅޭކަމަށް އެރަށު ބައެއް މީހުން ތުހުމަތުކޮށް މީސް މީޑިއާގައި ވާހަކަ ދައްކާތީއެވެ.
އެމީހާ ޕޮޒިޓިވްވުމާގުޅިގެން ކުމުންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި މިރޭ ކޮށްފަވާ ޕޯސްޓެއްގަ ވިދާޅުވެފަ ވަނީ، 11 މެއި 2021 ގައި، އެރަށު “މާވެހި 3” ހޯމް ކަރަންޓީންގައި ހުރި މީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"މިކަން ވާނީ ކަމާގުޅުން ހުރި ފަރާތްތަކަށް އެންގިފައި، ރަށުތެރޭ ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތައް އެއްވެސް ފަރާތަކުން މީސް މީޑިޔާގައި ވާހަކަ ދެއްކުމަކީ މިކައުންސިލުން ކަންބޮޑުވާކަމެއް" ކުމުންދޫ ކައުންސިލުން ވިދާޅުވެފަ ވެއެވެ.
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ، އެރަށުން މީހަކު ޕޮޒިޓިވްވިކަން ސިއްރުކުރާ ކަމަށް ބަޔަކު މީސް މީޑިއާގައި ޚަބަރު ފެތުރިޔަސް އެކަން ސިއްރުކޮށްފަ ނުވާނެ ކަމަށެވެ.
"ޕޮޒިޓިވްވީ އެކަހެރި ތަނެއްގައި ހޯމް ކަރަންޓީނުގެ އުސޫލުތަކާއެއްގޮތަށް ހުރި މީހެއް، އޭނާ އެއްވެސް ފަރާތަކާ ބައްދަލުވެފަ ނުވޭ، އޭނާ ޕޮޒިޓިވްވުމުން އަޅުގަނޑުމެން ޓާސްކް ފޯހަށް ވެސް އޭނާގެ ޢާއިލާއަށް ވެސް އެކަން އެންގިން، ރައްޔިތުންނަށް އާންމުކޮށް އަންގައި ހަދާނީ ރަށުތެރެއިން މީހަކު ޕޮޒިޓިވްވެ ނޫނީ ޕޮޒިޓިވްވި މީހެއް ހޯމް ކަރަންޓީނު އުސޫލާ ހިލާފްވުންކަހަލަ ނުރައްކަލެއް އެކުލެވޭ ގޮތަށް މެދުވެރިވެއްޖެނަމަ ކަމަށް އަޅުގަނޑުމެން ނިންމާފަ ވާނީ، މިހާރު ޕޮޒިޓިވްވެފަ އެހުރި މީހާގެ ސަބަބުން ރައްޔިތުންނަށް ނުރައްކަލެއް ނޯންނާނެ، އެކަހަލަ ކޭސްތަކުގައި ކައުންސިލުން އަމަލުކުރަން ނިންމާފަ އޮތްގޮތަށް ކަންކުރީ، އޭނާ ޕޮޒިޓިވްވުމުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވާނީ އަޅާފަ" އަމީން ވިދާޅުވިއެވެ.
ކުމުންދޫ ގައި ހޯމް ކަރަންޓީން ގައި ހުރި ފަރާތެއް ޕޮޒިޓިވް ވުމަައި ގުޅިގެން އެހާލަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައި، ކޮވިޑް ޓާސްކް ފޯސް އަށް އެކަން އެނގޭނެ، މިއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ފިތުނަ އުފައްދަން ކުރާ ދަށުދަރަޖައިގެ ކަންކަން
— Ameen Mohamed (@Ameenkumundhoo) May 13, 2021
ކުމުންދޫއިން ޕޮޒިޓިވްވީ އެރަށު މީހެކެވެ. އޭނާ ކަރަންޓީނުގަ ހުރީ ކައުންސިލްއިން ކުއްޔަށް ދޫކުރާ އިމާރާތެއްގެ ރޫމެއްގަ އެވެ.
ކުމުންދޫއިން ހޯމް ކަރަންޓީނުގަ ހުރި މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފަވާއިރު، މުޅި ރާއްޖެވެސް އޮތީ ކޯވިޑްގެ ބިރުވެރިކަމުގެ ތެރޭގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!