ހދ. ހަނިމާދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ތިންމީހެއް ބަލިން ރަނގަޅުވެ، އެކޭސްތަކާއި ގުޅުގެން ކަރަންޓީނުކުރި 8 ގެއެއް ކަރަންޓީނުން ވީއްލައިފިއެވެ.
މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ ދެކޭހާ ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު މީހެއް ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ މަންމައެވެ.
އެމީހުންނާއި ސީދާ ބައްދަލުވި މީހުން ހިމެނޭ 8 ގޭގެ މީހުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ނެގި ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.
ހަނިމާދޫން ފެނުނު ޕޮޒިޓިވް ތިން ކޭހާއި ގުޅިގެން އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ޖުމްލަ 39 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރިއެވެ. އަދި ރެންޑަމް ސާމްޕަލްގެ ގޮތުގަ 40 ސާމްޕަލެއް ނެގިއެވެ.
ހަނިމާދޫގައި އިތުރު ޕޮޒިޓިވް ތިން ކޭސް މިހާރުވެސް އެބަތިއްބެވެ. އެއީ އިންޑިއާ ސިފައިންގެ މީހެއްގެ އާއިލާއަކަށް ނިސްބަތްވާ ތިންމީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!