ހއ. ބާރަށުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެމީހާއަކީ އެރަށުގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރި މީހެކެވެ. އެމީހާއަކީ ހޯމް ކަރަންޓީނުގައި ހުރިމީހެއްކަމުން އޭނާއާއި އިތުރު މީހަކާއި ބައްދަލުވެފައިވާކަމެއް އަދި ފާހަގަ ކުރެވިފައެއްނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް "ތިލަދުން" އަށް ވިދާޅުވީ، އެރަށުން މިފަހަރު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެ ރަށަށް ގޮސް ހޯމް ކަރަންޓީން ފުރިހަމަ ކުރިމީހެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީން ފުރިހަމަކުރުމަށްފަހު ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ.
ބާރަށުން މިފަހަރު ޕޮޒިޓިވް ވެފައިވަނީ ދިވެހި ފިރިހެނެކެވެ.
މިއަހަރުގެ މާރިޗް މަސްތެރޭ އެރަށުގައި ހޯމްކަރަންޓީނުގައި ތިބިބައެއް ކޯވިޑަށް ޕޮޒިޓިވްވެ، އެމީހުން ރަށުތެރެއިން އެހެން މީހުންނާ ބައްދަލުވެފައިވުމުން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެފަހަރު އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެ ކޭސްތަކާ ގުޅިގެން އެރަށަށް އަރާފޭބުން މަނާކޮށްފައި 17 ދުވަސް ވަންދެން އޮތެވެ.
އެފަހަރު ޖުމްލަ 36 މީހެއް އެރަށުން ޕޮޒިޓިވްވިއެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!