ކުރީ އަދަދާއި ގުޅޭ:
ފަސްވަނަ ނުކުތާ: ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރުން ބަލިމީހާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެކަމަށް ނުކުޅެދިއްޖެމީހާ، އެދެ މަޤާމުގައި އޭނާގެ ބޮލުން އިޝާރާތްކުރާނީއެވެ. ރުކޫއަށްވުރެ ބޮޑަށް ސަޖިދައިގައި ބޯ ތިރިކޮށްލާނީއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ. عَنْ جَابِرٍ قَالَ: عَادَ اَلنَّبِيُّ - صلى الله عليه وسلم -مَرِيضًا, فَرَآهُ يُصَلِّي عَلَى وِسَادَةٍ, فَرَمَى بِهَا, وَقَالَ: "صَلِّ عَلَى اَلْأَرْضِ إِنْ اِسْتَطَعْتَ, وَإِلَّا فَأَوْمِ إِيمَاءً, وَاجْعَلْ سُجُودَكَ أَخْفَضَ مِنْ رُكُوعِكَ" (بلوغ المرام من أدلة الأحكام (325)، رَوَاهُ اَلْبَيْهَقِيُّ. وَصَحَّحَ أَبُو حَاتِمٍ وَقْفَهُ)
މާނަ: ޖާބިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަލި މީހަކަށް ޒިޔާރަތް ކުރެއްވި ހިނދު، އޭނާ ބާލިހެއްގެ މަތީގައި ނަމާދުކުރާތަން ދެކެވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު އޭތި (އެބާލިސް) ނަންގަވާ އެއްލާލުމަށްފަހު އޭނާއަށް ޙަދީޘްކުރެއްވިއެވެ. "ތިބާއަށް ކުޅަދާނަވެގެންވާނަމަ ބިންމަތީގައި ނަމާދުކުރާށެވެ. އަދި (ބިންމަތީގައި ނަމާދުކުރަން) ނުކުޅެދޭނަމަ، އިޝާރާތުން ނަމާދު ކުރާށެވެ. އަދި ސަޖިދައިގައި (ބޯ ލަންބާލާ މިންވަރު)، ރުކޫޢުގައި (ބޯ ލަންބާ މިންވަރަށްވުރެ) ތިރިކުރާށެވެ."
ސަޖިދަކުރުމަށް ނުކުޅެދުނުކަމުގައިވިޔަސް، ރުކޫޢު ކުރެވޭކަމުގައިވަނަމަ ރުކޫޢުކުރާނީއެވެ. އަދި ސަޖިދައިގައި އިޝާރާތްކުރާނީއެވެ. ރުކޫޢުކުރުމަށް ނުކުޅެދުނުކަމުގައިވިޔަސް، ސަޖިދަ ކުރެވޭކަމުގައިވާނަމަ ސަޖިދަކުރާނީއެވެ. އަދި ރުކޫޢުގައި އިޝާރާތްކުރާނީއެވެ. ސަބަބަކީ ޟަރޫރަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމުން އުޒުރުވެރިވާ މީހާއަށް އެކަމެއް ދޫކޮށްލަން ޝަރީޢަތުގައި އިޒުނަ ދެވެނީ ހަމައެކަނި ޙާލަތު ނިޔާކުރާ މިންވަރަށެވެ. އެއަށވުރެ އިތުރަކަށް އެކަމެއް ދޫކޮށްލުން ހުއްދަވެގެނެއް ނުވެއެވެ. ފިޤުޙީ ޤާޢިދާއެއްގައިވެއެވެ. "الضَّرُورَات تُقَدَّرُ بِقَدْرِهَا"
މާނަ: "ޟަރޫރީކަންތައްތައް ކަނޑައަޅާނީ ޟަރޫރަތުގެ މިންވަރުގެ މައްޗަށް ބިނާކޮށެވެ."
އަދި ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހަރަކާތް ކުރަން ނުކުޅެދިއްޖެ މީހާއަށް ވަނީ ލޮލުގެ އިޝާރާތުން ނަމާދު ކުރުމެވެ. ނަމަވެސް ލޮލުގެ އިޝާރާތުން ނަމާދު ކުރުން ހުއްދަކޮށްދޭ ޘާބިތު، ޝަރުޢީ ދަލީލެއް ނުވެއެވެ.
ފަޟީލަތުއްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ، مجموع فتاوى ورسائل فضيلة ގައި، ވަރަށް ކުރުކޮށް ދެއްވާފައިވާ ޖަވާބެއްގައި، ރުކޫޢާއި ސަޖިދައިގައި ބޮލުން އިޝާރާތް ކުރަން ނުކުޅެދޭ މީހާ، ލޮލުން އިޝާރާތް ކުރުމަށް އެންގެވި ނަމަވެސް އެކަލޭގެފަނުގެ މަޝްހޫރު، ތަފްސީލީ ފިޤުހުފޮތް "شرح الممتع" ގައި އެކަލޭގެފާނު ވަނީ، މިމައްސަލާގައި ޢިލްމުވެރިން ގެ މެދުގައި ޚިލާފު ވެފައިވާ ތިން ރަޢުޔެއް ޛިކުރު ކުރެއްވުމަށްފަހު އެންމެ ރަނގަޅު ރަޢުޔަކީ އޭނާގެ މަތިން ނަމާދުގެ ޙަރަކާތްތައް ކުރުން މާފް ކުރެވުމާއެކު ނަމާދުގައި ކިޔަން ޖެހޭ ޛިކުރުތައް އޭނާ ކިޔަން ޖެހޭނެ ކަމަށް އޮތް ރަޢުޔު ކަމުގައި ފާހަގަ ކުރައްވާފައެވެ. އޭނާ (ނަމާދަށް ނިޔަތްގަނެ)، ތަކުބީރު ކިޔައި، ޤުރްއާން ކިޔަވައި އެއަށްފަހު ރުކޫޢަށް ދާން ނިޔަތްގަނެ، ތަކުބީރު ކިޔައި ރުކޫޢުގައި ކިޔަންޖެހޭ ތަސްބީޙަ ކިޔާނީއެވެ. ދެން އެއަށްފަހު އިޢުތިދާލަށް ތެދުވާން ނިޔަތްގަނެ " سمع الله لمن حمده، ربنا ولك الحمد" ކިޔައި އިޢުތިދާލުގައި ކިޔާ ދުޢާ ކިޔާނީއެވެ. އެއަށްފަހު ސަޖިދައަށް ދާން ނިޔަތްގަނެ ތަކްބީރު ކިޔައި، ސަޖިދައިގަ ކިޔާ ތަސްބީޙަ ކިޔާނީއެވެ. މިބީދައިން އޭނާ ނަމާދު ފުރިހަމަ ކުރާނީއެވެ. މިރަޢުޔު ރަނގަޅުވާ ސަބަބަކީ، ފިޤުޙީ ޤާޢިދާއެއްކަމުގައި ބަލައިގަނެވިފައިވާ މާތް ﷲގެ އަންނަނިވި ވަޙީބަސްފުޅުން މިކަމަށް ދަލާލަތު ކޮށްދޭތީއެވެ. فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ ﴿التغابن: 16﴾
މާނަ: ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!
ފަހެ ނަމާދަކީ ކުރެވޭ ޙަރަކާތް ތަކަކާއި ކިޔޭ ޛިކުރުތަކެއް ހިމެނޭ އަޅުކަމަކަށް ވާއިރު، އޭނާއަށް ނުކުޅެދެވެނީ ހަރަކާތް ކުރާށެވެ. އަނގަ ހަރަކާތްކޮށް ވާހަކަދެއްކުމަށް އޭނާ ކުޅެދެއެވެ. އެހެންކަމުން އޭނާއަށް ކުޅަދާނަވެގެން ނުވާ ކަންތައް އެބަހީ: ގުނަވަންތަކުން ކުރާ ޙަރަކާތްތައްކުރުން އޭނާގެ މަތިން މަޢާފުވެ، ކުޅަދާނަކަން ލިބިފައިވާ ކަންތައް އެބަހީ: ދުލުން ކިޔޭ ޛިކުރުތައް ކިޔުން އޭނާގެ މަތިން މަޢާފެއް ނުވާނެއެވެ.
އަދި ބަލިމީހުންގެ ތެރެއިން ބައެއް މީހުން ޢަމަލުކުރާ ފަދައިން އިނގިލިން އިޝާރާތްކޮށްލުމާމެދު ދަންނައެވެ. ފަހެ، އެއީ ރަނގަޅު ގޮތެއް ނޫނެވެ. ޤުރުއާނާއި ސުންނަތުން އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުން، އެކަމުގައި އަޞްލެއް އޮތްކަން އެނގިފައެއް ނެތެވެ. (އިސްވެދިޔަ ވާހަކަތަކުގެ ރިފަރެންސް: الشرح الممتع على زاد المستقنع (4/ 332))
ހަވަނަ ނުކުތާ: ފަހެ، ބޮލުންވެސް އަދި ލޮލުންވެސް އިޝާރާތްކުރުމަށް ނުކުޅެދިގެންވާމީހާ ނަމާދުކުރާނީ އޭނާގެ ހިތުންނެވެ. ފަހެ، ތަކުބީރު ކިޔާ ކިޔަވާނީއެވެ. އަދި ރުކޫޢުކުރުމާއި، ސަޖިދަކުރުމާއި، ޤިޔާމުގައި ހުރުމާ އަދި އިށީނދެ އިނުމުގައި އެކަމަށް އޭނާގެ ހިތުން ނިޔަތްގަންނާނީއެވެ. (އެބަހީ: އެފަދައިން ހިތަށް އަރުވާނީއެވެ.) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަޝްހޫރު ޙަދީޘްފުޅެއްގައި ވެއެވެ. "لِكُلِّ امْرِئٍ مَا نَوَى" (متفق عليه)
މާނައީ: "ކޮންމެ މީހަކަށްވެސް ވާހުށީ އެމީހަކު އެ ނިޔަތްގަތް ކަމެކެވެ."
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަދި އިމާމް އައްނަވަވީ ވިދާޅުވެފައިވާ ފަދައިން، މީހާގެ ބުއްދި ސަލާމަތުން ހުރިހައި ހިނދަކު އޭނާގެ މަތިން ނަމާދު ކުރުން މަޢާފެއް ނުވާނެއެވެ. (المجموع (4/317))
ހަތްވަނަ ނުކުތާ: ބަލިމީހާއަށް، ކޮންމެ ނަމާދެއް އެނަމާދުގެ ވަޤުތުގައި ކުރުމަށް ދަތިވެއްޖެނަމަ، އޭނާގެ މައްޗަށް އޮތީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު، އަދި މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކުރުމެވެ. އިސްކޮށް ޖަމްޢުކުރުމެވެ. އެއީ ޢަޞްރު ނަމާދު މެންދެރު ނަމާދުގެ ވަޤުތަށް އަވަސްކުރުމެވެ. އަދި ޢިޝާ ނަމާދު މަޣްރިބު ނަމާދުގެ ވަޤުތަށް އަވަސްކުރުމެވެ. ނުވަތަ ފަސްކޮށް ޖަމްޢުކުރުމެވެ. އެއީ މެންދުރު ނަމާދު ޢަޞްރު ނަމާދުގެ ވަޤުތަށް ލަސްކުރުމެވެ. އަދި މަޣްރިބު ނަމާދު ޢިޝާ ނަމާދުގެ ވަޤުތަށް ލަސްކުރުމެވެ. މީގެ ތެރެއިން އޭނާއަށް ފަސޭހަ ގޮތަކަށް ކުރާނީއެވެ. އަދި ފަތިސް ނަމާދަކީ އެހެން ނަމާދަކާއެކު ޖަމުޢު ކުރެވޭ ނަމާދެއް ނޫނެވެ. ނަމަވެސް ބަލިމީހާއަކީ ދަތުރެއްގެ މަތީގައި ނުވަތަ ދަތުރެއްގައި ރަށަކަށް ފައިބައިފައިވާ މީހެއް ކަމުގައި ނުވާނަމަ، އޭނާގެ މައްޗަށް ނަމާދު ޤަސްރު ކުރުމެއް ނުވެއެވެ. ސަބަބަކީ ނަމާދު ޤަސްރު ކުރުމަކީ ދަތުރުވެރިންނަށް ޚާއްސަ ކަމަކަށް ވާތީއެވެ. ނަމަވެސް
އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކަށް ހީވެފައި އޮންނަނީ، ނަމާދު ޖަމްޢު ކުރުމަކީ ހަމައެކަނި ދަތުރުވެރިންނަށް ވާ ކަމެކެވެ. ދަތުރުވެރިންނަށް ނަމާދު ޖަމުޢު ކުރެވޭ ފަދައިން ބައެއް ޙާލަތްތަކުގައި ރަށުގައި ޤާއިމުވެ ހުންނަ މީހާއަށްވެސް ނަމާދު ޖަމުޢު ކުރެވެއެވެ. މަތީގައި ބަޔާންވެއެދިޔައީ އޭގެއިން އެއް ޙާލަތެވެ. އެއީ ބަލީގެ ސަބަބުން ނަމާދު ޖަމުޢު ކުރުމެވެ. ދަތުރުމަތީގައި ނޫނަސް ޖަމުޢު ކުރެވިދާނެ ކަމުގެ ދަލީލަކީ: عَنِ ابْنِ عَبَّاسٍ، قَالَ صَلَّى رَسُولُ اللَّهِ صلى الله عليه وسلم الظُّهْرَ وَالْعَصْرَ جَمِيعًا وَالْمَغْرِبَ وَالْعِشَاءَ جَمِيعًا فِي غَيْرِ خَوْفٍ وَلاَ سَفَرٍ . (صحيح مسلم (1/ 489))
މާނަ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ބިރުވެރިކަމެއް ނުވަތަ ދަތުރެއްގެ މަތީގައި ވުމަކާ ނުލާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މެންދުރު ނަމާދާއި އަސުރު ނަމާދު އަދި މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ޖަމްޢު ކުރެއްވިއެވެ."
{މައިގަނޑުގޮތެއްގައި މަޢުލޫމާތު ގެނެވިފައި ވަނީ مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين 15/ 229-230، الشرح الممتع على زاد المستقنع ގައި ވާގޮތުގެ މަތިން އިތުރު ތަފްޞީލާއެކުއެވެ.{
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!