އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން ރޯދައަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަހަރުގެ ރަމަޟާންމަހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައްދަނީ އިއުލާންކުރަމުންނެވެ.
އެގޮތުން، މިހާތަނަށް ދެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ އިމަގު މަދަހަ މުބާރާތާއި ގުރުއާން މުބާރާތެވެ.
މިއަހަރު އިމަގު މަދަހަ މުބާރާތް ކުރީގެ އަހަރުތަކާ ތަފާތުކޮށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމަގުގެ މީޑިއާ ކޯޑިނޭޓަރ ސައުދުﷲ އަހުމަދު ''ތިލަދުން''އަށް ވިދާޅުވިއެވެ.
"މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ ބުރުތަކެއްގެ މައްޗަށް ބަހައިލާގެން. ވަކިވަކި ފަރާތްތަކަށާއި، ގުރޫޕް މަދަހައިގެ އިތުރުން ޑުއެޓް މަދަހަވެސް މިފަހަރު ހުށަހެޅޭނެ" ސައުދުﷲ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާންމަހާ ދިމާކޮށް އަލްމަރުހޫމް ހުސެއިން ޒުހައިރުގެ ހަނދާނުގައި އިމަގުގެ ފަރާތުން ގުރުއާން މުބާރާތެއް ކުރިއަށްގެންދެއެވެ. 17 އަހަރު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާ މިމުބާރާތުގެ އެއްވަނަ އަށްދާ ފަރާތަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމް، ދެވަނަ އަށްދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ތިންވަނަ އަށްދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެކަމަށް އިމަގުން ހާމަކުރެއެވެ. އިމަގު މަދަހަ މުބާރާތާއި ގުރުއާން މުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫއަށް ނިސްބަތްވާ ފަރާތްތަކަށެވެ. މި ދެމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ފޯމް ފުރުމަށް އިމަގުން އެދެއެވެ.
އިމަގު ދަރެސް އަދި އިގްރާ ގެ ނަމުގައި މުޖުތަމައުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ ދުވަހަކު އިމަގުގެ ފޭސްބުކް ޕޭޖަށް ޕޯސްޓެއް އަދާހަމަކުރެއެވެ.
އަދި ނަވުރުމާގެ ނަމުގެ ގިވްއަވޭއެއް ކޮންމެ ހަފްތާއަކު ދޫކޮށްލެވޭނެކަމަށް އިމަގުން ހާމަކުރެއެވެ. ނަވުރުމާގެ މާނައަކީ ވެދުން އެޅި ރުމާލެވެ. ނަވުރުމާ ކުރިއަށް ކުރިއަށްދާނީ ކޮންމެ ހަފްތާއަކު އަދާހަމަކުރާ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކާށް ނަވުރުމާލެއް ވެދުންކުރާ ގޮތަށެވެ.
އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުގެ ފަރާތުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ހާއްސަކޮށްގެން އެކިއެކި ހަރާކާތްތައް ކުރިއަށް ގެންދެއެވެ. މިއީ، އިމަގު ޖަމިއްޔާ އަށް ފަންސަވީސް އަހަރު ފުރޭ އަހަރެވެ. އިމަގުގެ ރިހިޔޫބިލާ ގުޅުވައިގެން ގިނަ ހަރާކާތްތަކެއްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!