ހދ. ކުމުންދޫގައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް، ލައިސަންސް ޓެސްޓުގެ ދުއްވުމުގެ ބުރެއް ބާއްވަން ނިންމައިފިއެވެ.

އެރަށު ކައުންސިލުން ބުނެފައިވަނީ މި ބުރު ބޭއްވުމަށް ނިންމާފައިވަނީ، އެކަމަށް އެދި އެރަށުގެ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާތީ، ހދ. އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށްފަހުކަމަށެވެ.

Ad
rt

އަންނަ މަހުގެ ފަސްވަނަ ދުވަހު މި ދުއްވުމުގެ ބުރު ބޭއްވުމަށް ނިންމާފައިވާއިރު، މުޅިން އަލަށް ލައިސަންސް ނަގާ ފަރާތްތަކުން، ތިއަރީ ޓެސްޓުގައި ބައިވެރިވުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ހދ. އަތޮޅު ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހަޅާ، ތިއަރީ ޓެސްޓު ނިންމުމަށް އެދޭކަމަށް ކުމުންދޫ ކައުންސިލުން ބުނެފައިވެއެވެ.

އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ LL-1 ފޯމު ފުރިހަމަކޮށް، ޕޮލިސް ތައްގަނޑު ޖެހުމަށްފަހު ފޯމާއެކު ނެގިފަހުން ތިން މަސް ނުވާ ޕާސްޕޯޓުގައި ޖެހުމަށް އެކަށީގެންވާ ފޮޓޯއަކާއި، މުއްދަތު ހަމަ ނުވާ އައިޑީ ކާޑުގެ ކޮޕީއާއި، ތިއަރީ ޓެސްޓުގައި ބައިވެރިވުމަށް 100 ރުފިޔާ އަދި 50 ރުފިޔާގެ ރެވެނިއު ސްޓޭމްޕް، ހުށަހަޅަން ޖެހޭނެއެވެ.

ލައިސަންސަށް ކެޓަގަރީ އިތުރުކުރާ ފަރާތްތަކުން ކުރިން ބަޔާން ކޮށްފައިވާ ތަކެތީގެ އިތުރުން، ލައިސަންސް ކޮޕީއާއި އިތުރުކުރާ ކޮންމެ ކެޓަގަރީއަށް 100 ރުފިޔާވެސް ހުށަހަޅަން ޖެހެއެވެ.

ލައިސަންސް އަށް އެދި ހުށަހަޅާ ފޯމު ކުމުންދޫ ކައުންސިލުން ލިބޭނެއެވެ.