ކޯވިޑް-19 ބަލިމަޑުކަމާގުޅިގެން މުޅި ދުނިޔެއާއި، ރާއްޖެގެ އިޤްތިޞާދު ވެސް ހީނަރުވެފައި އޮތް ދުވަސްވަރެއްގައި ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތެއް ގުރުބާން ނުކުރަށްވާ ރައީސްއަކަށް ފެނުނީ މިއަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ، މިއަދު އެމްޑަބްލިއުއެސްސީއަކީ ކާމިޔާބު ކަމާއެކު އެފަދަ މަޝްރޫޢުތައް ހިންގަމުންދާ ކުންފުންޏެއް ކަމަށެވެ.

Ad
rt

ޝާހް ވިދާޅުވީ، މާލޭގައި ތަޖުރިބާ ކުރާކަންކަން ރަށްރަށުގައި ތަޖުރިބާ ކުރާކަށް ބޭނުމެއްނޫން ކަމަށެވެ.

"މާލޭގައި 1960ގެ އަހަރުތަކުގެ ތެރޭގައި އަދި 1980ގެ އަހަރުތަކުގެ ތެރޭގައި ވެސް ވަނީ އެކިއެކި ބަލި މަޑުކަން ފެތުރިފަ، އާދެ ރައްކާރި ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ދިމާވި ސިގެއްލާ، ކޮލެރާ ކަހަލަ ބަލިމަޑުކަންތަކުގެ ސަބަބުން އެތައް ރައްޔިތުންނެއް މިދުނިޔެ ދޫކޮށްދިޔަ، އެކަންކަމާހެދި މާލޭގައި ފެނާ ނަރުދަމާގެ ޚިދުމަތްތައް އެހާ ފުރިހަމަކޮށް ފޯރޮށްދެވިގެން ދިޔައީ، އެހެންނަަމަވެސް މާލެއަށް މީހުން ތޮއްޖެހެމުން ދިޔަލެއް ބޮޑުކަމުން، ހުޅުމާލެއިން ވެސް މިހާރު އެމަންޒަރު ފެންނަމުންދާތީއާއެކު އަޅުގަނޑުމެންނަށް އަބަދުމެ މިތިބެވެނީ ފެނާ ނަރުދަނާ އަޕްގްރޭޑް ކުރުމުގައި މެއިންޓެއިން ކުރުމުގައި 24 ގަޑިއިރު މަސައްކަތް ކުރަންޖެހިފައި'' ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްރަށުގައި އެތަޖުރިބާ ކުރަން ބޭނުން ނުވާކަމަށެވެ. އަދި ފެނާ ނަރުދަމާގެ ޚިދުމަތް ކުމުންދޫގައި ފެށިގެން ދިޔުމަކީ އެފަދަ ބަލިމަޑުކަމަކުން ސަލާމަތްވުމަށްޓަކައި އެޅޭ ވަރަށްބޮޑު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

''ކުމުންދޫއަކީ އެމްޑަބްލިޔުއެސްސީއަށް ވަރަށް ޚާއްޞަރަށެއް، ޚާއްޞަވެގެންދާ އެތައް ސަބަބުތަކެއް އެބަހުރި، ޗެއާމަނުން ފެށިގެން ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އެމްޑަބްލިޔުއެސްސީއާއި ދޭތެރޭ ބަހައްޓަވާ ގުޅުމާއި އަދި މި ޕްރޮޖެކްޓްގެ އަދަދުން ވެސް އެމްޑަބްލިޔުއެސްސީއާއި މިޕްރޮޖެކްޓާ ޚާއްޞަ ގުލުމެއް އެބައޮތް، އާދެ ދިވެހި ސަރުކާރުން އެމްޑަބްލިޔުއެސްސީއާއި ހަާލުކޮށްގެން ކުރިއަށްގެންދާ ފެނާ ނަރުދަމާގެ އެންމެ އަގުބޮޑު ޕްރޮޖެކްޓް ތަންފީޒްވެގެން މިދަނީ ކުމުންދޫގައި، ގާތް ގަނޑަކަށް 103 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރާ ގޮތަށް އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް މިގެންދަނީ މިއީ ވަރަށް ބޮޑު މަޝްރޫޢުއެއް، މި ހާބޮޑު އަދަދެއް އަޅުގަނޑުމެންގެ ފެނާ ނަރުދަމާގެ އެހެން ޕްރޮޖެކްޓެއްގެ ކުރިއަކަށް ނުދޭ، އަދި ވަކީން ޚާއްޞަކޮށް މިރަށާދޭތެރޭ ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ވަރަށް ޚާއްޞަ ގުުޅުމެއް އޮންނަކަން އަޅުގަނޑަށް ފާހަގަ ކުރެވުނު، އެހެން ދަންނަވާލަން މިޖެހުނީ އެމްޑަބްލިޔުއެސްސީއާއި އެމަނިކުފާނު ހަވާލުކޮށްފައިވާ ފެނާ ނަރުދަމާގެ ޕްރޮޖެކްޓްތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރަށްވާއިރު ކުމުންދޫއާއި ބެހޭގޮތުން މައުލޫމާތު ސާފުކުރަމުންދާއިރު އެނގިގެންދާ މިރަށާ ދޭތެރޭ ޚާއްޞަގޮތެއް ގެންގުޅުއްވާކަން'' ޝާހް ވިދާޅުވިއެވެ.

ޝާޙް ވިދާޅުވީ، މިދަތި ހާލަތުގައި ވެސް ރައީސް ޞާލިޙް އިސްކުރެއްވީ ރައްޔިތުން ކަމަށެވެ.

''ދުނިޔޭގެ އިޤްތިޞާދު ހީނަރުވެފައި އޮތް ދުވަސްވަރެއްގައި ކޯވިޑް19 ބަލިމަޑުކަމާގުޅިގެން މުޅ ިދުނިޔޭގެ އިޤްތިޞާދު އަދި ރާއްޖެގެ އިޤްތިޞާދު ވެސް ހީނަރުވެފައި އޮތް ދުވަސްވަރެއްގައި ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތެއް ގުރުބާން ނުކުރަށްވާ ރައީސްއަކަށް ފެނުނީ މިއަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް، ރައީސްއަށް ފަށްފަށުން ޝުކުރު ދަންނަވަން'' ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ އެކުންފުންޏާއި ހަވާލުވެފައި ވަނީ އެރަށުގައި ފެނާ ނަރުދަމާގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރުމަށް ކަމަށެވެ. އެހެންކަންކަން ޕްލޭނިން މިނިސްޓްރީއިން ވަނީ ފުރުހަމަ ކުރަށްވާފައިކަމަށް ޝާހް ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓްގެ ތެރެއިން ކުމުންދޫގެ 480 ގޭބިސީއަކަށް ގުޅުން ގުޅައިދެވޭނެ ކަމަށާއި، ކޮންމެ އާ ރަޖިސްޓަރީ އަކަށް ވެސް ގުޅުން ގުޅައިދެވޭނެ ކަމަށް ޝާހް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރިއަށްދާ ވަގުތުވެސް އިތުރު ގެތަކަށް ގުޅުންތައް ގުޅުމުގެ ފުރުޞަތު އޮންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެ ޕްރޮޖެކްޓްގެ ތެރެއިން 13 ކިލޯ މީޓަރުގެ ވިއުގައަކުން ފެން ގުޅާލެވޭނެ ކަމަށާއި، އަދި 10 ކިލޯ މީޓަރުގެ ވިއުގައުން ނަރުދަމާ ނިޒާމް ގުޅާލެވޭނެ ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.