ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.
އެ ސިޓީ މޮނިޓަރިން ހާލަށް ގެނައީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި އަށް ޅ. ނައިފަރުން ގެނެވުނު ބަލިމީހަކާއި، އޭނާގެ އެހީތެރިޔާ ކޯވިޑަށް ޕޮޒިޓިވްވެ، އެ ކޭހާއި ގުޅިގެން ޖުމްލަ 4 މީހަކު ޕޮޒިޓިވްވުމުންނެވެ.
ކެއާރުއެޗްއިން ވިދާޅުވީ، މި ހާތަނަށް ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމާއެކު މޮނިޓަރިންގެ ހާލަތުން މިހާރު ކުޅުދުއްފުށީ ސިޓީ ވީއްލާފައިވާ ކަމަށެވެ.
''ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ބަލި ފެތުރެމުން ދިއުމާއެކު ރައްކާތެރިކަމުގެ ގޮތުން މާސްކު އަޅާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުއްވުމަށް އިލްތިމާސް ކުރަން، ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ 7606688 އާ ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ދަންނަވަން.'' ކޭއާރުއެޗްއިން ބުނެފަ ވެއެވެ.
އެޗްޕީއޭއިން އެ ސިޓީ، މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް އެ ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.
އެޗްޕީއޭއިން އެ ސިޓީ މޮނިޓަރިން ހާލަތުން ނެގިކަން އަންގާފައި ވަނީ ހަވީރު އިރުއޮއްސި 17:52 ގައެވެ. އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގާފައިވާއިރު، އިއްޔެ ބަޔަކު ވަނީ އެ ސިޓީ މޮނިޓަރިން ހާލަތުން ނެގިކަމަށް އެޗްޕީއޭއިން އެންގި އެންގުންކަމަށް ބުނެ ފޭކް ލިޔުމެއްހަދައި، ނާތަހުޒީބު އަމަލެއް ހިންގާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!