ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން އިހަވަންދޫގެ މަސްވެރިންނަށް ހާއްޞަ ކޮށްގެން ފުޓްސަލް ޗެލެންޖެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި މުބާރާތާއި ގުޅިގެން އިމަގު ޖަމްޢިއްޔާއިން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވަނީ "ބާރަނަ ޗެލެންޖް"ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވެވޭނީ ހަމައެކަނި އިހަވަންދޫ މަސްވެރި އުޅަނދުތަކުގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ކަމުގައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ޓީމް ތަކަށް ނަން ދޭންވާނީ ވެސް މަސްވެރި އުޅަނދުތަކުގެ ނަމުން ކަމުގައެވެ.

Ad
rt

އިމަގު ޖަމްޢިއްޔާގެ މީޑިއާ ކޯޑިނޭޓަރ ސައުދުﷲ، މި މުބާރާތާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ބުނެފައުވަނީ މި މުބާރާތް ރާވާ ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ އިމަގު އުފެދިފައިވަނީ މަސްވެރިންގެ ތެރެއިން ކަމަށްވެފައި މަސްވެރިން ހިތްއުފާކޮށްދީ ވާދަވެރި މާހައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު ހޯދައި ދިނުމަކީ އެ ޖަމްޢިއްޔާއިން ކޮންމެހެން ކުރަން ޖެހޭ ކަމެއް ގޮތުގައި ދެކޭތީ ކަމަށެވެ.

މި މުބާރާތުގެ އިތުރުން މަސްވެރިންނަށް ހާއްސަ ކޮށްގެން މެޑިކަލް ކޭމްޕާއި، ފަޔަފައިޓިން އަދި ފަސްޓްއެއިޑް ފަދަ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށް ދަނީ މުބާރާތާއި ބެހޭ ޤަވައިދުތައް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި ކުރިއަށް އޮތް އޭޕްރިލް މަހުގެ ކުރީކޮޅު މުބާރާތް އިޢުލާން ކުރެވިގެން ދާނެ ކަމުގައި ސައުދުﷲ ވަނީ ބުނެފައެވެ.

"ބާރަނަ" މި ލަފުޒުގެ މާނައެއްގެ ގޮތުގައި ބަސްފޮތުގައި ބުނެފައިވަނީ ބޭރުދުނީގެ ތޮށީގެ ބޭރުން ހެދި ތިލަވަމުން އަންނަ ތަންތަން، މި ތަންތާގައި ހުނނާނީ ގޮށްރާޅު ހެދިފައެވެ. މިއީ ކަނޑު ތިލައެވެ.

އިމަގު ޖަމިއްޔާއަކީ ވަރަށް ފުޅާ ދާއިރާއެއްގައި އިޖުތިމާއީ މަސައްކަތް ކުރަމުން އަންނަ އިހަވަންދޫގެ ވަރަށް ޢިލްމީ ބޭފުޅުން ވެސް އެ ކްލަބްގެ ހިންގުމުގައި ޝާމިލްވާ ޖަމިއްޔާއެވެ.

1996 ވަނަ އަހަރު ރަޖިސްޓަރީކުރި އިމަގު ޖަމްޢިއްޔާއަށް މި ހިނގާ 2021 ވަނަ އަހަރުގެ ތެރޭގައި 25 އަހަރު ފުރޭނެއެވެ. އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި 25 އަހަރު ފުރުމާއި ގުޅުވައި މި އަހަރު އަދި ގިނަ ހަރަކާތްތަކެއް އެ ޖަމްޢިއްޔާއިން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން އެ ޖަމިއްޔާއިން މިހާރު ވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން މަންސަފާގެ ނަމުގައި އުނގަންނައިދިނުމަށް އެހީތެރިވުމުގެ ޕްރޮގްރާމެއް ހިންގަމުން އަންނައިރު، މި ޕްރޮގްރާމް މިހާރު ވަނީ ހދ.ގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްދީފަ އެވެ.

މީގެއިތުރުން މިއަހަރުގެ ޑިސެމްބަރުމަހު ބޮޑުތިލަދުންމައްޗަށް ހުޅުވާލައިގެން 1 ލައްކަ ރުފިޔާގެ އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ''އިމަގު ކަޕް''ގެ ނަމުގައި ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.