ދަނޑުވެރިކަން ނެތްނަމަ އަޅުގަނޑުމެން ވެސް ނުތިބޭނެ ކަމަށާއި، ކޮންމެ ކުއްޖަކުވެސް ވާންޖެހޭނީ ބަހުން ނޫނީ ޢަމަލުން ނޫނީ ރޫޙުން ދަނޑުވެރިކަމަށް ލޯބި ކުރާ ކުއްޖަކަށް ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ މިހެން ވިދާޅުވީ، ޖަމާލުއްދީން ސްކޫލްގެ ދަނޑުވެރިކަމުގެ ޕްރޮގްރާމް، "ކޯދު" ޕްރޮގްރާމް ރަސްމީގޮތުން އިފްތިތާހުކޮށް ދެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

އެ ޕްރޮގްރާމް އިފްތިތާހް ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. ޖޭއެސްގެ ކޯދު ޕްރޮޖެކްޓުގެ މަގުސަދަކީ، ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ އުކުޅުތައް ބޭނުންކޮށްގެން އަތް ފޯރާ ފަށަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ގެނެސްދީ ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމް ފައްޓަވައި ދެއްވުމަށްފަހު، މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދަނޑުވެރިކަން ނެތްނަމަ އަޅުގަނޑުމެން ވެސް ނުތިބޭނެ ކަމަށާއި، ކޮންމެ ކުއްޖަކުވެސް ވާންޖެހޭނީ ބަހުން ނޫނީ ޢަމަލުން ނޫނީ ރޫޙުން ދަނޑުވެރިކަމަށް ލޯބި ކުރާ ކުއްޖަކަށް ކަމަށެވެ.

''ދަނޑުވެރިކަން ނުވާނަމަ، އަޅުގަނޑުމެން ނުވީހެވެ. ކޮންމެ ކުއްޖަކުވެސް ވާންޖެހޭނީ ބަހުން ނޫނީ ޢަމަލުން ނޫނީ ރޫޙުން ދަނޑުވެރިކަމަށް ލޯބި ކުރާ ކުއްޖަކަށެވެ. ގަސް ހައްދައި، އެ ބަލަހައްޓައި އެއިން ލިބޭ ކާނާއިން ކާތަކެތި ތައްޔާރު ކުރުމުގައި އެތައް ހާސް ދުނިޔެވީ ފިލާވަޅެއް ވެއެވެ.'' މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެފަ ވެއެވެ.

ޖޭއެސްގެ ކޯދު ޕްރޮގްރާމަކީ އެންވަޔަރްމެންޓް މިނިސްޓްރީން ބޭއްވި، ސްޓޫޑެންޓްސް ނޭޝަނަލް އެންވަޔަރްމެންޓް ސިމްޕޮޒިއަމް 2 އަށް ޖަމާލުއްދީން ސުކޫލުން ހުށަހެޅި ޕްރޮޕޯސަލް، ގަދަ ދިހައެއްގެ ތެރޭގައި ހިމެނުމުން، އެ މިނިސްޓްރީގެ މާލީ އެހީތެރިކަމާއެކު ކުރިއށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ދަށުން ތިމާވެއްޓާރައްޓެހި ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް ވަނީ ހައްދާފައެވެ.

އެ ޕްރޮގްރާމްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މި މަސައްކަތުގައި އަމަލީގޮތުން މަސައްކަތް ކުރަމުންދަނީ ޖޭއެސްގެ 10 ދަރިވަރެކެވެ. އެކުދިން މި މަސައްކަތް ކުރަނީ އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް، ސްކޫލް ތެރޭގައި ހުރި ގަސްތަކުން ފައިބާ ފަތްފަދަ ތަކެތި ވެއްޔާ އެއްކޮށްގެންނެވެ.

މި ޕްރޮގްރާމްގެ ދަށުން އެކުދިން ވަނީ، މިރުހާއި ކިއުކަންބާ، ބާމިޔާ، ލެޓިއުސް، ބަށި، ޓޮމާޓޯ، ބެލްޕެޕަރ ފަދަ ބާވަތްތައް ހައްދާފަ އެވެ.