ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.
އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ.
ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، މިފަހަރު ޕޮޒިޓިވްވި ދެ މީހުންނަކީ ހޯމް ކަރަންޓީނު ނިންމި 8 މީހެއްގެ ތެރޭން ދެ މީހެއް ކަމަށެވެ. ޕޮޒިޓިވްވީ ދެ ދިވެހީންނެވެ.
އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން މިހާރު ވަނީ ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.
ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ދިއްދޫން ވަނީ ހުސްވި ފެބްރުއަރީމަހުގެ 13 ވަނަ ދުވަހު އެކަކު، އެ މަހު 22 ވަނަ ދުވަހު އެކަކު އަދި 23 ވަނަ ދުވަހު ވެސް 3 މީހުން ޕޮޒިޓިވްވެފައެވެ.
އަދި ހުސްވި ޖެނުއަރީ މަހުވެސް އެރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ދެ ކޭސް ފެނިފައެވެ. އެ އެންމެން ނަކީ ވެސް ހޯމް ކަރަންޓީނު ފުރިހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.
މީގެ ކުރީން ވެސް އެ ރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ކޭސް ތަކެއް ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!