ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި ހދ. މަކުނުދޫން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ ކުޅުދުއްފުށީ ސިޓީން ޕޮޒިޓިވްވި ދެ މީހުންނަކީ ނިމުނު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މާލެއިން އެ ސިޓީއަށް ދިޔަ ދެމީހުން ކަމަށެވެ.
އެ ދެމީހުން ކޯވިޑް ޓެސްޓްކުރީ މާލެއިން ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނުމުން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެ އެވެ. އަދި އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
މީގެއިތުރުން މަކުނުދޫން ޕޮޒިޓިވްވީ ހޯމް ކަރަންޓީން ނިންމައި، ނެގި ސާމްޕަލުން ޕޮޒިޓިވްވި މީހެކެވެ. އެ މީހާއާއިއެކު އިތުރު ހަތަރު މީހުން އެ ގޭގައި ހޯމް ކަރަންޓީނުގައި ތިއްބިކަމަށް ވެސް ކޭއާރްއެޗްއިން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ޕޮޒިޓިވްވީ ބިދޭސީއެކެވެ.
މި ދުވަސްވަރު މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން ޕޮޒިޓިވްވަމުންދާ ކޭސްތައް އިތުރުވަމުންދާއިރު، ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާފައިވާ ރައްކާތެރިމަކުގެ ފިޔަވަޅުތައް މިއަދު ވަނީ ވަރުގަދަކޮށްފަ އެވެ.
މީގެކުރީން ވެސް ކުޅުދުއްފުށީ ސިޓީން ވަނީ ކޯވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އަދި މަކުނުދޫން ވެސް ވަނީ ކޯވިޑްގެ ޕޮޒިޓިވް ދެ ކޭހެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުފެނިފައެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ފާއިތުވީ ހަފްތާގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން 215 މީހަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 159 މީހަކު ފައްސިވެފައި ވަނީ މާލޭ ސަރަހައްދުންނެވެ. ރާއްޖޭގައި މިހާތަނަށް ޖުމްލަ 16056 ކޮވިޑަށް ފައްސިވެފައި ވާއިރު 14190 މީހަކު ބަލިން ފަސޭހަ ވެފައި ވެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ރާއްޖޭގައި 1807 މީހަކު އެބަ ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!