ކުރީ ޢަދަދާއި ގުޅޭ: ސުލައިމާނު ދީދީމެން އެ ގެއިން ނުކުންނެވީމާ، ދަލޭކަ މުޅޯށި ހިފައިގެން އައިސް މެދުގެއަށް އެޅިފައި ހުރި ފުޅިތޮށިތައް ނަގައި އެއަށް އަޅަން ފަށައިފިއެވެ. މާވަޑި ޢަލީ ޖެހި ބުދެއްހެން ގާވެފައި ބޮޑުއަށި މަތީގައި އިނެވެ. އައްޔަށް ސިފަވަމުން ދަނީ ބުޅާ މަސްގަނޑަށް ބަލާ ފަދައިން ސުލައިމާނު ދީދީ ދަލޭކައާ ދިމާއަށް ކަޅިއަޅަމުން ދިޔަ މަންޒަރެވެ. ދަތްކުނޑިވިކައިލުމާ އެކު ދެ އަތް މުށްކަވައިލެވުނެވެ.

"އަހަރެންގެ ހަލާލު އަނބިމީހާއާ ދިމާއަށް އޭނާއަށް އެ ވައްތަރަށް ބަލަން ކެރުނީ ކޮންފަދައަކުން".

Ad
rt

ވާހަކަދައްކަމުން ދިޔައިރު މީހާ ތުރުތުރުއަޅައެވެ. އައްދޯތްއޭ ކިޔައި ދަލޭކަ ރޮއިގަތީމާ އެ ދިމާއަށް ޢަލީ ބަލައިލިއިރު، ކަމަކުދާކަށް ނެތެވެ. ދަލޭކަގެ ކަނާތް އޮތީ ލެއިން ތަތްތެޅިފައެވެ. އިނގިލިތަކާ ދިމާއިން ތިރިއަށް ތަޅުންގަނޑަށް ލޭތައް އެޅެމުން ދެއެވެ. ޢަލީ ބޮޑުއަށި މަތިން ފުންމައިގެން ގޮސް ދަލޭކަގެ އަތުގައި ހިފައި ލޭ އަންނަ ދިމާގައި ބާރަށް އަތްއަޅައި ހިފަހައްޓައިލިއެވެ.

"ދަލޭކާ! ތިޔަ ފުޅިތޮށިތައް ނަގާއިރު ފަރުވާތެރިވާން ވާނެއެއްނު؟ މިހާރު މި ވީ ގޮތް ކިހައި ދެރަ. ނޭނގެ ކިހައި ފުނަކަށް ކަމެއް ވެސް ކަނޑައިގެން ދިޔައީ."

ދަލޭކަގެ އަތުގައި ހިފައިގެން އަތްދޮންނަ ލޯގަނޑު ކައިރިއަށް ގޮސް ކުރައިން ފެން އަޅައި ދަލޭކަގެ އަތް ދޮއްވަމުން ޢަލީ ވާހަކަދައްކަމުން ދިޔައެވެ. ލޭތައް ދޮވެވި ސާފުވީމާ ކަނޑައިގެން ގޮސްފައި ހުރި ތަން ފެނިއްޖެއެވެ.

"އައްދޭ! މާ ބޮޑަށްށޭ ތި ހާސްވަނީ. އެހައި ބޮޑަކަށް ނުދެއެއްނު؟ މި އޮތީނު؟ ކުޑަކުޑަ ތަންކޮޅެކޭ ކެނޑިފައި މި އޮތީ!"

ޝަހާދަތް އިނގިލިން ކަނޑައިގެން ގޮސްފައި އޮތް ތަނަށް އިޝާރާތްކޮށް ވާހަކަދައްކަމުން ޢަލީ ހަމައަކަށް އެޅުވޭތޯ ދަލޭކަ މަސައްކަތްކުރިއެވެ. ދަލޭކަގެ އަތް ދޮއްވާފައި ގެންގޮސް ކުޑަ އަށިމަތީގައި ބައިންދާފައި ކަނޑައިގެން ދިޔަ ތަނުގައި ބޮޑުވައި އިނގިލި އަޅައި އޮބައިގެން އިންނާށޭ ކިޔާފައި ޢަލީ ނުކުތީ ބޭރަށެވެ. އިސާހިތަކު ގެއަށް އަތުވެއްޖެއެވެ. އައިއިރު އަތުގައި ފަން ބުޑަކުން ކަހައި ނަގާފައި ހުރި ރުކުކުނޑި ހުއްޓެވެ. ދަލޭކަގެ އިނގިލީގައި ކަނޑައިގެން ދިޔަ ތަނުގައި ރުކުކުނޑި އަޅައި ދިއްގާ ފަތެއް އޮޅައި ކުންނެހި ފަށަކުން އައްސައިލިއެވެ. ދަލޭކަ އެތާ ބައިންދާފައި، މެދު ގޭގައި ހުރި ފުޅިތޮށިތައް ނަގައި ސާފުކުރީ މާވަޑި ޢަލީއެވެ. މި ކަމެއްގައި އުޅެން ހަދައިގެން ހިނދުކޮޅަކަށް ނަމަވެސް ސުލައިމާނުދީދީގެ މަތިން ޢަލީ ހުރީ ހަނދާންނެތިފައެވެ.

މުށެއްހައި ތަނަށް އިރުއަރައި ދުނިޔެއަށް ފަތުރައިލާފައިވާ ރަން ދޯދި އަލިން ޖައްވު އުޖާލާވެގެން އައިއިރު ސުލައިމާނުދީދީ އިންނެވީ ޢީދުކުޅޭ މަގާ ދިމާ ގޮނޑުދޮށުގައި އޮތް ހުދު ވެލިގަނޑުގައި އިށީނދެ ވަޑައިގެން ކުރިމަތީގައި އޮތް މާ ސިންގާ ކަނޑަށް ބައްލަވާށެވެ. ފަތިސް ނަމާދުން އަވަދިވެ ވަޑައިގެން އިރުއަރާ މަންޒަރު ބައްލަވައިލައްވަން ގިނިކަންޏާ ހިންގަވަމުން ވަޑައިގެން މި ތަނުގެ ހިމުން ދޮން ފަސްގަނޑުގައި މަޑުކޮށްލައްވައިގެން އިންނެވީއެވެ. މީހެއްގެ ހިލަންވީހެން ހީވެވަޑައިގެން ބައްލަވައިލެއްވި އިރު ނުހަނު ގާތުގައި އެ ހުރީ ދަލޭކައެވެ. ރޭގައި ވެސް ދަލޭކަ ލައިގެން ހުރި ބިލިމަގު މާ ކުލައިގެ ލިބާހުގައެވެ. އިރުގެ ރަން ދޯދި ދަލޭކަގެ މޫނަށް އެޅިފައިވުމާ އެކު ސުލައިމާނުދީދީއަށް ދަލޭކަ ފެނިވަޑައިގަތީ ރެއަށް ވުރެ ވެސް މާ ޝާއްބަކޮށެވެ.

"ދަލޭކަ މި ތަނުގައި ކީއްކުރަނީ؟" އިންނެވި ތަނުން ތެދުވެ ވަޑައިގެން ދަލޭކައާ އެއް ހަމައެއްގައި ހުއްޓިވަޑައިގެން ސުލައިމާނުދީދީ ސުވާލުކުރެއްވިއެވެ. "މި އައީ މި އެއްޗެހި ދޮންނަން." ކިހިލީގައި ހުރި ތެލިތަކަށް ދަލޭކަ އިޝާރާތްކޮށްލިއެވެ. "ދެން ތިޔަ ބޭފުޅާ މި ތާ އިންނެވި ތަން ފެނުނީމާ ހިތަށް އެރީ މި ކޮޅަށް ޖެހިލާނަމޭ." ރޭގައި ސުލައިމާނުދީދީއަށް ކަންތައްކުރެއްވުނު ގޮތުން ދަލޭކަ ހުންނާނީ ހިތްހަމަނުޖެހިފައިކަމަށް ސުލައިމާނުދީދީއަށް ހީފުޅުކުރެއްވުނު ނަމަވެސް ދަލޭކަ އެ ކަމާ ރުޅި ނާންނަކަން އެނގިވަޑައިގަތީމާ އެ ދީދީ އުފަލުން ފޮޅިއްޖެއެވެ.

މަގު އަލިވެ ރަސްތާ ސާފުވެއްޖެކަމަށް ފެނިވަޑައިގެންނެވިއެވެ. "އާދޭ މި ތާ އިށީނދެ ވާހަކަދައްކައިލަން." ސުލައިމާނުދީދީ އުޅުއްވީ ދަލޭކަގެ އަތުގައި ހިފައިގެން ގެނެސް ވެލިގަނޑު މަތީގައި ބައިންދާށެވެ. ސުލައިމާނުދީދީ ދަލޭކަގެ އަތުގައި ހިއްޕަވަން ވާއިރަށް ދަލޭކަ ފަހަތަށް ޖެހިލައިފިއެވެ. ސުލައިމާނުދީދީ ކުރިއަށް ޖެހިވަޑައިގަންނަވާ ވަރަކަށް ދަލޭކަ ދަނީ ފަހަތަށް ޖެހެމުންނެވެ. ދަލޭކަ އެންމެ ފަހުން އަވަށާ ދިމާއަށް އެއްގަމަށް ދުއްވައިގެންފިއެވެ.

"ދަލޭކާ! އިހަށް ނުގޮސް އާދެބަލަ! މިތާ ތިބެ ވާހަކަދައްކައިލަން އާދެބަލަ!"

ދަލޭކަ ހެމުން ދުވަމުން ކުރިއަށް ދެއެވެ. ސުލައިމާނުދީދީ ދައްކަވާ ވާހަކައެއް އަޑެއް ނާހައެވެ. ދަލޭކަ ފަހަތުން ސުލައިމާނުދީދީ ވެސް ދުވެވަޑައިގަންނަވަން ފައްޓަވައިފިއެވެ. އެކަމު ދަލޭކަ އަތުވާ ގޮތެއް ނުވިއެވެ. ކިރިޔާ ދަލޭކަގެ އަތުގައި ހިފި ނުހިފި އެހައިވަރެއްގައި ހުންވަނިކޮށް، މަގުމައްޗަށް ނުކުމެފައި އޮތް، ގަހެއްގެ މުލެއްގައި އަޅައިވަޑައިގެން ސުލައިމާނުދީދީ އެ ދިމާ މަގުމައްޗަށް، ކަނޑައި ވައްޓައިލި ރުއްގުޅިއެއް ހެން ގޮސް ޖެހިއްޖެއެވެ.

ތައްޅުވައިގެން ގޮސް ހޭފުޅުލެއްވުނު އިރު ސުލައިމާނުދީދީ އޮންނެވީ ދާހިއްލާ ފޯވެފައެވެ. ވަށައިގެން ބައްލަވައިލައްވައި ކަކުލުގައި އަތްޕުޅު ޖައްސަވައިލެއްވިއެވެ. އެ ވަގުތު، ކޮޓަރީގެ ދޮރުގައި މީހަކު މަޑުމަޑުން ޖަހަމުން، ސުލައިމާނުދީދީއަށް ގޮވާ އަޑު އިވިވަޑައިގަތެވެ. އެއީ، ކަތީބުގެ އަޑުކަން އެނގިވަޑައިގަތުމުން ދޮރު ހުޅުވައިލެއްވިއެވެ.

"ފަތިސް ނަމާދަށް ބަންގި ގޮވައިފި. ނުކުމެ ވަޑައިގަނޭތޯ މަޑުކޮށްލާފައި ޚަބަރެއް ނުވީމާ ދެން މި އަޅުގަނޑު ގޮވައިލީ."

ބޮލުގައި ހުދުކުލައިގެ ޙައްޖުތާކިހަލެއް އަޅުއްވައި އަތްދިގު ގަމީސް ލައްވައި މުންޑު އަންނަވައިގެން ކޮޓަރީގެ ދޮރުމަތީގައި ކަތީބު ހުންނެވިއެވެ.

"ތަން ވިޔަރިވީ ތޯއްޗެ. ރޭގައި ފުރޮޅިފުރޮޅި އޮވެ ނިދުނީ ވަރަށް ލަހުން... ވަރަށް އަވަސްކޮށްލައިގެން އަޅުގަނޑު މި ނުކުންނަނީ."

މިހެން ވިދާޅުވެ ކޮޓަރީގެ ދޮރު ލައްޕަވައިލެއްވުމަށް ފަހު ވަޑައިގެން އަނެއްކާ ވެސް އެނދުގައި އިށީނދެ ވަޑައިގެންނެވިއެވެ. ރޭގައި އަވަހާރަޕުޅުލެއްޕެވުނުއިރު ވެސް އޮންނެވުނީ ދަލޭކައާ މެދު ވިސްނަވާށެވެ. ހިނދުކޮޅަކަށް ވެސް ދަލޭކަގެ އެ ސޫރަ ސުލައިމާނުދީދީގެ ހިތްޕުޅަކުން އަތަކަށް ނުޖެހެއެވެ. ހިތާހިތާ ވިދާޅުވެވުނެވެ.

"މި ފެނުނު ހުވަފެން ހަގީގަތަކަށް ވާނެނަމަ ކޮންފަދަ. ދަލޭކައާ އެހައި ގާތުން ބައްދަލުވެ ވާހަކަދައްކައިލަން ފުރުސަތެއް ލިބޭނެނަމަ..."

ހިޔާލީފޮލާ ކައްކަވަން އިތުރަށް ދެން އެތާ މަޑުުނުކުރައްވަވައި ވެންނެވީ ގިފިއްޔަށެވެ. އޭރު ވެސް ތުންފަތްޕުޅުގައި މަޑުމަޑުން ހަރަކާތްތެރިވަމުން ދިޔައީ އެ ދުވަސްވަރު ވަރަށް އާއްމުކޮށް މީހުން ކިޔަމުން އައި ރައިވަރެކެވެ.

"ޅަ ސާހިބާ ލައިހަދާ ތިޔަ، ކަކާ ބަދަނާ ލިބާހު ދެން، ބަތާނައީ މަނަމަ ދެން."

ފަތިސް ނަމާދުން ނިމިގެން ސުލައިމާނުދީދީ ބޭނުންފުޅުވީ އަތިރިމަތީގައި ހިންގަވައިލައްވާފައި ގެއަށް ވަޑައިގަންނަވާށެވެ. ކަތީބާއި އޭގެ ދެ ބޭފުޅުން އަތިރިމަތީގައި ހިންގަވައިލެއްވުމަށް ފަހު ވަޑައިގެން ހޮޅުއަށީގައި މަޑުކޮށްލެއްވިއެވެ. ރަށުގެ އެކި އުމުރުފުރައިގެ މީހުން އައިސް ސުލައިމާނުދީދީއާ ސަލާންގަލާންކޮށް މާލެއާއި ރަސްގެފާނުގެ ޚަބަރުދަބަރު އޮޅުންފިލުވިއެވެ. ސުލައިމާނުދީދީ ވެސް މި ރަށުގެ އެކިއެކި މައުލޫމާތުތައް ސާފުކުރެއްވިއެވެ.

ސުލައިމާނުދީދީއަށް ފާހަގަކުރެއްވުނު އެއް ކަމަކީ، ރަށު ކަތީބާއި މުދިންބެއާއި ނައިބުކަލޭގެ ނޫނެއްކަމަކު މާވަޑި ޢަލީއަކީ ވެސް މި ރަށުގެ މީހުން ވަރަށް ގަދަރާއި އިހުތިރާމްކުރާ މީހެއްކަމެވެ. އެ މީހުންގެ ވާހަކަތަކުގައި މާވަޑި ޢަލީއަކީ ޚުލްޤު ހެޔޮ ދީލަތި މީހެކެވެ. ރަށުގެ ކޮންމެ މީހަކަށް ކަމެއް ދިމާވިޔަސް، އެންމެ ފުރަތަމަ އެ މީހަކަށް އެހީވުމަށް ދުއްވައިގަންނާނީ ޢަލީއެވެ. ޢަލީ ހަމަނޭވާ ލާނީ ކޮންމެވެސް އަލިމަގެއް ހޯދައިދީފައެވެ. މިއީ، ވަރުގަދަ އައްޔެއްތާއޭ ސުލައިމާނުދީދީގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ.

އިރުއަރައި ދުނިޔެ ހޫނުވާން ފެށުމުން، މިހާރު ހުންނާނީ ސައިހެދިފައި ކަމަށް ވިދާޅުވެ ގެއަށް ދިޔުމުގެ ޚިޔާލު ކަތީބު ފާޅުކުރެއްވިއެވެ. އެ ދެ ބޭފުޅުން މަޑު ހިނގުމުގައި ހިންގަވަމުން ވަޑައިގެން ގެއަށް ވެންނެވިއިރު ބޮޑުއަށިމަތީގައި ހުރީ ސައި ތައްޔާރުކޮށްފައެވެ. ކަތީބުގެ އަނބި މަރްޔަމްމަނިކެ އެ ބޭފުޅުންގެ އިންތިޒާރުގައި ހުއްޓެވެ. މި ދެ ބޭފުޅުން ފެންނައިރަށް، "ދޮންކަނބުލޯ! ނިކަން އަވަހަށް އަތްދޮންނަ ލޯގަނޑާއި ފެންކުރާ ހިފައިގެން އާދެބަލަ!" އޭ ބުނެ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ސިތާރާއަށް މަރްޔަމްމަނިކެ ގޮވައިލިއެވެ. ސިތާރާ އައިސް ސުލައިމާނުދީދީއާއި ކަތީބުގެ އަތް ދޮއްވައިދީފައި ހިނގައްޖެއެވެ.

"ސިތާރާ މީހަކާ ދެވާކަށް ގަސްދެއް ނުކުރައްވަންތޯ؟"

ސުލައިމާނުދީދީގެ މި ސުވާލުން ހީވީ ކަތީބު ދެމަފިރިންގެ ހިތުގެ މައިނާރުގައި މީހަކު އަޅައި އޮބައިލިހެންނެވެ. މެއި ފިތި ނޭވާލާން ދަތިވާ ގޮތްވިއެވެ. "އެއީ އަޅުގަނޑުމެންގެ ހުރި ހަމައެކަނި ދަރިފުޅު. ކޮންމެކޮންމެ މީހަކާ ދެވާކަށް ބޭނުމެއް ނޫން!" ސުލައިމާނުދީދީ މި ސުވާލުކުރެއްވީ މާބޮޑު ޝައުޤެއް އޮވެގެން ނޫނެވެ. ނަމަވެސް، ކަތީބުގެ ވާހަކަ ހުރި ގޮތުން މި ވާހަކަ ކުރިއަށް ގެންދަވާހިތްޕުޅުވެއްޖެއެވެ.

"މި ރަށުގައި ހަމަ އެ މަންޖެއާ އެކަށީގެންވާ މީހަކު ނެތީތޯ؟" ސުލައިމާނުދީދީގެ މި ސުވާލަށް މި ފަހަރު ޖަވާބުދިނީ މަރްޔަމްމަނިކެއެވެ. "އަޅުގަނޑުމެން ބޭނުންވީ އެ މަންޖެ މާވަޑި ޢަލީއާ ދެވަން. އެކަމަކު އަޅުގަނޑުމެން ޢަލީ ގާތުގައި އެ ކަމަށް އެދިއެދި ތިއްބައި ޢަލީ ދަލޭކައާ އެ އިނީ." މަރްޔަމްމަނިކެ ފުން ނޭވާއެއް ދޫކޮށްލިއެވެ. ދަލޭކަގެ ނަން އިވިވަޑައިގަތީމާ ސުލައިމާނުދީދީ، ކަތީބާ ދިމާއަށް ބައްލަވައިލެއްވިއެވެ.

"ސިތާރާއާއި ދަލޭކައާ ދެ ކުދިންނަކީ އެއް ފުރައިގެ ދެ ކުދިން. ދެ ކުދިން ކިޔަވަން އެދުރުގެއަށް ގޮސް އުޅުނީ ވެސް އެކުއެކީ. ފުރާވަރަށް އަރައިގެން އައިއިރު ދެ ކުދިން ވެފައިވަނީ ވަރަށް ގާތް ދެ މިތުރުންނަށް. ނަމަވެސް މާވަޑި ޢަލީއާއި ދަލޭކަ ކައިވެނިކުރި ހިސާބުން އެ ގާތްކަން ނެތިއްޖެ... ދެން ރަނގަޅު މީހަކުވީމާ އެ މަންޖެ ވެސް މީހަކާ ދެވާނީ."

އެ ދެމަފިރިން އެހައި ކަންބޮޑުވެފައި ތިބި ކަމަކާ ބެހޭ ގޮތުން ސުލައިމާނުދީދީ އެއްސެވީމާ ހިތުގައި އުތުރިއަރަމުން ދިޔަ އުދާސްތައް ބަންދުކޮށްގެންނެއް ނުތިބެވުނެވެ.

ސުލައިމާނުދީދީގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ. "އަނެއްކާ މި މަޅި އަހަރެންގެ ބޮލަކަށް ނުމެހޭނެބާ؟" ސުލައިމާނުދީދީ އެއްޗެކޭ ވިދާޅުވިންތޯ އެ ވަގުތު ކަތީބު އެއްސެވިއެވެ. ނޫނެކޭ ވިދާޅުވެ ދީދީ ނާސްތާ ކުރިއަށް ގެންދެވިއެވެ. ނާސްތާކުރައްވައި އަވަދިވެ ވަޑައިގަތުމުން އަތްދޮށްވަން ވެސް މަރްޔަމްމަނިކެ ގެނައީ ސިތާރާއެވެ. ކަތީބު ދެމަފިރިކަނބަލުންގެ އަމަލުތަކަށް ވިސްނައިވަޑައިގަތުމުން ސުލައިމާނުދީދީއަށް މިހާރު ވަހެއް ދޮވަން ފައްޓަވައިފިއެވެ. ސިތާރާ ސުލައިމާނުދީދީއާ ދިމާއަށް ބަލައިލާ ގޮތުން ވެސް އެ ދީދީއަށް އެބަ މެސެޖެއް ލިބިވަޑައިގަނެއެވެ. އެ ވަގުތު ނައިބު ކަލޭގެ ދުރުވެ ސަލާން ގޮވައިލައްވައިފިއެވެ. ރޭގައި އޮތީ ސުލައިމާނު ދީދީއާ އެކު ހެނދުނު ރަދުންގެ ނާކޮޅު ދޮށަށް ދާން ނިންމާފައެވެ. މީގެ ތިން ބޭފުޅުން ވާހަކާގައި ތިއްބަވަނިކޮށް މުދިންބެ ވެސް އަތުވެއްޖެއެވެ. ދެން ހަތަރު ބޭފުޅުން މިސްރާބުޖެހީ ރަށުގެ ދެކުނުކޮޅު ތުނޑިއާ ދިމާއަށެވެ.

އަތްދަށު ވަޑިންނާ އެކު މާވަޑި ޢަލީ މަސައްކަތުގައި އަވަދި ނެތި އުޅެނިކޮށް ފެނުނީ ސުލައިމާނުުދީދީމެން އެ ދިމާއަށް ވަޑައިގަންނަވާ ތަނެވެ. ޢަލީގެ ހިތަށް އެރިއެވެ.

"މިހިރަ އަންނަ ކަލޭގެގެ ބޮލުގައި މި މާ މުގުރުން ޖަހައި ހަމަ ވިހެލާނީ."

މި ވިސްނުމުގައި ހުއްޓައި އެ މީހުން އައިސް ޢަލީއާ ހަމަކޮށްފިއެވެ. މިހާރު ނާކޮޅުގައި ކުރިއަށް ދަނީ މަތިކަން އެޅުމުގެ މަސައްކަތެވެ. ގާތްގަނޑަކަށް ހެން ދެން ނާކޮޅު ބަނދެ ނިމެނީއެވެ. ޢަލީ އޮތީ މަތިކަންފިލާތައް އިއްޔަށް އަމުނައި މާ މުގުރުން ތަޅައި ހިމުންކުރާށެވެ. ސުލައިމާނުދީދީ ޢަލީއާ ވާހަކަދައްކައިލެއްވުމަށް ކުޑަކޮށް ޢަލީގެ ގާތަށް ޖެހިލި ވަގުތު، ޢަލީ އަތުގެ ކޮޅަށް މާ މުގުރު ނަގައި އެ ބާރުމިނުގައި ގެނެސް ފިލާގަނޑުގައި ޖަހައިފިއެވެ. އިވުނު އަޑުފައްގަނޑާ އެކު ދެތިން ފިޔަވަޅު ފަހަތަށް ސުލައިމާނުދީދީއަށް ޖެހިވަޑައިގަނެވުނެވެ. ޢަލީ މުގުރު ބާއްވާފައި ހިންދެމިލާފައި ނާކޮޅުން ފުންމައިލައިގެން އައިސް ސުލައިމާނުދީދީ ގާތުގައި މަޑުކޮށްލިއެވެ. އެ ދީދީއަށް ނާކޮޅާ ބެހޭ މައުލޫމާތު އެރުވިއެވެ. ފަތިހު މިސްކިތުން ދިމާވީމާ، ވާހަކަނުދައްކައި ބޮނދަބޮނދައިގެން މިސްކިތުން ފައިބައިގެން އައި ނަމަވެސް، މި ތަނުގައި އެ ދީދީއާ ވާހަކަނުދައްކާ ފަރުޖެހޭކަށް ނެތެވެ.

ސުލައިމާނުދީދީ ވެސް މާ ގިނައިރަކު މި ތަނުގައި މަޑުކުރައްވާކަން ބޭނުންފުޅެއް ނުވިއެވެ. ޢަލީ މިތާ މަސައްކަތުގައި އުޅެނިކޮށް، ދަލޭކައާ ބައްދަލުވޭތޯ އެ ދިމާއަށް ވަޑައިގަންނަވަން މާ ބޭނުންފުޅުވެއެވެ.

"ޢަލީ ތި އެދުނު ކަންތައްތައް އަހަރެން ރަދުންނަން ދަންނަވާނަން. ޢަލީ ނާކޮޅު ބަނުމުގެ މަސައްކަތްކުރަނީ ވަރަށް ރަނގަޅަށް ކަމަށް ވެސް އަހަރެން ރަދުންނަށް ދަންނަވާނަން. ރަދުން ވަރަށް އުފާވެވަޑައިގަންނަވާނެ. ރަނގަޅު ޢިނާމެއް ވެސް އައްޔަށް ދެއްވަފާނެ."

ޢަލީ ރުއްސޭތޯ ސުލައިމާނުދީދީ ބެއްލެވިއެވެ. ޢަލީ މިއަކަށް އެއްޗެކޭ ނުބުންޏެވެ. މި ދީދީގެ ބައިސާ އަޑުއެހުމުގެ ޝައުޤެއް ޢަލީގެ ނެތެވެ. ނާކޮޅު ބެންނެވުމުގައި އުޅޭ އެެހެން މީހުންނާ ވެސް ކުޑަކޮށް ވާހަކަދައްކަވައިލެއްވުމަށް ފަހު އަރިހުގައި ދުރުވި ބޭފުޅުންނާ އެކު ސުލައިމާނުދީދީ އަވަށާ ދިމާއަށް ދަތުރުފެއްޓެވިއެވެ.

މިއަދު ހަތަރުދަމު ފާއިތުވިއިރު ވެސް ސުލައިމާނުދީދީއަށް ދަލޭކަ ފެނިވަޑައިގަންނަވާ ގޮތެއް ނުވިއެވެ. އަރިހުގައި އަބަދުވެސް ކޮންމެ ވެސް ބަޔަކު ތިއްބަވައެވެ. އެއިން މީހެއްގެ ގާތުގައި އެ ގެއަށް ގެންދާށޭ ވިދާޅުވާކަން ކެރިވަޑައެއް ނުގަތެވެ. ޢަލީ ދެކެ މި ރަށުގެ މީހުން ވާ ލޯބި އެނގިވަޑައިގަންނަވާތީއެވެ. އެކަމަކު ވެސް ދަލޭކައާ ބައްދަލުވުމަށް، ދަލޭކަ ދެކިލުމަށް އެދި ހިތް ގޮވާ ގޮވުމަށް ކެތްކުރެއްވޭ ވަރެއް ވެސް ނުމެ ނޫންމެއެވެ. މި ކަމެއްގައި ފިކުރުބޮޑުވެ އިންނަވަނިކޮށް ޢަޞުރުވެއްޖެއެވެ.

ނަމާދުން އަވަދިވެ ކަތީބާ އެކު ގެއަށް ވަޑައިގެންނެވިއިރު ފިހުނު ދަނޑިއަލުވިއާއި ވަޅޯމަހާއި ކާށި، ހަވީރުގެ ނާސްތާއަށް މަރްޔަމްމަނިކެ ތައްޔާރުކޮށް ސުފުރާ މައްޗަށް ލާފައި ހުއްޓެވެ. ސުލައިމާނުދީދީގެ އަތްދޮށްވަން ސިތާރާ އައުމުން، ސިތާރާގެ ކަންފަތްދޮށަށް ކައިރިވެލައި އެ ދީދީ އެއްޗެކޭ ވިދާޅުވި ތަން ކަތީބަށާއި މަރްޔަމްމަނިކެއަށް ފެނުނެވެ. އަދި ދަރި މަންޖެ ތުއިވެފައި އޮޅެމުން ކަހަލަ ގޮތަކަށް އެ ތަނުން ދިޔަ ގޮތުން ކަތީބަށާއި މަރްޔަމްމަނިކެއާ ދެ މީހުންނަށް އެއްފަހަރާހެން އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. އެ ދެމަފިރިންގެ ހިތުގެ އަޑު ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްސެވިކަމުގެ އުފާވެރި އިހުސާސެއް ކުރުވިއެވެ. މޫނުމަތި އަލިވެގެން ދިޔައެވެ. މަރްޔަމްމަނިކެއަށް މަތި ބަލާލައި ދުޢާކޮށްލެވުނެވެ.
(ނުނިމޭ)

https://thiladhun.wonstasite.com/50504

(ނިމުނީ)