ކުރީ ޢަދަދާއި ގުޅޭ: ދަލޭކައަށް ވިސްނައިދޭން ޢަލީ މަސައްކަތްކުރަމުން ދަނިކޮށް މިސްކިތުން މުދިންބޭ ޢިޝާ ނަމާދަށް ގޮވިއަޑު އިވިއްޖެއެވެ.

ޢަލީ، ދަލޭކައާ ފެއަށް ޖެހިލައި ދަލޭކަގެ ދެ އަތްތިލާގައި ހިފައިލިއެވެ.

Ad
rt

"އެ އިވެނީ މިސްކިތަށް އަންނާށޭ ކިޔައި މުދިންބޭ ގޮވާ އަޑު. އަހަރެން މި ދަނީ ވުޟޫކޮށްލައިގެން އެ ދިމާއަށް. ދަލޭކަ ވެސް ނަމާދުކޮށްގެން އަވަހަށް ތައްޔާރުވޭ. އެ ދީދީ ވަޑައިގަންނަވަން ވާއިރަށް ގޭތެރެ ވެސް ކުޑަކޮށް ރަމަތަކޮށްލަން ވާނެއެއްނުދޯ."

މިހެން ބުނެ ދަލޭކަގެ އަތުން ދޫކޮށްލުމަށް ފަހު މާވަޑި ޢަލީ ހިނގައިގަތީ ގިފިއްޔާ ދިމާއަށެވެ. ނުތަނަވަސްކަން ލިބިފައިވާ ހިތާ އެކު ދަލޭކަ ވަނީ ގޭތެރެއަށެވެ.

ދަލޭކަމެން ދިރިއުޅޭ ގެއަކީ ދެކުނު ފަރާތުން މައިގެއަށް ވަދެވޭ ގޮތަށް ހުރި ގެއެކެވެ. ގެއަށް ވަންނައިރު މޫނު ދިމާވާނީ ގޭގެ އުތުރު ބިތުގައި ޖެހިގެން ހުރި ދިމާއެނދާއެވެ. މި އެނދުގެ ހުޅަނގަށް ހުރީ ކުޑައަށްޓެކެވެ. ދިމާއެނދުގެ އިރަށް ހުރީ ބޮޑުއައްޓެކެވެ. ބޮޑުއަށީގެ އުތުރުކޮޅުގައި ލަކުޑި ބޮޑެތި ފޮށިތަކެއް އަތުރައިލާފައި ހުއްޓެވެ. މި ފޮށިތަކުގައި ރައްކާކޮށްފައި ވަނީ މި ގޭގެ ހަރު މުދަލެވެ. ރަށުގެ ބޮޑު މާދޫލު ކިޔާއިރާއި ޢީދުރޯދަ ފަދަ ޚާއްޞަ ދުވަސްދުވަހު ބޭނުންކުރުމަށް ފޮރުވާފައިވާ ތެލިތަށި ފަދަ ހިފައިގެންގުޅޭ ސާމާނެވެ. އެފަދަ މުނާސަބުތަކުގައި ލައި އުޅޭ އަންނައުނެވެ. ފައިސާއާއި އެ ނޫން ވެސް މުހިއްމު ލިޔެކިޔުންތަކެވެ.

ދަލޭކަ ގޭތެރެއަށް ވަދެގެން އައިސް ބޮޑުއަށި ކައިރިއަށް ހުއްޓި އަށީގެ ބިއްދޮށުގައި އޮޅައިލާފައި އޮތް ސާންތި ބޮނޑިއެއް ނަގައިފިއެވެ. އެ ނިއުޅާލައި އޭގެ ތެރެއިން ދެ ސާންތި ނެގިއެވެ. ދެން އަނެއްކާ ވެސް އެ ސާންތި ބޮނޑި ކުރިން އޮތް ގޮތަށް އައްސައި ބޮޑުއަށީގެ ބިއްދޮށަށް ޖައްސައިލިއެވެ. ސާންތިބޮނޑިން ނެގި ދެ ސާންތީގެ ތެރެއިން އެއް ސާންތި އެޅީ ދިމާއެނދުގައެވެ. އަނެއް ސާންތި އެޅީ ކުޑައަށީގައެވެ. ދެން ދިމާއެނދުގައި އޮތް ހަލަވެލިފަތް އެޅި ދެ ބާލީސް ގެންގޮސް އެތެރެގޭތެރެއަށް ލައި އެ ތަނުގައި އޮތް ދަލޭކަމެން ދެމަފިރިން ބޯއަޅަން ގެންގުޅޭ ކަފައެޅި ދެ ބާލީސް ގެނެސް އޭގެ އުރަ ބަދަލުކޮށްލުމަށް ފަހު ދިމާއެނދުގެ ދެ ކޮޅުގައި ބާއްވައިލިއެވެ. ދެން ދިމާއެނދާ ދިމާވާ ގޮތަށް މަތީގައި އެލުވާފައި ހުރި ފާނޫޒުގެ ހުޅުގަނޑު ބޮޑުކޮށްލައި ގޭތެރެ އަލިކޮށްލިއެވެ.

އަނެއްކާ ވެސް ބޮޑުއަށި ކައިރިއަށް ގޮސް އަށީގެ އެންމެ މަގަތަށް ހުރި ބޮޑު ފޮށި ކައިރިއަށް ހުއްޓި، ދަލޭކަ ލައިގެން ހުރި ލިބާހުގެ ފަސްބައި ކަނާތް ފަރާތުން ނަގައިގެން ގެނެސް ދަތްދޮޅިއާއި މެއާލައި ހިފަހައްޓާލައި އުނަގަނޑުގައި އޮތް ރިހި ގޮށްފައްޓަރުބައިގައި އައްސައިލާފައި އޮތް ތަޅުދަނޑިފަތީގެ ތެރެއިން ތަޅުދަނޑިއަކުން އެ ފޮށީގައި އަޅުވާފައި ހުރި ތަޅު ހުޅުވައިލިއެވެ. ދެން ލިބާހު ފަސްބައި ދޫކޮށްލުމަށް ފަހު، ތަޅު ބޮޑުއަށިމަތީގައި ބާއްވައި ފޮށި ހުޅުވައިލިއެވެ. އޭގެތެރެއިން ރިހިކުލައިގެ ކުޑަވަރެއްގެ ދޮލަނގެއް ނެގިއެވެ. ދެން ކުރެހުން އަޅާފައި ހުރި ބިއްލޫރިތަށިތަކެއް ނަގައި ދޮލަނގުގައި ބަހައްޓައިލިއެވެ. ފޮށީގައި ތަޅުއަޅުވައި ތަޅުލާފައި ދޮލަނގު ހިފައިގެން، ދިމާއެނދާއި ކުޑައައްޓާ ދެމެދުގައި ގޭގެ އުތުރު ފަރާތަށް ނުކުމެވޭ ގޮތަށް ހުރި ދޮރުން ދަލޭކަ ހިނގައިގަތީ އެ ފަރާތަށެވެ.

މިއީ މައިގެއާ އެއް ދިގުމިނަކަށް އެކަމަކު އެއަށް ވުރެ ހަނިކޮށް ހުރި ބައެކެވެ. މި ބައިގައި ވެސް ހުރީ ކުޑައައްޓެއް ބަހައްޓާފައެވެ. ދެކުނު ފަރާތުގެ ފާރުގައި ޖެހޭ ގޮތަށެވެ. މި ތަނުގެ އުތުރު ފަރާތުން ނުކުމެވެނީ ބަދިގެއާ ވީ ފަރާތަށެވެ. މި ތާ ހުރި އަށީގެ އެއް ކޮޅުގައި އަތް ދޮންނަ ލޯގަނޑަކާއި ފެންއަޅާ ކުރައެއް ހުއްޓެވެ. އަށީގެ މެދަކާ ހިސާބުގައި ފަރުތައިލާފައިވާ ސުފުރާ މަތީގައި ރުކުފަތިން ވިޔެފައިވާ ގޮއްޓެއް އޮތެވެ. އަށީގެ ތަންދޮށުގައި ހުރީ މާވަޑި ޢަލީ ގެންގުޅޭ ވަޑާމުގެ ސާމާނުތަކެވެ. ދަލޭކަ ހިފަހައްޓައިގެން ހުރި ދޮލަނގު ގެންގޮސް ބެހެއްޓީ ގޮށި ކައިރީގައެވެ. ދެން އަވަހަށް ގިފިއްޔަށް ވަދެ ވުޟޫކޮށްލައިގެން އެތެރެގޭތެރެއަށް ގޮސް ޢިޝާނަމާދަށް އެރިއެވެ. އެތެރެގޭ ހުރީ ގޭގެ އެންމެ ހުޅަނގުކޮޅުގައި ގޭގެ ފުޅާމިނުން މި ބައިގެ ދިގުމިން ލިބޭ ގޮތަށެވެ. މި ބަޔަށް ވަދެވެނީ އުތުރު ފަރާތަށް ވާގޮތަށް ހުރި ބައިގެ ތެރެއިން ލައިފައެވެ. އެތެރެގޭތެރެއަށް ވަންނަ ދޮރާ ދިމާ މަތީގައި އެއް ފޫޓު އެއް ފޫޓުގެ ބާގަނޑެއް ކަނޑާފައި ހުއްޓެވެ. ގޭގެ އުތުރު ފަރާތަށާއި އެތެރެގޭތެރެއަށް އަލިވާ ގޮތަށް ދިއްލާފައި ހުރި ފުޅި ބައްތި ބަަހައްޓާފައި ހުރީ މި ތަނުގައެވެ. އޭގެ ހުޅުގަނޑުގެ އައްޔަށް ދަތުރުކޮށްފައި އައި ޕަރުވާނާތައް އެ ހުޅުގަނޑުގެ ވަށައިގެން ނަށަމުން ގެންދެއެވެ.

ނަމާދުން އަވަދިވުމާ އެކު ދަލޭކަ ލިބާހުން ދަރެއް، ކަނޑިކިން ދެ ދަރު ހިފާލައި ދުއްވައިގަތީ ބަދިގެއާ ދިމާއަށެވެ. މިހާރު ކުރިން ހުރި ނެގިމަޑުކަން ފިލައި ފިޔަވަޅުތައް ހަލުއިވެއްޖެއެވެ. އަތްމަތި އަވަސްވެއްޖެއެވެ. ސުލައިމާނުދީދީ މި ގެއަށް ވަޑައިގަންނަވަން ވާއިރަށް މާވަޑި ޢަލީއަށް ކާންދީ، ކެޔުމުގެ ކަންތައްތައް ނިންމަން ދަލޭކަ ހިފައިލާފައި ހުރީ ތިޔަހެންނެއް ނޫނެވެ.

އިރުއޮއްސެން ކައިރިވެފައި ހުއްޓައި ކެއްކި ގިއުޅު ގަރުދިޔަ، މަހާއި ބޮލާއެކު ކުޑަ ތެލި ބުރިއަކަށް އަޅައިލިއެވެ. ދެން ލޮނުމިރުސް ލައި، އޮނު ފަތިން ހަދާފައި އޮތް އުލަށް އަމުނާލައި ނާށި އަނގުރުމަތީ ބާއްވައިގެން ފިހެލާފައި އޮތް ފުޅަނގި، އުލުން ދަމައިގަނެ ސިއްލިވާރު ތައްޓަކަށް ލިއެވެ. އަދި އެ ތަށީގެ ކައިރިއަށް ފުނޑާފައި އޮތް ލޮނުމިރުސް ގުޅަ ވެސް ވައްޓައިލިއެވެ. ހަވީރު ގަހުން ބިން ލުނބޯތަކުން ލުނބޮއެއް ވެސް ބުރިބުރިކޮށްލާފައި ތައްޓަށް އަޅައިލިއެވެ. މި އެއްޗެހި ގެންގޮސް ސުފުރާ މަތީގައި ބަހައްޓާފައި ބަދިގެއަށް އައިސް، ފެނުކައްކާފައި ހުރި ދަނޑިއަލުވިކޮޅާއި ގާނާފައި ހުރި ހުނިކޮޅު ކުޑަ ތެލިބުރިއަކަށް އަޅައިގެން ހިފައިގެން ގެންގޮސް އެ ވެސް ސުފުރާ މަތީގައި ބަހައްޓައިފިއެވެ.

އަދި މި އުޅެވެނީ މި ތާ ހުރި އަތްބައްތި ވެސް ރޯ ނުކޮށްކަން ދަލޭކަ ހަނދާންވީ އެ ވަގުތުއެވެ. ދެން އަވަހަށް ފުޅިބައްތީގެ ހުޅުގަނޑުގައި ޖައްސައި އަތްބައްތީގެ ފީތާ ރޯކޮށްލިއެވެ. އޭގައި ކަނިވެފައި ހުރި އެތިކޮޅުތައް އިލޮއްޓަކުން ކޮއްޓައި ފޮޅައިލުމުން ހުޅުގަނޑު ރީތިވެ މުޅި ތަން އަލިވެއްޖެއެވެ. ދަލޭކަ އަތްބައްތި ގެންގޮސް ސުފުރާއާ ދިމާ ތަންކޮޅެއް ދުރުގައި އަށިމަތީގައި ބެހެއްޓިއެވެ. މާވަޑި ޢަލީ ވެސް އެ ވަގުތު ޢިޝާ ނަމާދުން ނިމިގެން އައިސް ގެއަށް ވަދެއްޖެއެވެ. ސުފުރާ މައްޗަށް ބަލައިލާފައި ޢަލީ ބުންޏެވެ.

"މިހާރު ކާން ވެސް ހެދީ ދޯ. އަތްމަތި ހާދަ އަވަސްކޮށްލައިގެންނޭ ތިޔައުޅެނީ. ކާން އަންނާނަށް ބައިނުގައި މި ގަމީސް ބާއްވާލާފައި."

މިހެން ބުނެ ގަމީހުގެ ގޮށްތައް ނައްޓަމުން ޢަލީ ހިނގައިގަތީ އެތެރެގޭތެރެއާ ދިމާއަށެވެ.

ޢަލީ ކާން އަންނަންވާއިރަށް ދަލޭކަ ހުރީ އަތްދޮންނަ ލޯގަނޑާއި ފެންކުރާ ހިފައިގެން ޢަލީގެ އަތް ދޮށްވަން ތައްޔާރަށެވެ. އަތް ދޮވެގެން ގޮސް އަށިމަތީގައި އިށީނދެ ފިހެފައި އޮތް ފުޅަނގިން މަސްކޮޅެއް ނައްޓާލައި ރަހަބަލައިލަމުން ބުންޏެވެ.

"ފުޅަނގި މަހަކީ ފިހެލީމާ ހާދަ މީރު މަހެކޭ ދޯ. އަދި ދަލޭކަ މި ފިހެލާފައި ހުންނަ އިރު ވަކީން މީރުހެން ހީވޭ."

ޢަލީގެ މި ވާހަކަތަކުން ދަލޭކަ ގާތަށް ހިނިއަތުވެއްޖެއެވެ.

ދަލޭކަ ކައްކާ އެއްޗެއްސަށް ތައުރީފުކުރުމަކީ ޢަލީގެ އާދައެކެވެ. ނައުކޮޅު ބަންނަ ވަޑިންނަށް ނައިބުކަލޭގެ ގެ ގޭގައި ރޭގަނޑުގެ ބޮޑުކޮއްތު އޮންނައިރު ވެސް މާވަޑި ޢަލީ ކައިއުޅެނީ ގެއިންނެވެ. ޢަލީއަށް ހިތްހަމަޖެހިގެން ކެވެނީ ދަލޭކަ ކައްކާ އެއްޗެއްސެވެ.

"އެކުން ދެން މާ ވާހަކަ ގިނަ ނުކޮށް ކައި ނިންމަން އުޅޭ. މިހެން ތިއްބައި ސުލައިމާނުދީދީ ވަޑައިގަންނަވާފާނެ."

ރަނގަޅަށް ތައްޔާރު ނުވެ ތިއްބައި އެ ދީދީއެއް މި ގެއަށް ވަޑައިގަންނަވާފާނެތީ ދަލޭކަ ކަންބޮޑުވެއެވެ. މާވަޑި ޢަލީ ވެސް ދެން ދަލޭކައާ މައްލަވަކުރާކަށް ނޫޅުނެވެ. ބެލީ އަވަހަށް ކައި ނިންމޭތޯއެވެ.

ޢަލީ ކައި ނިމުނީމާ އަތްދޮއްވާފައި ތަށިތައް ބަދިގެއަށް ގެންގޮސްފައި ދަލޭކަ ވެސް ކުޑަ ގޮތެއް ހަދައިލިއެވެ. މާބޮޑަކަށް ކެޔުމަކާ ވާގޮތެއް ނުވިއެވެ. ކައިފައި ބާކީ ހުރި ދިޔަކޮޅު ހޫނުކޮށްފައި އުނދުނުގެ ގިނި ނިވައިލާފައި ދަލޭކަ ގެއަށް ވަންއިރު މާވަޑި ޢަލީ ގަމީހުގެ ގޮށްއަޅުވަމުން އެތެރެގޭތެރެއިން ނުކުމެއެވެ. އެ ވަގުތު ބޭރު ގޭތެރެއާ ވީ ފަރާތުން ސަލާން ގޮވައިލި އަޑު އިވިއްޖެއެވެ. އެއީ، މި ރަށު ކަތީބު މުޙައްމަދުބޭގެ އަޑުކަން ޢަލީއަށް އެނގުނެވެ. ސަލާން ބަލައިގަންނަމުން ޢަލީ އެ ފަރާތަށް ނުކުތް އިރު ގޭ ދޮރުމަތީގައި ކަތީބު މުޙައްމަދުބެއާއި ރަށު ނައިބު ކަލޭގެއާއި މުދިންބެއާ އެކު ސުލައިމާނުދީދީ ވެސް ހުންނެވިއެވެ. އަވަހަށް އެ ބޭފުޅުން ގޭތެރެއަށް ވައްދައިފިއެވެ. މާވަޑި ޢަލީ، ސުލައިމާންދީދީއަށް އިޙްތިރާމްއަދާކޮށް އިށީންނެވުމަށް ދިމާއެނދު ދެއްކިއެވެ. ކަތީބާއި ނައިބުކަލޭގެއާއި މުދިންބެ އިށީންނެވުމަށް ދެއްކީ ކުޑައައްޓެވެ. އަދި މާވަޑި ޢަލީ ގޮސް ބޮޑުއަށީގައި ޖައްސައިލިއެވެ.

ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގަވައިލައްވަމުން ސުލައިމާނުދީދީގެ ހިތްޕުޅަށް އަރައިވަޑައިގެންނެވިއެވެ. ގޭތެރެ ހާދަހައި ތަރުތީބުވެފައި ސާފުތާހިރެވެ. ވާހަކަދައްކަވަން ފެއްޓެވީ ސުލައިމާނުދީދީއެވެ.

"މިހާރު ދެން ނާކޮޅުގެ މަސައްކަތް ގޮސްފައިވަނީ ކިހައި ހިސާބަކަށްކަން އެނގިވަޑައިގަންނަވަން ރަދުން ބޭނުންފުޅުވޭ. އަދި އިތުރަށް ދެން ރަދުންގެ ފަރާތްޕުޅުން މި ނާކޮޅަށް ބޭނުންވާ ކަމެއް އޮތްތޯ ޢަލީގެ ކިބައިން ސާފުކުރުމަށް ވެސް ރަދުން އެދިވަޑައިގެންނެވި."

ސުލައިމާނުދީދީ މި ރަށަށް ވަޑައިގެންނެވި ބޭނުންފުޅު ޢަލީއަށް އޮޅުންފިލުވައިދެއްވަން ފެއްޓެވިއެވެ.

ރަދުންގެ ނައުކޮޅުގެ މަސައްކަތް މިހާރު ގޮސްފައި ވަނީ ކިހައި ހިސާބަކަށްކަން ޢަލީ ކިޔައިދޭން ފެށިއެވެ. ޢަލީގެ ވާހަކަތައް އަޑުއައްސަވަން އިންނަވާފައި ސުލައިމާނުދީދީ ވިދާޅުވިއެވެ.

"ނާކޮޅު ބަލައިލަން އަހަރެން މާދަމާ އެ ތަނަށް ދާނަށް. އޭރުން ދެން ފެންނާނެތާ ޢަލީގެ މަސައްކަތް ވެސް."

ކަތީބު މުޙައްމަދުބެއާއި ނައިބު ކަލޭގެއާއި މުދިންބެ ވެސް މި ކަމަށް ތާއީދުކުރައްވާކަން ހާމަކޮށްދެއްވުމުގެ ގޮތުން ބޯޖައްސަވަމުން ގެންދަވައެވެ.

މި ބޭފުޅުން ވާހަކައިގައި ތިއްބައި ދޮލަނގުގައި ފަސް ތަށި ލުނބޯ ފަނި އަތުރާލައިގެން ދަލޭކަ އަތުވެއްޖެއެވެ. އޭރު ސުލައިމާނުދީދީ އިންނެވީ މާވަޑި ޢަލީއާ ވާހަކަދައްކަވާށެވެ. ކުޑަކޮށް އެ ފަރާތަށް ވާ ގޮތަށް އެނބުރިވަޑައިގެންނެވެ. ސުލައިމާނުދީދީއާ ތަންކޮޅެއް ދުރުގައި ހުއްޓި ކުޑަކޮށް ކުރިއަށް ލެނބިލާފައި އެ ތަނުން ތައްޓެއް ސުލައިމާނު ދީދީއަށް ދަލޭކަ އެރުވިއެެވެ. އެ ތަށީގައި ހިއްޕެވި އިރު ވެސް އެ ދީދީ އިންނެވީ މާވަޑި ޢަލީގެ ފުށަށް އެނބުރިވަޑައިގެންނެވެ.

ދަލޭކަ ދިން ތަށީގައި ސުލައިމާނުދީދީ ހިއްޕަވައި އެއިން އެތިފޮދެއް ބެއްލެވިއެވެ. އަދި ދަލޭކައާ ދިމާއަށް ބައްލަވައިލެއްވިއެވެ. އޭރު ދަލޭކަ، ކުޑަ އަށީގައި ތިއްބެވި ބޭފުޅުންނަށް ފަނިފޮދު އަރުވަނީއެވެ. ހަމަ އެ ވަގުތުމެ ސުލައިމާން ދީދީގެ ތުންފަތާ ހަމައިގައި ތަށި ހުއްޓިއްޖެއެވެ. ދަލޭކައަށް ކަޅި ހުއްޓިއްޖެއެވެ. އެސްފިޔަފުޅު ޖައްސަވަން ހަނދުމަފުޅު ނެތިއްޖެއެވެ.

ކުޑަ އަށީގައި ތިއްބެވި ބޭފުޅުންނަށް ފަނިތަށިތައް އެރުވިއިރު ދަލޭކައަށް އޮތީ އެ މީހުންނާ ދިމާއަށް ކުޑަކޮށް ގުދުވެވިފައެވެ. އަނދެފައިވާ ކަނޑިކީގެ ދެކޮޅު ގެނެސް ތޯޑުވާފައިވާ ހިސާބުން ކުޑަކޮށް ދުރުވެފައި ވާތީ ދަލޭކައިގެ ކަނާތު ފައިގެ މަސްއަރާފައިވާ ދޮން ކުޑަކަޅުވާ ހާމައަށް އޮތެވެ. ގަޔަށް ހެޔޮވަރަށް ޖަހައިލާފައިވާ ބިލިމަގު މާ ކުލައިގެ ލިބާހުގެ ފުރަގަހު ކަޅުވަޅުން ދަލޭކަގެ ބޮނބިފަޅި މަތީގެ ދޮން ބޮނޑި މަސްގަނޑު ދިމާއަށް ފެންނާން އޮތެވެ. ކުޑައަށީގައި ތިއްބެވި ބޭފުޅުންނަށް ފަނިތަށިތައް އެރުވުމަށް ފަހު ދަލޭކަ އެނބުރިލީ މާވަޑި ޢަލީއާ ދިމާއަށެވެ. އޭރު މާވަޑި ޢަލީ އިނީ ސުލައިމާނުދީދީއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

މާވަޑި ޢަލީއަށް ފަނިތަށި ދިނުމަށް ފަހު ދޮލަނގު ހިފައިގެން ބަދިގެ ފަރާތަށް ދިޔުމަށް ދަލޭކަ ހިނގައިގަންނަމުން ދިމާއެނދުގައި އިންނެވި ސުލައިމާނުދީދީއާ ދިމާއަށް ބަލައިލިއެވެ. ސުލައިމާނުދީދީ އޭރު ވެސް އިންނެވީ ކަޅިޖައްސަވައި ވެސް ނުލައްވައި ދަލޭކައާ ދިމާއަށް ބަލަހައްޓަވައިގެންނެވެ. ދަލޭކަ ހުރީ ބޮލުގެ ވާތުން މަގެއް ފަޅައި އިސްތަށިގަނޑު ކަނާތްފަރާތަށް ގެނެސް ކަނާތު ކަންފަތްމައްޗާ ދިމާއަށް ހުޅިއެއް ޖަހައިލައިގެންނެވެ. އެއީ، ދިގު އިސްތަށިގަނޑެއްކަމުން ހުޅިޖަހައި ބާކީ އޮތް ބައި ކަނދުރާއާ ދިމާއިން ތިރިއަށް ގެނެސް މޭ މައްޗަށް ދޫކޮށްލާފައި އޮތެވެ.

ދަލޭކައާ ހަތަރުކަޅި ހަމަވި ވަގުތު، ސުލައިމާނުދީދީގެ ހަށިގަނޑުގައި ހިނގައިގަތް ތުރުތުރެއްގެ ސަބަބުން އަތްޕުޅަށް އެރި ލޮޅުމުން ހިފަހައްޓަވައިގެން އިންނެވި ލުނބޯހުތު ފަނިތަށި އަތްޕުޅުން ދޫވެ މެދުގެތެރެއަށް ވެއްޓި ތަށި ތެޅި ފުނޑުފުނޑުވެއްޖެއެވެ. އެ ތަށީގައި ހުރި ފަނިފޮދު މުޅި ތަނަށް ބުރައިގެން ހިނގައްޖެއެވެ. ލިބިވަަޑައިގެންނެވި ސިހުމާ އެކު ކުޑައަށީގައި ތިއްބެވި ބޭފުޅުންނަށް ތެދުވެވިއްޖެއެވެ. ދަލޭކައަށް ބަލައިލެވުނީ މާވަޑި ޢަލީއާ ދިމާއަށެވެ. ދަލޭކަ އެ ތަނުން ދިޔުމަށް މާވަޑި ޢަލީގެ ލޮލުންނާއި ބޮލުން އިޝާރާތްކޮށްލިއެވެ. އިސް ޖަހައިގެން ހުރެ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދަލޭކަ ގޮސް އޮބައިފިއެވެ.
ދަލޭކަ ގޮސް ލޯ މަތިން ގެއްލެންދެން އެ ދިމާއަށް ބައްލަވަން އިންނަވާފައި ސުލައިމާނުދީދީ ވިދާޅުވިއެވެ.

"ވަރަށް މީރު ފަނިފޮދެއް. ދެރައީ ތަށި ވެއްޓި ތެޅި ފަނިފޮދު މި ތަނަށް އެޅުނުކަން. އެ ކަމާ ނިހާޔަތަށް މަޢާފަށް އެދެން!"

ސުލައިމާނުދީދީގެ ތުންފަތުގައި ހޭކިފައިވާ ފަނިފޮދު ދަހިވެތިކަމާ އެކު ލޮވެލިއެވެ. މާވަޑި ޢަލީއަކަށް އެއަކަށް ޖަވާބެއް ނުދެވުނެވެ. ބަލައިލެވުނީ ކުޑައަށި ކައިރީގައި ކޮޅަށް ތިއްބެވި ބޭފުޅުންނާ ދިމާއަށެވެ. އިތުރަށް ދެން މި ގޭގައި މަޑުކުރެއްވުން މި ވަގުތަށް ރަނގަޅެއް ނޫންކަމަށް ސުލައިމާނުދީދީއަށް ވިސްނިވަޑައިގެންނެވިއެވެ.

"މި ވަގުތު ދެން ގޮސްބަލަނީ! މާދަމާ ނާދޮށުން ބައްދަލުކުރާނަން."

މިހެން ވިދާޅުވެ، އަރިހުގައި ވަޑައިގެންނެވި ތިން ބޭފުޅުންނާ އެކު ސުލައިމާނުދީދީ އެ ގެއިން ނުކުމެ ވަޑައިގެންނެވިއެެވެ.
(ނުނިމޭ)

https://thiladhun.wonstasite.com/49994

(ނިމުނީ)