ހދ. ހަނިމާދޫގެ ކްލަބެއް ކަމަށްވާ، ސާއްބަ އެކުވެރި ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދާ، ސާއްބަ އެނިވާސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މިއަދު ކުޅެން ހަމަޖެހިފައިވާއިރު، ފައިނަލްގައި ބައްދަލުކުރާ ދެ ޓީމުގެ ކޯޗުންވެސް ތައްޓާއިމެދު ކުރާ އުންމީދު ވަރަށް ބޮޑުކަމަށް ބުނެފިއެވެ.
މިއަދު ހަވީރު 15:50ގައި ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރަނީ ރޫޙް އަދި ޝީލްޑެވެ.
ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ، ލީގު ބުރުގެ އެއްވަނަ ހޯދައިގެން 12 ޕޮއިންޓާއި ފައިދާ 8 ގޯލާއިއެކު މުބާރާތުގެ ފައިނަލަށް ދަތުރުކުރި ރޫޙް ޓީމުގެ ކޯޗު ފާއިގް އަބުދު ﷲ، މިއަދުގެ މެޗާއި ގުޅޭގޮތުން "ތިލަދުން"އަށް ބުނީ އެ ޓީމު އޮތީ ތަށި ހޯދުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.
''އެންމެ ބޮޑު ހިތް ހަމަޖެހުމަކީ ކުޅުންތެރިން މުބާރާތުގައި ދައްކަމުން އަންނަ ކުޅުމާއި، އެ ކުޅުންތެރިންގެ ހިތްވަރު، ފައިނަލަށް ނުކުންނައިރު އޮތް ގޮންޖެހުމަކީ ޓީމަށް ކުރިމަތިވެފައިވާ އެންޖަރީގެ މައްސަލަ، އެހެން ނަމަވެސް ކުޅުންތެރިންގެ މަސައްކަތުން، އިރާދަ ކުރެއްވިއްޔާ ތަށި އުފުލާލެވޭނެ، މުބާރާތުގެ މެޗުތަކުގައި ކުޅުންތެރިން ވަނީ އެކުދިންގެ ހިތްވަރު ދައްކައިދީ މޮޅު ކުޅުމެއް ކުޅެފައި، އެހެންވެ ވަރަށް އުންމީދުގައި މިހިރީ''
ފާއިގު ބުންޏެވެ.
ފާއިގަކީ ގިނަ ދުވަސްތަކެއް ވަންދެން ރޫޙް ޓީމްގެ ކުޅުންތެރިއެއްގެ ގޮތުން ކުޅުމުގެ އިތުރުން އެ ޓީމުގެ އެންމެ އިސް އެއް މުގުލެވެ. އަދި އޭނާއަކީ ހަނިމާދޫގައި އުފެދުނު މޮޅެތި، ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މީހެއް ވެސް މެއެވެ. ރޫޙް ޓީމުން މި މުބާރާތުގައި ހޯދަމުން އަންނަ ނަތީޖާއިން އޭނާގެ ތަޖުރިބާގެ ބޭނުންކޮށް، ރޭވުންތެރިކަން ދަނީ ދައްކުވައި ދެމުންނެވެ.
މިއީ ރޫޙް ޓީމް ހަނިމާދޫގައި ބާއްވާ ބޮޑު މުބާރާތެއްގެ ފައިނަލް ކުޅޭ ދެވަނަ ފަހަރެވެ. މިއަހަރު އެއްވާމެއްގައި އެޓީމުން ދައްކަމުންދާ ރޫޙަކީ އެޓީމްގެ ސަޕޯޓަރުން ވެސް މި މުބާރާތުގެ ތައްޓާއިމެދު ކުރާ އުންމީދު ބޮޑުވެފައިވާ ސަބަބެކެވެ.
މި މުބާރާތުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ނުކުމެ، 5-1 ލަނޑުގެ ބޮޑު ތަފާތަކުން ޔޫތު ފްރެންޑްސް ބަލިކޮށް، ފައިނަަލަށް ދަތުރުކުރި ޝީލްޑް ދަނީީ އެ ނަތީޖާއާއިއެކު އެ ޓީމުގެ ފޯމު ދައްކުވައި ދެމުންނެވެ. އެ ބޮޑު ކާމިޔާބީއާއިއެކު މިއަދުގެ ފައިނަލަށް ނުކުންނަ އެ ޓީމުގެ ކޯޗު މުޙައްމަދު ނާސިރު ''ތިލަދުން'' އަށް ބުނީ ފައިނަލް މެޗަށް ވެސް ނުކުންނަނީ އެހެން މެޗްތަކެކޭ އެއްގޮތަށް މޮޅުވާން ކަމަށާއި، އިދިކޮޅު ޓީމަށް ރެސްޕެކްޓް ކުރުމާއިއެކު، ޝީލްޑްގެ ކުޅުންތެރިން ވެސް ތިބީ ތަށި އުފުލާލުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.
''އެކުގައި ކުޅޭޓީމަށް އަޅުގަނޑުމެން ދޭންޖެހޭ ރެސްޕެކްޓެއް ދޭނަން، ފައިނަލަށް މި ނުކުންނަނީ ވެސް އެހެން މެޗުތަކެކޭ އެއްގޮތަށް މޮޅުވާން، ކުޅުން ތެރިން ތިބީ ވަރަށް އެކުގައި، ތަށި އުފުލާލުމުގެ އަޒުމްގައި، އިރާދަކުރެއްވިއްޔާ އެކަން ހާސިލްވާނެ''
ނާސިރު ބުންޏެވެ.
ނާސިރަކީ ރާއްޖޭގައި އެންމެ މަތީފަންތީގައި، ފުރަތަމަ ޑިވިޒަނަށާއި، ޤައުމީ ޓީމަށްކުޅެފައިވާ ތަޖުރިބާކާރެކެވެ. އަދި އޭނާއަކީ ރާއްޖެދުށް މޮޅު ޑިފެންޑަރުން ތެރެއިން ގުނާލެވުނު ޑިފެންޑަރެކެވެ. ޤައުމީ ޓީމުގެ ފަތަހަތް ބެލެހެއްޓުމުގައާއި، ނިއުރޭޑިއަންޓްގެ ފަހަތް ބެލެހެއްޓުމުގައި އޭނާ ވަނީ އެކަން ސާބިތުކޮށްދީފައެވެ.
މި މުބާރާތަކީ ޝީލްގެ އުމުރުންވީ ހޭދަވި 3 އަހަރުތެރޭ ހަނިމާދޫގައި ބޭއްވޭ ބޮޑު މުބާރާތެއްގެ ފައިނަލް ކުޅޭ ދެވަނަ މުބާރާތެވެ. އަދި މިއީ ނާސިރު އެޓީމާއި ހަވާލުވެ ކުޅޭ ދެވަނަ ފައިނަލެވެ. ނާސިރުގެ ތަޖުރިބާއާއި، ހުނަރުގެ ބޭނުންކޮށް ޝީލްޑުން ދަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމުގެ ޒުވާން ބުންވަރާއި، ކުޅުންތެރިން ކުރާ ހިތްވަރާއި، ދައްކާ ހަލުވި ކުޅުމާއިއެކު، އެ ޓީމުގެ ސަޕޯޓަރުން ވެސް ތިބީ މި މުބާރާތުގެ ތައްޓާއިމެދު ވަރަށް އުންމީދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!