ށ. ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގެ ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި އެވެ.

ގޮއިދޫ ކައުންސިލުން އެރަށުގެ ދަނޑުވެރިންނަށް ހެޔޮއަގެއްގައި ގަސްކާނާ ފޯރުކޮށްދީފައި ވަނީ އަންނަ ރަމަޟާން މަހަށް ދަނޑުތައް ހައްދާ އެރަށުގެ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށް ގޮއިދޫ ކައުންސިލުން ވިދާޅުވިއެވެ.

Ad
rt

ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދު ''ތިލަދުން''އަށް ވިދާޅުވީ، އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަށްވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ.

''އަޅުގަނޑުމެން ކައުންސިލަކީ ރައްޔިތުންގެ ބޭނުންތައް ބަލައި، ކައުންސިލްގެ ކެޕޭސިޓީހުރި ވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ތިބި ބައެއް، އެނގިވަޑައިގަންނަވާނެ މިއީ ވަރަށް ދަނޑުވެރި ރަށެއް، އަޅުގަނޑުމެން ބެލީ ދަނޑުވެރިންނަށް އެހީތެރިކަން ބޭނުންވަނީ ކޮންކަމަކުންތޯ، މި ގޮތުން އެނގުނީ ދަނޑުވެރިން ބޭނުންވާ ގަސްކާނާގެ ދަތިކަން ކުރިމަތިވެފައިވާކަން''

ޝާހިދު ވިދާޅުވިއެވެ.

ގޮއިދޫ ދަނޑުވެރިން ގަސްކާނާތަކާއި ބަނދަރުން ހަވާލުވެ، އުފުލުމުގެ މަސައްކަތުގައި

ޝާހިދު ވިދާޅުވީ އެރަށަކީ ދަނޑުވެރި ރަށަކަށް ވީނަމަވެސް، އެރަށުން ގަސްކާނާ ގަންނަން ލިބެން ނުހުންނަ ކަމަށެވެ. އަދި މާލޭ ބާޒާރުން ގަނެގެން ރަށަށް ގެންނަނަމަ ގަސްކާނާގެ އަގު ބޮޑުވެގެން ދާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ލުއި ގޮތެއްގައި، ހެޔޮ އަގެއްގައި ގަސްކާނާ ދަނޑުވެރިންނަށް ފޯރުކޮށްދޭން ކައުންސިލުން އިސްނެންގެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

''މާލޭ ބާޒާރުން 65 ވަރަކަށް ރުފިޔާއަށް ލިބޭ ގަސްކާނާ ބަސްތާއެއް ރަށާއި ހަމައަށް އަންނައިރު ނާލާއި، އެހެނިހެން ޚަރަދުތަކާއިއެކު ބަސްތާއެއްގެ އަގު އެބަ އަރާ 85 ރުފިޔާ ނޫނީ 90 ރުފިޔާއަށް، ކައުންސިލުން މި ކުރިކަމަކީ ވިޔަފާރިވެރިއަކާއި ގުޅިގެން ގަސްކާނާ ބަސްތާއެއް 65 ރުފިޔާގެ ރޭޓުން ރަށާއި ހަމައަށް ފޯރުކޮށް ދިނީ، އަޅުގަނޑުމެން މިދިޔަ އަހަރުވެސް މިކަން ކުރިން، އެ އަހަރު ގަސްކާނާ ބަސްތާއެއް ރަށާއި ހަމައަށް އައީ 75 ރުފިޔާއަށް، މިފަހަރު އެއަށްވުރެ ބަސްތާއަކުން 10 ރުފިޔާ ހެޔޮކޮށް މި ގެނެސް ދެވުނީ، ދަނޑުވެރިން ލާރިދެއްކީމައި މި އަގުގައި ރަށުގެ ބަނދަރާއި ހަމައަށް ގެނައުމުގެ ދައުރު ކައުންސިލުން އަދާކުރީ''

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މި ފުރުޞަތުގެ ބޭނުން އެރަށުގެ ދަނޑުވެރިންކުރެ 90 އިންސައްތަ ދަނޑުވެރިން ހިފާފައިވާ ކަމަށާއި، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް 33 ޓަނަށްވުރެ ގިނަ ގަސްކާނާ އެރަށުގެ ދަނޑުވެރިންނަށް ހެޔޮއަގުގައި ފޯރުކޮށް ދެވިފައިވާ ކަމަށެވެ.

ށ. ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގެ ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފައިވާއިރު، އެރަށަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ.