އައު އިންޖީނުގެ އިމާރާތްކުރުމަށް ހއ. ދިއްދޫއިން 60 މުވައްޒަފުން ހޯދަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އިޢުލާންކޮށްފި އެވެ.

ފެނަކަ އިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 30 ސްކިލްޑް ލޭބަރ އަދި 30 ނޮން ސްކިލްޑް ލޭބަރ އިން އެކުންފުނީގެ ހއ.ދިއްދޫ ބްރާންޗަށް ކޮންޓްރެކްޓް އުޞޫލުން (6 މަސް ދުވަހަށް) މީހުން ހޯދުމަށް ބޭނުންވާކަމަށެވެ.

Ad
rt

އެއިޢުލާނުގައި ބުނެފައިވަނީ، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް އެ ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހއ.ދިއްދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އަށް ލިބެންހުންނާނެކަމަށެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެކަމަށްވެސް ބުނެފައިވެ އެވެ.

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ، ނުވަތަ އެކުންފުނީގެ އީމެއިލް jobs@fenaka.mv އަށް ނުވަތަ ހއ.ދިއްދޫ ބްރާންޗަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުމަށް ވަނީ އެދިފަ އެވެ.

ދިއްދޫގައި އިމާރާތް ކުރާ އައު އިންޖީނުގެ އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު އެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން ކުރިޔަށްދާ މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ދިއްދޫގައި އިމާރަތްކުރާ އިންޖީނުގޭގައި 10 މެގަވޯޓުގެ ސިސްޓަމެއް ބެހެއްޓޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަށްރަށުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި ޒަމާނީ އިންޖީނުގެތަކެއް އެޅުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް އަލިއަޅުއްވާލައްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު އެދުވަހު ވިދާޅުވެފައިވަނީ، ދިއްދޫގެ އާ އިންޖީނުގޭގެ ބިންގާ މިއަދު އެޅިގެންދިޔަކަމީ، ދިއްދޫގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ދިއްދޫގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނު ގެއިން އިވޭ ގަދަ އަޑާއި ދުމުގެ ސަބަބުން ރައްޔިތުންނަށް އަންނަނީ ތަފާތު އެތަކެއް ގޮންޖެހުން ތަކަކާ ކުރިމަތި ވަމުންނެވެ. މިއިންޖީނު ގެ އިމާރާތް ކުރެވިގެން ދާނީ ރައްޔިތުން ދިރިއުޅޭ ސަރަހައްދާ 200 ވަރަކަށް ފޫޓު ދުރުގައެވެ.