ހދ. ކުޅުދުއްފުށި ސިޓީގެ ހިއްކިބިމުގައި ހުރި ގައު ފުނިތަކުން ގައު ބޭނުންވާ ފަރާތްތަކަށް ގައު ދޫކުރާގޮތަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އިން ނިންމައިފި އެވެ.

އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ގައު ބޭނުންވާ ފަރާތްތަކުން ކައުންސިލުން އެކަމަށް ހުށަހަޅަންޖެހޭ ފޯމް ނަންގަވާ ހުށަހެޅުއްވުން އެދޭކަމަށެވެ.

Ad
rt

ގައު ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއަކު އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ 9:00 ން 12:00 އަށް ކަމުގައި އެކައުންސިލުން ބުނެފއެވެ.

މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް އެ އިދާރާގެ ކައުންޓަރުން ރަސްމީ ކޮންމެ ދުވަހަކު 9:00 ން 12:00 އާއި ދެމެދު ލިބިވަޑައިގަންނަވާނެކަމަށާއި އަދި އެއިދާރާގެ ވެބްސައިޓު www.kulhudhuffushicity.gov.mv އިން ޑައުލޯޑް ކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.

ގައު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލެއްވެސް އެކައުންސިލުން ވަނީ ޢާއްމުކޮށްފަ އެވެ.

ކުޅުދުއްފުށި ސިޓީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ނިންމާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކަނޑާފައިވާއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ވެސް ހަދާފައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ބަނދަރުގައި ފެރީޓާމިނަލެއް އިމާރާތް ކުރުމާއި، ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިލް ފިހާރަތަކާއި ނަމާދުކުރާތަނެއް އަދި ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ތަރައްގީކޮށްފައެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއު އަށް 137.6 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ.